ހުރާގައި ތުއްތު ކުއްޖަކު ޕިކަޕެއްގެ ދަށުވެ، ސީރިއަސް ހާލުގައި

ކ.ހުރާ --

ކ. ހުރާގައި ހިނގި އެކްސިޑެންޓެއްގައި ތުއްތު ކުއްޖަކު ޕިކަޕެއްގެ ދަށުވެ، ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ.

"ސަން"އަށް މައުލޫމާތު ދެއްވަމުން ހުރާ ކައުންސިލުގެ ރައީސް އީސާ އަހުމަދު ވިދާޅުވީ، މިއަދު ހަވީރު 5:30 ހާއިރު ހިނގި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބުނީ ތިން އަހަރުގެ ކުއްޖަކަށް ކަމަށެވެ. އަދި އޭނާއަށް ލިވާ ފަޅައިގެން ގޮސް ސީރިއަސް ޒަހަމްތަކެއް ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އައިޖީއެމްއެޗް އިން ވެސް ވަނީ އެކަން ސަން އަށް ކަށަވަރުކޮށްދެއްވާފަ އެވެ. އައިޖީއެމްއެޗްގެ މީޑިއާ އޮފިސަރު އަހުމަދު މައުސޫމް ވިދާޅުވީ، ހުރާގައި ހިނގި ހާދިސާއެއްގައި އެ ހޮސްޕިޓަލަށް މިއަދު 7:15 ހާއިރު ތިން އަހަރުގެ ކުއްޖަކު ގެނެސްފައިވާ ކަމަށެވެ.

އޭނާ ހޮސްޕިޓަލަށް ގެނެސް އޮޕަރޭޝަން ތިއޭޓަރަށް ވައްދާފައިވާއިރު، ހާލު ސީރިއަސް ކަމަށް ބެލެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް ތަފްސީލް އިނގޭނީ ތިއޭޓަރުން ނެރުނީމަ ކަމަށް މައުސޫމް ވިދާޅުވި އެވެ.

"ރަށުގައި ދުއްވާ ތިން ފުރޮޅުލީ ޕިކަޕެއް އެއީ. އޭގައި ކުޑަކުދިންތަކެއް ދުއްވާލާފައި އައިސް ފޭބީ. ދެން އޭގެން ހުރިހާ ކުދިން ފޭބީމަ އެއް ކުއްޖަކު ހުރީ ޕިކަޕުގެ އަރިމަތީގައި އެލިގެން. އެހެން ހުއްޓާ ޑްރައިވަރަށް ނޭނގި ދުއްވާލީ. ޕިކަޕް ނައްޓާލުމުން ކުއްޖާ ފުރޮޅު ދަށުވީ ކަމަށް މަންޒަރުދުށް ދެމީހަކު ބުނޭ. ނަމަވެސް ޑްރައިވަރު ބުނީ އެކުއްޖާ ދަށެއް ނުވޭ،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

comment ކޮމެންޓް