ސަޓާގައި ދިވެހިންގެ ހުނަރާ އަޑު އިއްވައިދޭން "ހަބޭސް" ލަންކާއަށް!

"ހަބޭސް" - އެ ގްރޫޕާ އަލަށް ގުޅުނު މެމްބަރުންނާއެކު --- ފޮޓޯ/ ހަބޭސް އެފްބީ ޕޭޖް

ސްރީ ލަންކާގައި މިއަދު ފަށާ ދެކުނު އޭޝިއާ ސަރަހައްދަށް ޚާއްސަކޮށްގެން ބާއްވާ ފަތުރުވެރިކަމުގެ އެންމެ ޝަރަފްވެރި އެވޯޑް ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) އަށް ރާއްޖޭގެ މަޝްހޫރު ބޮޑުބެރު ގްރޫޕް ލަންކާއަށް އަތުވެއްޖެއެވެ.

މިއީ، ރާއްޖޭގައި އެންމެ ފޯރިއާއެކު ނަގާކިޔާ އެއް ބޮޑުބެރު ގްރޫޕް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި ބައެއް މެމްބަރުންނާއެކު ގިނަ އަދަދެއްގެ މެމްބަރުން މިދިޔަ މަހުގެ ތެރޭގައި އެ ގްރޫޕުން ވަކިވުމަށްފަހު، ގިނަ އާ މެމްބަރުންތަކަކާއެކު ހަބޭސް ރާއްޖޭން ބޭރަށް ކުރާ ފުރަތަމަ ދަތުރެވެ.

އެގޮތުން، އެ ގްރޫޕަށް އަލަށް ގުޅިފައިވާ ފާހަގަކޮށްލެވޭ ބައެއް މެމްބަރުންގެ ތެރޭގައި ބޮޑުބެރު ޗެލެންޖު މުބާރާތުން އެންމެ މޮޅު ލީޑް ވޯކަލިސްޓުގެ މަގާމް ހޯދާފައިވާ އިބްރާހިމް ޝާއިރު (ތާރޭ) އަދި 2011 ވަނަ އަހަރު ވޮއިސް އޮފް މޯލްޑިވްސްގެ އެއްވަނަ މަގާމް ހޯދި ހަސަން ތޮލާލު ހިމެނެއެވެ.

ހަބޭސް ގްރެވިޓީގައި ވެސް ހަރަކާތްތެރިވާ، ރާއްޖޭގައި ބޭއްވި ފުރަތަމަ މޯލްޑިވިއަން އައިޑޮލްގެ ގަދަ ހަ ވަނަ މަގާމް ހޯދި އިބްރާހިމް މުއައްޒިން (ރޮކްސްޓާ) ވެސް ވަނީ ހަބޭސް ބޮޑުބެރު ގްރޫޕަށް ލަވަކިޔަން ފަށާފައެވެ.

ހަބޭސް ބޮޑުބެރު ގްރޫޕުގެ މެނޭޖަރު އަލީ ޝިފާއު (އައްޔަ) ބުނީ، މާދަމާ ރޭ މައުންޓް ލެވީނިއާ ހޮޓަލުގައި ބާއްވާ ސަޓާގެ ގާލާ އިވެންޓުގައި އެ ގްރޫޕުން ބޮޑުބެރުގެ ހަރަކާތްތަކުގެ އިތުރުން ދިވެހި ސަގާފީ އައިޓަމްތަކެއް ވެސް ހުށަހަޅައިދޭނެ ކަމަށެވެ.

މިއަހަރުގެ ސަޓާ އެވޯޑްސް އިންތިޒާމްކުރާ ރާއްޖޭގެ މަޝްހޫރު އަދި ތަޖުރިބާކާރު އިވެންޓްސް މެނޭޖްމަންޓް ކުންފުނި ހައިރައިޒްގެ ޑިރެކްޓަރު އިސްމާއިލް ހަމީދު (ހައިރައިޒް އިއްސެ) ވިދާޅުވީ، ހަބޭސްގެ ހަރަކާތްތަކުގެ އިތުރުން ލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަންގެ ފަރާތުން ދިވެހި ސަގާފީ ހަރަކާތްތަކެއް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށެވެ.

އޭގެއިތުރުން، ދިވެހި ޒުވާނުންތަކެއް ހިމެނޭ، ލަންކާގައި ކުޅޭ ބޭންޑެއް ކަމަށްވާ "އޮޓޯޓޫނާސް" ވެސް ކުޅޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ލަންކާގައި ހުންނަ އެންމެ ދުވަސްވީ އަދި ލަގްޒަރީ ހޮޓެލް މައުންޓް ލެވީނިއާގައި މިއަދާ މާދަމާ ކުރިއަށްދާ ސަޓާގެ ގާލާ އިވެންޓް އޮންނާނީ މާދަމާ ރޭގައެވެ. މިއަހަރުގެ އެވޯޑްސްގައި 10 ސެގްމަންޓަކުން 39 ކެޓަގަރީ އަކުން އެވޯޑް ދޭން ނިންމާފައިވާ އިރު، އެވޯޑަށް 273 ފަރާތްތަކުން ނޮމިނޭޓް ވެފައިވެއެވެ.

comment ކޮމެންޓް