ގައުމީ ކުޅިވަރު އެކުވެނި އެޅުމަށް 40 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ގައުމީ ކުޅިވަރު އެކުވެނި އެޅުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ: މުއާވިއަތު އަންވަރު

ހުޅުމާލޭގައި އެޅުމަށް ނިންމާފައިވާ ގައުމީ ކުޅިވަރު އެކުވެނި އެޅުމަށް 40 މިލިއަން ޑޮލަރު (616.8 މިލިއަން ރުފިޔާ) އެއްބަސްވުމެއްގައި ބައިނަލްއަގްވާމީ ކުންފުންޏެއް ކަމަށްވާ އޭޖީޓީ މެނޭޖްމަންޓް ކޮންސަލްޓިން އެންޑް ކޮންސްޓްރަކްޝަން ސާވިސަސް ލިމިޓެޑާ އެކު ސޮއިކޮށްފި އެވެ.

ހޮޓެލް ޖެންގައި މިއަދު ބޭއްވި ހާޢްސް ހަފްލާއެއްގައި އެއްބަސްވުމުގައި ސޮއިކުރީ ޒުވާނުންނާއި ކުޅިވަރާ ބެހޭ ވަޒީރު އިރުތިޝާމް އާދަމާއި މާލީ ވަޒީރު އަހުމަދު މުނައްވަރާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން އެވެ. އަދި އޭޖީޓީގެ ފަރާތުން ސޮއިކުރީ އެކުންފުނީގެ ޑިރެކްޓަރު މުރަތު ޓުރްކޮގްލޫ އެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން އިރުތިޝާމް ވިދާޅުވީ ކުޅިވަރު އެކުވެނި އެޅުމުގެ މަސަތްކަތް ބިޔަ ބޮޑު ޕްރޮޖެކްޓެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް އިކޮނޮމިކް އެންޑް ޔޫތު ކައުންސިލްގެ ވަނީ ވަރަށް ބޮޑަށް މަސްވަރާ ކުރެވިފައި ކަމަށާއި އަމާޒަކީ 2018ގެ ކުރިން މަސަތްކަތް ނިންމާލުން ކަމަށެވެ.

"މެގަ ޕްރޮޖެކްޓެއްގެ ގޮތުގައި މަސްރޫއު ކުރިއަށް ގެންދިއުމަށް ޓަކައި އީވައިސީގައި މަސްވަރާކުރެވި އަޅުގަނޑުމެންނަށް އެޕްރޫވަލް ލިބުމާއި އެކު އަގެއްގެ ގޮތުގައި މިވަނީ 40 މިލިއަން ޑޮލަރު އަދި 4 ޕަސެންޓްގެ ފިކްސްޑް އިންޓަރެސްޓް ރޭޓެއްގައި 10 އަހަރު ދުވަހުގެ އިމްޕްލިމެންޓަކަށް އެއްބަސްވާގޮތުގެ އުސޫލެއްގެ މަތިން އެގްރިމަންޓް މިވަނީ އެކުލަވާލެވިފައި،" އިރުތިޝާމް ވިދާޅުވި އެވެ.

އިރުތިޝާމް ވިދާޅުވީ އެކުވެނީގެ މަސަތްކަތް ނިމުމުން ބައިނަލްޣްވާމީ މުބާރާތްތަށް ބޭއްވޭވަރުގެ މަލްޓި ޕާޕަސް ކޯޓްތަށް އެޅިގެންދާނެ ކަމަށާއި ހަމައެއާ އެކު ހާއްސަ ގޮތެއްގައި ކްލަބްތަކަގެ ކޯޗުންނާއި އެހެނިހެން ފަރާތްތަކަށް ވެސް ތިއްބެވޭނެ އިންތިޒާމްތަށް ހަމަޖެހިގެން ދާނެ ކަމަށެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން އޭޖީޓީގެ ޑިރެކްޓަރު މުރަތު ވިދާޅުވީ ގައުމީ ކުޅިވަރު އެކުވިނެ އެންމެ ފުރިހަމަކަމާއި އެކު އެޅުމަށް އެކުންފުނީގެ އެންމެ ފަހުގެ ވަސީލަތްތަށް ބޭނުން ކުރާނެ ކަމަށާއި މަސަތްކަތްތަށް ވެސް ލަސަތަކެއް ނުވެ ފެށޭނެ ކަމަށެވެ.

comment ކޮމެންޓް