ދުނިޔޭގެ ޖައްވުގެ ފިނި ހޫނުމިން، ސިނާއީ އިންގިލާބު (އިންޑަސްޓްރިއަލް ރިވޮލިއުޝަން)ގެ ކުރިން ހުރި މިންވަރާ އަޅައިބަލާއިރު، ދެ ޑިގްރީ ސެލްސިއަސްއަށް މަތި ނުވާނެ މިންވަރެއްގައި ބެހެއްޓުމަށް ކަނޑައަޅައި، ދުނިޔޭގެ ގައުމުތަކުން އެކުލަވާލި ޕެރިސް މުއާހަދާ ބައިނަލްއަގުވާމީ ގާނޫނަކަށްވެ، ބައެއް ގައުމުތަކުން އެ މުއާހަދާއަށް އަމަލުކުރަން ފަށައިފިއެވެ.
މި މުއާހަދާ އެކުލަވާލީ އދގެ ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖު (ޔޫއެންއެފްސީސީސީ) ދަށުން، ދުނިޔޭގެ 195 ގައުމަކުން ބައިވެރިވެ މަޝްވަރާ ކުރުމަށްފަހުއެވެ. ޕެރިހުގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ކުރިޔަށް ދިޔަ ޔޫއެންއެފްސީސީސީގެ 21 ވަނަ ކޮންފެރެންސް އޮފް ދަ ޕާޓީސް (ކޮޕް21)ގައި ގައުމުތަކުން މި މުއާހަދާއަށް އެއްބަސްވި އިރު، 22 އޭޕްރިލްއިން ފެށިގެން "ޕެރިސް އެގްރިމެންޓް"ގައި ގައުމުތަކުން ދިޔައީ ސޮއި ކުރަމުންނެވެ.
އެގްރިމެންޓުގައިވާ ގޮތުން، އެ ތަންފީޒުކުރަން ފަށާނީ ދުނިޔޭގެ ޖައްވަށް ދޫކުރާ ވިހަ ގޭހުގެ 55 ޕަސަންޓު ނިސްބަތްވާ ގައުމުތައް ހިމެނޭ ގޮތަށް، ދުނިޔޭގެ 55 ގައުމަކުން އެ އެގްރިމެންޓު ތަސްދީގު ކުރުމުންނެވެ. ޕެރިސް މުއާހަދާއަށް އަމަލުކުރަން ފެށުމަށް ބޭނުންވި ޝަރުތުތައް ފުރިހަމަވީ މިދިޔަ އޮކްޓޫބަރު މަހުގެ ހަވަނަ ދުވަހުއެވެ.
މިއަދުގެ ނިޔަލަށް، ޕެރިސް އެގްރިމެންޓުގައި ދުނިޔޭގެ 193 ގައުމެއް ސޮއިކޮށްފައިވާ އިރު، އެއީ ދުނިޔޭގެ ކާބަން އެމިޝަންގެ 99 ޕަސަންޓެވެ. އެ އެގްރިމެންޓު ތަސްދީގުކޮށްފައިވަނީ، ޖައްވަށް ދޫކުރާ ވިހަ ގޭހުގެ 69.21 ޕަސަންޓު ހިއްސާކުރާ 97 ގައުމަކުންނެވެ.
އދއިން ކުރިން އަންދާޒާ ކުރި ގޮތުގައި، ޕެރިސް މުއާހަދާ ތަންފީޒުކުރަން ބޭނުންވާ ޝަރުތުތައް ހަމަވާނީ ހަތަރު އަހަރު ދުވަހުގެ މަސައްކަތުންނެވެ. އެހެން ނަމަވެސް އެގްރިމެންޓުގައި ސޮއިކޮށް، ތަސްދީގުކުރަން ފެށިތާ އަހަރެއްގެ ތެރޭގައި މުއާހަދާއަށް މިވަނީ އަމަލުކުރަން ފަށައިފައެވެ.