ފެނާއި ނަރުދަމާ ނިޒާމުގެ މަރާމާތު ފަދަ މަސައްކަތްތަކަށް 3.3 ބިލިއަން ރުފިޔާ ބޭނުންވޭ: މިނިސްޓްރީ

ފެނާއި ނަރުދަމާ ނިޒާމުގެ މަރާމާތު ފަދަ މަސައްކަތްތަކަށް 3.3 ބިލިއަން ރުފިޔާ ބޭނުންވާ ކަމަށް އެންވަޔަރެމެންޓް މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެންވަޔަރަމެންޓް މިނިސްޓްރީގެ ވޯޓާ އެންޑް ސެނިޓޭޝަން ޑިޕާޓްމެންޓްގެ ޑިރެކްޓާ ޖެނެރަލް މުހައްމަދު މުސްތަފާ ވިދާޅުވީ، ބައެއް ރަށްރަށުގެ ފެނާއި ނަރުދަމާގެ ނިޒާމަށް ވަރަށް ދުވަސްވެފައިވާ ކަމަށެވެ.

އެހެންވެ، އެ ނިޒާމުތައް އަޕްގްރޭޑްކޮށް، މަރާމާތުކޮށް، ފުޅާކުރުމުގެ މަސައްކަތަށް ބޭނުންވާ ފައިސާގެ އަދަދު ދެނެގަތުމަށް އެސެސްމެންޓެއް ހެދި ކަމަށް އޭނާ ވިދާޅުވިއެވެ.

އެ އެސެސްމެންޓުން، މަސައްކަތްތަކަށް 3.3 ބިލިއަން ރުފިޔާ ބޭނުންވާ ކަމަށް އަންދާޒާ ކުރެވުނު ކަމަށް މުސްތަފާ ވިދާޅުވިއެވެ.

މިއީ ހަމަ ގްރޭޓާ މާލެ ވެސް ހިމެނޭ ގޮތަށް، އެހެންވީމަ ޖުމްލަކޮށް ލަފާކުރެވެނީ އެހާކަށް ވަރަށް އަދިވެސް ބޭނުންވާ ކަމަށް، ދެން މިހާރު ވެސް އެބަ ކުރިއަށްދޭ އެކި އެކި މަޝްރޫއުތަކުގެ އެކިއެކި ގޮތްގޮތަށް އަޕްގްރޭޑިން، އެކްސްޓެންޝަން، އެކްސްޕެންޑް ކުރުމުގެ މަސައްކަތް ކުރިއަށްގެންދޭ ވަރަށް ބާރަށް
އެންވަޔަރަމެންޓް މިނިސްޓްރީގެ ވޯޓާ އެންޑް ސެނިޓޭޝަން ޑިޕާޓްމެންޓްގެ ޑިރެކްޓާ ޖެނެރަލް މުހައްމަދު މުސްތަފާ

މުސްތަފާ ވިދާޅުވި ގޮތުގައި، ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް މިހާތަނަށް ނިމިފައި ނުވަނީ މަދު ރަށެއްގައެވެ. އެގޮތުން 152 ރަށެއްގައި އެ ނިޒާމު ގާއިމުކޮށް ނިމިފައިވާއިރު، ބާކީ އޮތީ 36 ރަށް ކަމަށާއި އެއީ އާބާދީގެ ފަސް ޕަސެންޓު ކަމަށް އޭނާ ވިދާޅުވިއެވެ.

މުސްތަފާ ހިއްސާކުރެއްވި ތަފާސްހިސާބުގައިވާ ގޮތުން، ފެނުގެ ނިޒާމު 143 ރަށެއްގައި ގާއިމުކޮށް ވަނީ ނިމިފައެވެ. އެ މަސައްކަތް ނުނިމެނީ 46 ރަށެއްގައި ކަމަށްވާއިރު އެއީ އާބާދީގެ ހަ ޕަސެންޓް ކަމަށް އޭނާ ވިދާޅުވިއެވެ.

https://sun.mv/210090

ފެނާއި ނަރުދަމާގެ ގާނޫނުގައި މީގެ ކުރިން އޮތް ގޮތުން މި އަހަރުގެ އޯގަސްޓު ފަސްވަނަ ދުވަހުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރަންޖެހެއެވެ. މި ސަރުކާރުގެ ސުޕަމެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ވަނީ، އެ މުއްދަތު 2027 އާ ހަމައަށް އިތުރުކުރަން މިދިޔަ އަހަރުގެ އޯގަސްޓު މަހު ފާސްކޮށްފައެވެ.

ކުޑަ ރަށެއް, ބޮޑު ރަށެއް ތަފާތު ކުރުމެއް ނެތި ކަމަށް ބުނެ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ވަނީ ގިނަ ރަށްތަކެއްގައި ފެނާއި ނަރުދަމާ ގާއިމު ކުރުމުގެ މަސައްކަތް ފަށައިފައެވެ. ނަމަވެސް، އެ ވެރިކަން ނިމުނުއިރު އޭގެ ތެރެއިން ގިނަ މަޝްރޫއުތަކެއް ނިންމޭ ގޮތެއް ނުވިއެވެ.

މި ސަރުކާރުގައި އެ މަޝްރޫއުތައް ނިންމަން މަސައްކަތް ފެށުމަށް ފަހު، މިދިޔަ އަހަރު ދައުލަތުން ގިނަ މަޝްރޫއުތައް މަޑުޖައްސާލައިފައި އޮތުމުގެ ކަންބޮޑުވުން އިތުރުވިއެވެ.

comment ކޮމެންޓް