"މަޖުބޫރުން ނަމަވެސް ޖަލްސާ އަށް ވަޑައިގެންނެވީ"ތީ މައުމޫން މަރުހަބާކިޔައިފި

ޕީޕީއެމްގެ ރައީސް މައުމޫން: އެމަނިކުފާނުވަނީ ރޭގަ ބޭއްވި ޖަލްސާއަށް އެޕާޓީގެ މެމްބަރުން ވަޑައިގެންނެވީ މަޖުބޫރުން ކަމަށް ވިދާޅުވެފައި -- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހު

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ މެމްބަރުން ރޭގެ ޖަލްސާ އަށް ދިޔައީ މަޖުބޫރުން ކަމަށާއި ނަމަވެސް ރޭގެ ޖަލްސާ އަށް ވަޑައިގަން މެންބަރުންނަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މަރުހަބާ ވިދާޅުވެެއްޖެ އެވެ.

އެ މަނިކުފާނު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަޖުބޫރުވެގެން ރޭގެ ޖަލްސާ އަށް ވަޑައިގެންނެވި މެމްބަރުންނަށް މަރުހަބާ ވިދާޅުވާ ކަމަށެވެ. އަދި އެ ގޮތުގައި ސާބިތުވެ ތިބުމަށް އެ މަނިކުފާނު ވަނީ ގޮވައިލެއްވި އެވެ. އެ ޓުވީޓުގައި ރޭ ޖަލްސާއަށް ދިޔަ ބަޔަކު ރުފިޔާ ހިފައިގެން ތިބި ފޮޓޯއެއް ވެސް މައުމޫން ވަނީ ޓުވީޓް ކުރައްވައިފަ އެވެ.

އެ ޓުވީޓުގެ އިތުރުން މިއަދު އެ މަނިކުފާނު ވަނީ އިތުރު ޓުވީޓެއް ވެސް ކުރައްވައިފަ އެވެ. އެ ޓުވީޓުގައި އެ މަނިކުފާނު ވިދާޅުވީ ރޭގެ ޖަލްސާ އަށް ވަޑައިގަތުމަށް އެ މަނިކުފާނަށް ދައުވަތު ނުދޭނެ ކަމަށް އެއް ބޭފުޅަކު ވިދާޅުވި އިރު، އަނެއް ބޭފުޅަކު ވިދާޅުވީ ރޭގެ ޖަލްސާއަށް މައުމޫން ވަޑައިނުގެންނެވުމަކީ ޖަލްސާއަށް ލިބުނު ފަޅުކަމެއް ކަމަށެވެ.

"އެކަކު ބުނަނީ ދައުވަތު ނުދޭނަމޭ، އަނެކަކު މި ބުނަނީ ވަޑައިނުގަތުމަކީ ޖަލްސާ އަށް ލިބުނު ހާދަ ބޮޑު ފަޅުކަމެކޭ." މައުމޫން ވިދާޅުވެފައިވެ އެވެ.

އަދި މައުމޫން ސުވާލު އުފައްދަވާފައި ވަނީ އެ ވަރުގެ ކަމެއްގައި ވެސް ތެދު ނުބުނެވޭ ނަމަ ތެދު ބުނެވޭނީ ކޮންކަމެއްގައިތޯ އެވެ.

މައުމޫނު އެހެން ޓުވީޓް ކުރައްވާފައިވާ އިރު ޕީޕީއެމްގެ ފަސް ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި "އަސްލު" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވީ ސަރުކާރާ އެކު މަސައްކަތް ކުރެއްވުމަށް މައުމޫނު އެނބުރި ވަޑައިގެން އެބޭފުޅުންނާ ގުޅިވަޑައިގަތުމަށް ދައުވަތު ދެއްވާ ކަމަށެވެ.

comment ކޮމެންޓް