ތިމާވެށި ސަމިޓުގައި ބައިވެރިވުމަށް އެންވައިރަމެންޓް މިނިސްޓަރު މޮރޮކޯއަށް

މިނިސްޓަރު ފުރާވަޑައިގަތުމުގެ ކުރިން މީޑިއާއާ ބައްދަލުކުރައްވަނީ -- ފޮޓޯ/ އނެްވާޜަމަނެްޓް މިނިސްޓްރީ

ދުނިޔޭގެ ތިމާވެއްޓާ ބެހޭ ބައިނަލްއަގުވާމީ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް އެންވާރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް މޮރޮކޯއަށް ވަޑައިގެންފި އެވެ.

މޮރޮކޯގެ މަރާކެޝްގައި ފަށާ ޔޫއެން ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫއެންއެފްސީސީސީ)ގެ 22 ވަނަ ކޮންފެރެންސް އޮފް ޕާޓީސް (ކޮޕް22)ގައި ބައިވެރިވެވަޑައިގަތުމަށް އެންވާރަމެންޓް މިނިސްޓަރު ތޯރިގު ފުރާވަޑައިގަތުމުގެ ކުރިން ރޭ އެއާޕޯޓުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން، މިނިސްޓަރު ވިދާޅުވީ ކްލައިމެޓް ޗޭންޖާ ގުޅިގެން ކުދި ގައުމުތަކުގެ ހިމަޔަތަށް ކުރަން ޖެހޭ ކަންތަކަށް، ތަރައްގީވެފައިވާ ގައުމުތަކުން ފައިސާ ދިނުމަށް ވައުދުވެފައިވާ ކަމަށާއި، އެ ފައިސާ އަވަހަށް ލިބޭނެ ގޮތެއް ހެދުމަށް ރާއްޖެއިން ވަރަށް ބޮޑު އިސްކަމެއް ދޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެ ފައިސާ ލިބޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.

މަރާކެޝްގައި ފަށާ ކޮޕް22 ބައްދަލުވުމަކީ، މިދިޔަ އަހަރު ޕެރިހުގައި އެކުލަވާލި ޕެރިސް މުއާހަދާގައި ގައުމުތަކުން ސޮއިކޮށް، ގިނަ ގައުމުތަކަކުން އެ މުއާހަދާ ތަސްދީގުކޮށް މި މަހުގެ ކުރީކޮޅު އެ މުއާހަދާ ބައިނަލްއަގުވާމީ ގާނޫނަކަށް ވެ ގައުމުތަކުން އެއަށް އަމަލުކުރަން ފެށި ފަހުން، ގައުމުތަކުން އެކުގައި ބައިވެރިވާ ފުރަތަމަ ބައްދަލުވުމެވެ.

ކޮޕް22 ބައްދަލުވުމުގައި، ޕެރިސް މުއާހަދާގައި ހުރި ކަންކަން ހާސިލުކުރާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކުރެވޭނެ އެވެ.

ރާއްޖެ ވަނީ އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އެއޯސިސް)ގެ ޗެއާގެ ހައިސިއްޔަތުން، ޕެރިސް އެގްރިމެންޓް އެކުލަވާލުމާއި ފާސްކުރުމުގައި ވަރަށް އިސް ދައުރެއް އަދާކޮށްފަ އެވެ.

ރާއްޖެ، އެއޯސިސްގެ ޗެއާކަމުގެ ދެވަނަ ދައުރަކަށް އިންތިޚާބު ކޮށްފައިވާ އިރު، މަރާކެޝްގައި ބާއްވާ ސަމިޓުގެ ހަވާސާގައި އެއޯސިސްގެ މިނިސްޓީރިއަލް ލެވެލްގެ ބައްދަލުވުމެއް ވެސް އޮންނާނެ އެވެ. މިނިސްޓަރު ތޯރިގު ވިދާޅުވީ، ކުދި ޖަޒީރާ ގައުމުތަކަށް ބޭނުންވާ ކަންކަމާ ގުޅޭ ގޮތުން އެ ބައްދަލުވުމުގައި މަޝްވަރާ ކުރެވޭނެ ކަމަށެވެ. އަދި ޕެރިސް އެގްރިމެންޓް ތަސްދީގު ނުކޮށް ތިބި، އެއޯސިސް މެމްބަރު ގައުމުތަކުން އެކަން ކުރުމަށް ބާރު އަޅާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މަރާކެޝްގައި ބާއްވާ ކޮޕް22 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރު ތޯރިގު ރޭ ފުރާވަޑައިގެންފައިވާ އިރު، މިނިސްޓަރު އެނބުރި ރާއްޖެ ވަޑައިގަންނަވާނީ މި މަހުގެ 20 ވަނަ ދުވަހު އެވެ.

މިނިސްޓަރު ފުރާވަޑައިގަތީ، މިނިސްޓްރީގެ ޒިންމާތައް ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމްއާ ހަވާލު ކުރައްވައިފަ އެވެ.

comment ކޮމެންޓް