ކަންނެތް ކަން ގައުމީ މައްސަލައަކަށް، ފިޔަވަޅު އަވަސްކުރަންޖެހޭ!

ޒުވާނުންގެ ދުވަހާ ގުޅުވައިގެން ޒުވާނުންގެ އެވޯޑް ދިނުމުށް ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގެ ތެރެއިން --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ސަލާމް ބުނުމުގައި ރެކޯޑެކެވެ. ފަރުވާ ކުޑަކަން އިންތިހާ އެވެ. އުފެއްދުންތެރިކަން މާ ދަށީ އެވެ. އެއްތަނެއްގައި އުޅެނީއެއްނޫނެވެ. އެކަށޭނަ ގޮތަކަށް ހިދުމަތެއް ދެނީއެއްނޫނެވެ. މިއީ ދިވެހި މަސައްކަތްތެރިންގެ ތެރެއިން އެތައް ބައެއްގެ ހާލެވެ. ގައުމުގެ އުފެއްދުންތެރިކަން އިތުރުކުރާ ވާހަކައާއި ތަރައްގީގެ ވާހަކަ ދައްކާއިރު އެހިތްވަރު ހުރި ދިވެހިން މަދީއެވެ. މިކަން މިވަނީ ގައުމީ މައްސަލައަކަށްވެފަ އެވެ. މިވާހަކަ ދައްކާއިރު މިހެންވާ ސަބަބުގެ ވާހަކަ ދައްކަންޖެހެ އެވެ.

ސެލެކްޝަން ގޯސްވުން

ކޮންމެ ކަމެއްގެ ކާމިޔާބީ އަކީ ކުރާ ބުރަ މަސައްކަތެވެ. އެ މަސައްކަތް ގުޅިފައިވާނީ ޝައުގުވެރިކަމާ އެވެ. ކޮންމެ މަހަކު އެއްފަހަރު ދޭ މުސާރައަށް ބަލައިގެން ކުރާ މަސައްކަތަކުން އުފެއްދުންތެރިކަމެއް ނުފެންނާނެ އެވެ. އެހެންކަމުން ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ދިނުމަކީ މީގައި ކުރަން ޖެހޭ ކަމެވެ.

"ކުދިން ނެގުމުގެ ސެލެކްޝަންގައި ވެސް މައްސަލަ އުޅޭ، މިސާލަކަށް ހަމައެކަނި ރިޒަލްޓަށް ބަލާފައި މީހުން ނެގުން، އޭގެ ބަދަލުގައި އެމަސައްކަތަށް ޝައުގުވެރިވާ މީހާ ނަގަންޖެހޭ ރަނގަޅު މީހާ ބޭނުންވާ ކަމަށްވާ ނަމަ،" މެނޭޖްމަންޓް ދާއިރާއިން މާސްޓާސް ހަދާފައިވާ އަލީ ހާލިދު ވިދާޅުވި އެވެ.

ސްކޫލު ނިމޭގޮތަށް ބޭނުންވާ ކެރިއާ ނުފެށިދާނެ އެވެ. އެފަދަ ހާލަތްތަކުގައި އެންމެ ރަނގަޅުގޮތެއް ކަމަށް އަލީ ލަފާދެއްވަނީ ޝައުގުވެރިވާ ދާއިރާގެ ކޮންމެވެސް ވަޒީފާއަކަށް ދިއުމެވެ. މަސައްކަތްކުރާހިތުން މަސައްކަތްކޮށް ކުރިއަށްދާންވީ މަގުފެނި ތަޖުރިބާ ލިބޭނީ ވެސް އޭރުންނެވެ.

އޭގެ ބަދަލުގައި ކަން ހިނގާގޮތަކީ ކޮންމެ ވަޒީފާއެއް ލިބުނަސް ދަނީ އެވެ. އެވަޒީފާގައި އުޅެމުން އެކަމާ ގުޅުންނެތް ދާއިރާތަކުން ކިޔަވަނީ އެވެ. ނޫނީ އަބަދުހެން ވަޒީފާއެއް ހޯދަން މަސައްކަތް ކުރަނީ އެވެ. ނަތީޖާއެއްގެ ގޮތުން އުފެއްދުންތެރިކަން އިތުރުކުރުމަށް މަސައްކަތެއްނުކުރެވެ އެވެ.

އެހެންކަމުން ސްކޫލު ނިމެންވާއިރަށް ކުރިއަށް ދާނެ ދާއިރާއެއް ނިންމައި އެދާއިރާއާއި ގުޅުންހުރި އާދައިގެ ވަޒީފާއަކަށް ނަމަވެސް ދިއުން މުހިންމެވެ.

މުސާރަ ކުޑަ

ރަނގަޅު ހިދުމަތެއް ލިބޭނީ ހަރަދުކޮށްގެންނެވެ. އަގު ހެޔޮ ހިދުމަތެއް ނަމަ ފެންވަރު ދަށްވާނެ އެވެ. ތަކެއްޗަށް ބެލިނަމަވެސް އޮތީ އެގޮތެވެ. އެދުނިޔަވީ އުސޫލަކީ މަސައްކަތު މާހައުލުގައި ވެސް ކަންއޮތްގޮތެވެ. އާންމުކޮށް ޒުވާނުން އުޅޭ ވަޒީފާތަކުގެ މުސާރަ 4000 ރުފިޔާއާއި 10000 ރުފިޔާއާއި ދޭތެރޭގައި އުޅޭއިރު ކުރާ މަސައްކަތާއި ލިބޭ އެއްޗަކާ ދެކޮޅެއް ނުޖެހުމަކީ އެތައް ބައެއް ފަރުވާ ކުޑަވާ ސަބަބެވެ.

"ހަގީގަތުގައި ކުންފުނި ކުންފުންޏަކަށް ހަދަނީ އަހަރެމެން، ވެރިން ކިތަންމެ ވަރަކަށް އެހެނޭ މިހެނޭ ކިޔަސް އަހަރެމެން އެކަންކުރީމަ ވަނީ، އެކަމަކު ހުރިހާ ފޮންޔެއް އެމީހުންނަށް، ހުރިހާ ފައިދާއެއް އެމީހުންނަށް،" ސަރުކާރު ކުންފުންޏެއްގައި މަސައްކަތްކުރާ 25 އަހަރުގެ ޒުވާނަކު ބުންޏެވެ.

ހަރަދުބަރަދު ބޮޑު ދިރިއުޅުމުގެ ތެރެއިން ޒުވާނުންނަކީ ގާބިލް ބަޔަކަށް ހަދަން ބޭނުންނަމަ އެކަށޭނަ މުސާރައެއް ދޭންޖެހެ އެވެ. ހަމައެހެންމެ ގިނަވަގުތު ހޭދަކޮށްގެން ނޫނީ ބުރަކޮށް ކުރާ މަސައްކަތުގެ ބަދަލުގައި މާލީ އިނާޔަތެއް ދިނުން ރަނގަޅެވެ. އޭރުން މަސައްކަތަށް ބަހައްޓާ ޝައުގުވެރިކަން އިތުރުކުރެވޭނެކަމަށް ބެލެވެ އެވެ.

ވަޒިފާ މާހައުލު ކަމުނުދިއުން

ރާއްޖޭގެ ގިނަ ތަންތަނުގައި މުވައްޒިފުން ސުޕަވައިޒް ކުރުމުގެ ވަޒިފާގައި ތިބީ އެކަށޭނަ ހުނަރު ލިބިފައިވާ ފަރާތްތަކެއްނޫނެވެ. ނަތީޖާއެއްގެ ގޮތުން އެއް މުވައްޒިފަކު އަނެކަކާ ޖެހުމާއި އެއްބައި މުވައްޒިފުންނަށް ތަފާތު ކުރުންތައް ގެންގުޅޭ ވާހަކަ އަޑުގަދަވެ އެވެ. އަދި މަސައްކަތު މާހައުލުން ދުރުކަންކަން ހިންގުން އާންމެވެ.

"ބޮސްއަށް މުވައްޒިފުން މޯޓިވޭޓް ކުރަން ނޭނގޭ، މުވައްޒިފުންގެ ބޭނުންތަކެއް ނޭނގޭ، މިއީވެސް މަސައްކަތަށް ފަރުވާކުޑަވާ ސަބަބެއް،" ވަޒީފާއަށް ތައްޔާރުވުމާ ގުޅޭ ގޮތުން ފޮތެއްވެސް ނެރެފައިވާ އަލީ ވިދާޅުވި އެވެ.

ވަކިވަކި މުވައްޒިފުންނަށް ތައުރީފް ކުރުމާއި ވަކި މީހަކު ނުވަތަ ބަޔަކު ކައިރިކޮށްގެން ގެންގުޅޭކަމަށް ދެކެވޭކަމީ ވެސް އެތައް ބަޔަކު ވަޒީފާއިން ފޫހިވާ ސަބަބެކެވެ. އެހެންކަމުން ވަޒީފާގެ މާހައުލުގައި ޓީމް މަސައްކަތްތައް ގިނަކޮށް ޓީމްތަކުގެ އަގުވަޒަން ކުރުން މާރަނގަޅުކަމަށް ތަޖުރިބާކާރުން ވިދާޅުވި އެވެ.

މަސައްކަތް ކުރާނެ އެކަށޭނަ ވަސީލަތްތައް ހޯދައިދިނުމާއި އެކަށޭނަ މިނިވަންކަން ދިނުމަކީ ވެސް ވަޒީފާގައި ދެމިހުންނާނެ ސަބަބެކެވެ. ހަމައެހެންމެ މަސައްކަތު މާހައުލާ ނުގުޅޭ ކަންކަން ހިނގިޔަނުދިނުމާއި ވިޔާނުދާ އަމަލުތަކަށް ވެރިންގެ ފަރާތުން ދައުވަތު ނުދިނުން ހިމެނެ އެވެ.

"ހަމަ ފެންނައިރަށް ބުނެދާނެ މިވެނި ގުނަވަނެއް ތިހިރީ މިހެންނޭ، ނޫނީ އެކިއެކި ނުބައި އެއްޖިސު، [ޖިންސީ ވާހަކަ] ދައްކަފާނެ. ލަދުން ވެސް ހަލާކުވާވަރުވޭ، އެހެންވެ ފޫހިވީ، " އައިޝަތު ރިޔާޝާ،21، ވަޒީފާ އިން ވަކިވި ސަބަބު ކިޔައިދެމުން ބުންޏެވެ.

ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލެއް ގެންނަން ޖެހޭ

މޮޅު އެއްޗެއް އުފައްދާ ނަމަ ހަށިގަނޑު ބޭނުންވާ ކަންތައްތަކެއް ހުންނާނެ އެވެ. ރަނގަޅަށް ސިކުނޑި ބޭނުންކުރެވޭނީ އޭރުންނެވެ. އަރާމާއި ހަމަ ނިދި ބޭނުންވެ އެވެ. ބުޅަލުގެ އުސޫލަށް ހޭލާ އުޅެގެން ދުވާލު ރަނގަޅު މަސައްކަތެއް ނުކުރެވޭނެ އެވެ.

އިސްވެ ފާހަގަ ކުރި ސިފަތަކީ މަދު ދިވެއްސެއްގެ ގައިގަ ނޫނީ ނެތް ކަންކަމެވެ. އެތައް ދަމެއް ވަންދެން ހޭލާ އުޅުމަކީ ދިވެހިންގެ އާންމު ސިފައެކެވެ. އަދި ޗުއްޓީތަކުގެ ބޭނުން އެންމެ ހެޔޮގޮތުގައި ނުހިފައި ސިއްހަތަށް ގެއްލުންވާ ގޮތަށް ދިރިއުޅުމުގެ އާދަތައް ބެހެއްޓުމަކީ ވެސް ހެދޭ ބޮޑުގޯހެކެވެ.

ކޮންމެ އަކަސް މިއަދުގެ ހަގީގަތަކީ ވަޒީފާގެ މާހައުލަށް ދިވެހިން އެހާ އަހުލުވެރި ނޫންކަމެވެ. ހާއްސަކޮށް ޒުވާން ޖީލެވެ. އެކަންކަން އިސްލާހު ކުރަން ޖެހެ އެވެ. އެންމެ ބޮޑު ދައުރެއް އަދާކުރެވެން އޮތީ ތައުލީމީ ދާއިރާއިންނެވެ. ހަމައެކަނި ސެޓްފިކެޓު ނުދީ ކުދިން ބިނާކުރެވޭ ނިޒާމަކަށް އެނިޒާމް ހަމަޖައްސަންޖެހެ އެވެ. ހަމައެހެންމެ ރަނގަޅު މުސާރައެއް ދިނުމާއި މަސައްކަތު މާހައުލަކީ ޕުރޮފެޝަނަލް ދާއިރާއަކަށް ހެދުން މުހިންމެވެ.

comment ކޮމެންޓް