ހަބޭސް ބޮޑުބެރު ގްރޫޕުގެ އިސް މެމްބަރުންނާއެކު 20 މީހަކު ގްރޫޕުން ވަކިވެއްޖެ

ހަބޭސް ބޮޑުބެރު ގްރޫޕް ގަލޮޅު ދަނޑުގައި ހުށަހަޅައިދެނީ: އެ ގްރޫޕުގެ ގިނަ މެމްބަރުންތަކެއް ވަނީ ގްރޫޕް ދޫކޮށް ގޮސްފައި --- ފޮޓޯ/ ފޭސްބުކް

ރާއްޖޭގައި އެންމެ ފޯރިއާއެކު ނަގާކިޔާ އެއް ބޮޑުބެރު ގްރޫޕް ކަމަށްވާ "ހަބޭސް" ބޮޑުބެރު ގުރޫޕު އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި ބައެއް މެމްބަރުންނާއެކު ގިނަ އަދަދެއްގެ މެމްބަރުން އެ ގްރޫޕުން ވަކިވެއްޖެ އެވެ.

ހަބޭސް ބޮޑުބެރު ގްރޫޕުގެ ވެރިޔާ އަލީ ޝިފާއު (އައްޔަ) "ސަން" އަށް ބުނީ، އެ ގްރޫޕުގެ 20 މެމްބަރަކު މިދިޔަ އާދީއްތަ ދުވަހު އެ ގްރޫޕާ ވަކިވެފައިވާ ކަމަށެވެ. އަދި ވަކިވީ ގްރޫޕުގެ މެމްބަރުންގެ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކެއްގެ ސަބަބުން ކަމަށް ވެސް އޭނާ ބުންޏެވެ.

"ދާނީ ކަމުނުދާތީ. ނުވަތަ އެޔަށްވުރެ ރަނގަޅު ގޮތެއް ވެގެން. ދިޔަ މީހަކު އަނބުރާ ނުއެއްގެންނާނަން. ހަބޭސް އަކީ މީހަކަށް ކިޔާ ނަމެއް ނޫން. އެއީ ބްރޭންޑެއް. ހަބޭސް ދާނީ ކުރިއަށް،" އައްޔަ ބުންޏެވެ.

މީގެ ފަސް އަހަރުކުރިން އުފެދުނު ހަބޭސް ބޮޑު ގްރޫޕުން ވަކިވި ބައެއް މެމްބަރުންގެ ތެރޭގައި އެ ގްރޫޕް ފެއްޓުމުގައި އުޅުނު އިސް މެމްބަރުން ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި ގްރޫޕުގެ ބެރުޖެހުންތެރިޔާ އަދި ލަވަކިޔުންތެރިއާ މެހްފޫޒް އިބްރާހިމް (މެހޭ) އާއި ބެރުޖެހުންތެރިޔާ ޝަފްރާޒް އިބްރާހިމް (ސައްޕެ) ގެ އިތުރުން ބެކް ވޯކަލްސް އަހުމަދު ހަމީޒު (ގުންޑޯ) އަދި ލީޑް ބެރުޖެހުންތެރިޔާ އަދްލީ އަހުމަދު ހިމެނެ އެވެ.

މީގެ އިތުރުން، ދިވެހިންގެ ބޮޑުބެރަށް އިންގިލާބެއް ގެނައި ޒަމާނީ ބޮޑުބެރުގެ ދިވެހި ރަންއަޑު ޒުވާން ވޯކަލިސްޓް ހަސަން މުސްހަފު (މުސީ) ވެސް ވަނީ ހަބޭސް އިން ވަކިވެފައެވެ.

އައްޔަ ބުނީ، ހަބޭސް ބޮޑުބެރު ގްރޫޕް ފެށުނީއްސުރެ އެއްކޮށް އުޅުނު ބަޔަކާ ވަކިވާން ޖެހުމުން ދެރަވާ ކަމަށާއި ނަމަވެސް މިހާރު އެކަން ނިމިއްޖެ ކަމަށެވެ. އަދި ގިނަ އަދަދެއްގެ މެމްބަރުންތަކެއް ދިޔަ ނަމަވެސް، ހަބޭސް އަށް އަންނަން ތިބި ކުދިންގެ ލިސްޓު ވަރަށް ދިގު ކަމަށް އޭނާ ބުންޏެވެ.

"މިހާރު އަލަށް ހަބޭސް އަށް މިގެނައީ ވަރަށް މަދު ކުދިންކޮޅެއް. އެކަމަކު ވަރަށް އަވަހަށް ބޮޑު އޮޑިޝަން އެއް ބާއްވާފައި އެންމެ ރަގަނޅު ކުދިން ނަގާނަން،" އައްޔަ ބުންޏެވެ.

ހަބޭސްގެ ގިނަ އަދަދެއްގެ މެމްބަރުން ވަކިވެގެންދިޔަ ނަމަވެސް، އެ ގްރޫޕުން ވަނީ އެ ގްރޫޕަށް އަލަށް ވެއްދި މެމްބަރުންނާއެކު ޝޯއެއް ދީފައެވެ. އަދި އައްޔަ ބުނާގޮތުން އެ ގްރޫޕްގެ ދެ ޝޯއެއް އަންނަ ހުކުރު ދުވަހު އޮންނާނެ އެވެ.

ހަބޭސް ބޮޑުބެރު ގްރޫޕުން ވަކިވެގެންދިޔަ ބައެއް މެމްބަރުން "ސަން" އަށް ބުނީ، އެ ގްރޫޕުން ވަކިވާންޖެހުނީ އެމީހުންގެ އަގުވަޒަން ނުކުރުމުގެ ސަބަބުން ކަމަށާއި އެއް އާއިލާއެއްގެ ގޮތުގައި އުޅުނު ބަޔަކާ ވަކިވާންޖެހުމުން ދެރަވާ ކަމަށެވެ.

comment ކޮމެންޓް