"1438 ބޮޑުބެރު ގްރޫޕު" ގެ ބެވަރޭޖް ޕާޓްނަރުކަން ހެޕީ މާކެޓަށް

1438 ބޮޑުބެރު ގްރޫޕުގެ ބެވަރޭޖް ޕާޓްނަރުގެ ގޮތުގައި ހެޕީ މާކެޓުން ސޮއިކުރުން -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ދާދި ފަހުން އުފެއްދި ބޮޑުބެރު ގްރޫޕު "1438"ގެ އޮފިޝަލް ބެވަރޭޖް ޕާޓްނަރެއްގެ ގޮތުގައި ހެޕީ މާކެޓް މޯލްޑިވްސް ކޮމްޕެނީ ހަމަޖައްސައިފިއެވެ.

ހެޕީ މާކެޓްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، 1438 ބޮޑުބެރު ގްރޫޕުގެ ބެވަރޭޖް ޕާޓްނަރު ހަމަޖެއްސުމުގެ އެއްބަސްވުމުގައި ހެޕީ މާކެޓްގެ ފަރާތުން ސޮއިކުރެއްވީ ހެޕީ މާކެޓްގެ މާކެޓިންގް މެނޭޖަރ އަބްދުﷲ ނައީމެވެ.

އަދި 1438 ބޮޑުބެރު ގްރޫޕުގެ ފަރާތުން ސޮއިކުރީ އެ ގްރޫޕުގެ މެނޭޖަރު މެހެފޫޒް އިބްރާހީމެވެ.

ސޮއި ކުރުމަށްފަހު ވާހަކަ ދައްކަވަމުން، ހެޕީ މާކެޓްގެ މާކެޓިންގް މެނޭޖަރު އަބްދުﷲ ނައީމް ވިދާޅުވީ، އެކުންފުންޏަކީ ރާއްޖޭގެ ސަގާފީ ކަންކަމާ ގުޅި، އެކަންކަން ކުރިއަރުވަން ހިތްވަރުދޭ ކުންފުންޏެއް ކަމަށެވެ.

"ހެޕީ މާކެޓުން އަބަދުވެސް ބޭނުންވޭ ރާއްޖޭގެ ބޮޑުބެރު ގްރޫޕުތަކާޢި، ކަލްޗަރަލް ކަންކަމާ ގުޅި، އެކަންކަން ކުރިއަރުވައި ސަޕޯޓު ކުރަން. ވަރަށް އުންމީދުކުރަން މި އެއްބަސްވުމާ އެކު މި ބޮޑުބެރު ގްރޫޕަށް ވެސް ކާމިޔާބު އަހަރަކަށް މި އަހަރު ވާނެ ކަމަށް،" އޭނާ ވިދާޅުވިއެވެ.

ހެޕީ މާކެޓުން މައުލޫމާތު ދޭ ގޮތުގައި، 1438 ބޮޑުބެރު ގްރޫޕާ ގުޅިގެން ހެޕީ މާކެޓުން ބާއްވ ފުރަތަމަ ހަރަކާތަކީ، ހެޕީ މާކެޓްގެ "ހާޝީސް ޗޮކްލެޓް ވީކް" ޕްރޮމޯޝަން ފެށުމުގެ ހަރަކާތެވެ.

ބޮޑުބެރު ގްރޫޕު 1438 އަކީ، މަޝްހޫރު "ހަބޭސް" ބޮޑުބެރު ގްރޫޕުގެ 20 މެމްބަރަކު އެ ގްރޫޕުން ވަކިވެ، ގުޅިގެން އުފެއްދި އާ ގްރޫޕެކެވެ.

comment ކޮމެންޓް