ޕެރިސް އެގްރިމެންޓް: މޫސުމީ ބަދަލުތައް ކުޑަކުރަން ކުރިމަގަށް އަޅާ ހަރުދަނާ ފިޔަވަޅެއް

ފެރިސް އެގްރިމެންޓުގައި ރާއްޖޭގެ ފަރާތުން މިނިސްޓަރު ތާރިގު ސޮއި ކުރައްވަނީ-- ފައިލް ފޮޓޯ/

ޠާރިޤް އިބްރާހީމް

އިއްޔެ ނިއުޔޯކުގައި ސޮއިކުރި، ޕެރިސް އެގްރިމެންޓް އެންމެ ފުރަތަމަ ތަސްދީގުކުރި ގައުމުތަކުގެ ތެރޭގައި ހިމެނިގެން ރާއްޖެ މިވަނީ އަނެއްކާ ވެސް ތާރީޚުގެ ތެރެއަށް ވަދެފަ އެވެ. އދ.ގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ މުޢާހަދާ ޔުނައިޓެޑް ނޭޝަންސް ފްރޭމްވާކް ކޮންވެންޝަން އޮން ކުލައިމެޓް ޗޭންޖް (ޔޫއެންއެފްސީސީސީ) އާއި މިމުޢާހަދާ އާ ގުޅިފައިވާ ކިޔޯޓޯ ޕްރޮޓޮކޯލް އެންމެ ފުރަތަމަ ސޮއިކޮށް ތަސްދީގު ކުރި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަން ވެސް މި ފުރުސަތުގައި ފާހަގަކުރަމެވެ. އިއްޔެ ސޮއިކުރި މި އެއްބަސްވުމުގައި ދުނިޔޭގެ 175 ގައުމުން ވަނީ ސޮއިކޮށްފަ އެވެ. މިއީ ބައިނަލްއަގްވާމީ އެގްރިމެންޓެއްގައި ސޮއިކުރަން ހުޅުވާލި ފުރަތަމަ ދުވަހު މިހާ ގިނަ ޢަދަދެއްގެ ގައުމުތަކުން އެގްރީމަންޓެއްގައި ސޮއިކުރި ފުރަތަމަ ފަހަރެވެ. މިކަމުން ދޭހަކޮށްދެނީ، މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަ ޙައްލުކުރުމުގައިދޭ ސަމާލުކަމާއި މިކަމަށް އޮތް އަހަންމިއްޔަތުކަމެވެ.

ޕެރިސް އެގްރިމެންޓް މަޤްޞަދު

ޕެރިސް އެގްރިމެންޓްގެ މައިގަނޑު މަޤްޞަދަކީ، ޖައްވަށް ބޭރުކުރާ ވިހަގޭސް ނުވަތަ ގްރީންހައުސް ގޭސް (ޖީއެޗްޖީ)ގެ މިންވަރު މަދުކޮށް ދުނިޔޭގެ މޫސުމަށް ނުރައްކާތެރި ބަދަލެއް ނާންނަ މިންވަރަކަށް ބެހެއްޓުމެވެ. މިގޮތުން އިންސާނުންނާއި ދިރޭތަކެއްޗާއި ކާބޯތަކެތި އުފެއްދުމާއި އަދި ދެމެހެއްޓެނިވި ތަރައްޤީ އަށް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ނުރައްކަލެއް ކުރިމަތި ނުވާނެ ގޮތްތައް ހޯދުން ހިމެނެ އެވެ.

އެގްރިމެންޓް އެކުލަވާލުމުގައި ރާއްޖޭން ވަނީ އިސްދައުރެއް އަދާކޮށްފައި

އެގްރިމެންޓް އެކުލަވާލުމުގައި ރާއްޖެއިން ވަނީ ވަރަށް އިސްދައުރެއް އަދާކޮށްފަ އެވެ. އެނގިވަޑައިގަންނަވާނެ ފަދައިން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ ޒަޢާމަތުގައި ވަނީ ކުދި ޖަޒީރާ ގައުމުތަކުގެ އިއްތިޙާދުގެ ރިޔާސަތު ބެލެހެއްޓުމާއި ޙަވާލުވެ، ކުދި އަދި ބިން ތިރި ޖަޒީރާ ގައުމުތަކުގެ ޙައްގުގައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ވަކިން ޚާއްސަކޮށް އެއޯސިސް (އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް)ގެ ރިޔާސަތު ބަލަހައްޓާ ގައުމުގެ ހައިސިއްޔަތުން، މިދިޔަ އަހަރު ފަހުކޮޅު ފަރަންސޭސިވިލާތުގެ ޕެރިހުގައި ބޭއްވި މޫސުމަށް އަންނަ ބަދަލުތަކުގެ މުޢާހަދާގެ ބައިވެރިންގެ 21 ވަނަ ބައްދަލުވުމުގައި، ނުވަތަ ކޮޕް 21ގައި ދިވެހި ރާއްޖޭން ވަނީ ކުދި އަދި ބިން ތިރި ޖަޒީރާ ގައުމުތަކުގެ ޙައްގުގައި މި ގައުމުތަކުގެ މަސްލަޙަތަށް ރިޢާޔަތްކޮށްގެން ޕެރިސް އެގްރީމަންޓް އެކުލަވާލުމަށް ވަރަށް ބޮޑަށް ވަކާލާތުކޮށްފަ އެވެ. އަދި މި ގައުމުތައް އެއްގަލަކަށް އަރުވާ އެއް އަމާޒެއް ކަނޑައެޅުމަށް ވަރަށް ބޮޑަށް މަސައްކަތްކޮށްފަ އެވެ. މި މަސައްކަތުގެ ނަތީޖާ ވެސް ވަރަށް ފޮންޏެވެ. ކުދި ޖަޒީރާ ގައުމުތަކާއި ބޮޑެތި ގައުމުތައް ގުޅިގެން ކުރި މަސައްކަތުން ކޮޕް 21 ނިމިގެން ދިޔައީ ކާމިޔާބު އެގްރިމެންޓެއް އެކުލަވާލެވިގެންނެވެ.

ޕެރިސް އެގްރިމެންޓާއި ކުދި ޖަޒީރާ ޤައުމުތައް

ޕެރިސް އެގްރިމެންޓް އެކުލަވާލެވިގެން ދިޔައީ، ކުދި ޖަޒީރާ ގައުމުތަކުން ހިމަނަން ބޭނުންވި ބައިތައް ހިމެނިގެންނެވެ. މިގޮތުން އެންމެ މުހިއްމު ކަމެއްގެ ގޮތުގައި އެއޯސިސް އިން ބާރުއަޅަމުން ދިޔައީ، އެއްބަސްވުމުގެ މުހިންމު އެއްއަމާޒަކަށް ވާންޖެހޭނީ ދުނިޔޭގެ އެވްރެޖް ފިނިހޫނުމިން 1.5 ޑިގްރީގައި ބެހެއްޓުމުގެ މުހިންމު ކަމަށާއި އަދި މި މިންވަރަށް ބެހެއްޓުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމުގެ މުހިންމު ކަމުގެ މައްޗަށެވެ. ނަމަވެސް އެއްބަސްވުމުގައި ބައިވެރިވާ ގިނަ ގައުމުތަކަކީ، ޖައްވު ހޫނުވުމަށް މެދުވެރިވާ ގްރީންހައުސް ގޭސްތައް ބޭރުކުރާ ސިނާއަތްތަކަށް އެގައުމުތަކުގެ އިޤްތިސާދު ބަރޯސާވެފައިވާ ޤައުމުތަކަށްވާތީ، މި ފަދަ ލަނޑުދަނޑިއެއް ބަޔާންކުރުމަކީ އެ ގައުމުތަކުގެ ސިޔާސަތު ހަމަޖެހިފައިވާ ގޮތުން ތާއީދުކުރަން ދަތި ލަނޑުދަނޑިއެއްކަމަށް ބަޔާންކުރަމުން ދިޔަ އެވެ. އެހެންކަމުން މި ފަދަ ގައުމުތަކުން ގޮވާލަމުން ދިޔައީ އެއްބަސްވުމުގެ ލަނޑުދަނޑިއަކީ ސިނާއީ އިންގިލާބުގެ ކުރިން ހުރި މިންވަރަށްވުރެ، ދެ ޑިގްރީ އަށް ވުރެ މަތިވިޔަ ނުދިނުމަށް އަމާޒުކުރުން ކަމުގައި ކަނޑައެޅުމަށެވެ. ނަމަވެސް މިއީ ބިން ތިރި ކުދި ޖަޒީރާ ގައުމުތަކުގެ ދެމިއޮތުމަށް ވެސް އޮތް ހުރަހެއް ކަމަށް އެއޯސިސް އިން ދިޔައީ ތަކުރާރުކޮށް ބަޔާންކުރަމުންނެވެ.

އެހެންކަމުން ޕެރިސް އެގްރީމަންޓްގައި މި ލަނޑުދަނޑި ބަޔާންކޮށްފައި ވަނީ، ސިނާއީ އިންގިލާބުގެ ކުރިން ހުރި މިންގަނޑަށް ވުރެ ދެ ޑިގްރީ އަށް ވުރެ ދަށުގައި ބެހެއްޓުމަށާއި ސިނާއީ އިންޤިލާބުގެ ކުރިން ހުރި މިންގަނޑަށް ވުރެ 1.5 ޑިގްރީ އަށް ވުރެ މަތިވިޔަ ނުދިނުމަށް މަސައްކަތްކުރުމަށް އަމާޒު ކުރުމަށެވެ. އަޅުގަނޑު ދެކޭގޮތުގައި މިއީ އެއޯސިސް އަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ. ސަބަބަކީ، ބައިނަލްއަޤްވާމީ މިފަދަ މުހިއްމު އެއްބަސްވުމެއްގައި، މިފަދަ ލަނޑުދަނޑިއެއް ބަޔާންކޮށްފައިވުމަކީ، މޫސުމަށް އަންނަ ބަދަލުތައް މެދުވެރިވާ މައިގަނޑު ސިނާޢަތްތަކާއި އަދި ކުރެވޭ ކަންތައްތައް ހުއްޓުވައި ކާބަން މަދު އިގްތިސާދަކަށް މަގުފަހިކުރުމަށް އެޅޭ ވަރަށް ހަރުދަނާ ފިޔަވަޅަކެވެ.

އެގްރިމެންޓް ތަސްދީގުކުރުން މުހިއްމު ވަނީ ކީއްވެ؟

ޕެރިސް އެގްރިމެންޓް ސޮއިކޮށް ތަސްދީގު ކުރުމަށް ނިއުޔޯކުގައި ބޭއްވި ރަސްމިއްޔާތުގައި 175 ގައުމުން މި އެގްރިމެންޓްގައި ވަނީ ސޮއިކޮށްފަ އެވެ. އަދި 15 ވަރަކަށް ގައުމުން ވަނީ މި އެގްރިމެންޓް ތަސްދީޤުކޮށްފަ އެވެ. މި އެއްބަސްވުން އެކުލަވާލުމުގައި ދުނިޔޭގެ ގައުމުތަކުން ދެއްކި އެއްބައިވަންތަކަން މި އެގްރިމެންޓް ތަސްދީގުކުރުމުގައި ވެސް ދައްކަންޖެހެ އެވެ.

އެކާވީސް ވަނަ ގަރުނުގައި ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމަށްވާ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަށް ބައިނަލްއަޤްވާމީ ގޮތުން ފިޔަވަޅުއެޅުމަށް، 2020 ވަނަ އަހަރުގެ ފަހުން ޢަމަލުކުރާނެ މަގުޗާޓަކީ، ޕެރިސް އެގްރިމެންޓެވެ. އެހެންކަމުން މި އެގްރިމެންޓްގައި ސޮއިކޮށް ތަސްދީގު ކުރުމަކީ ކޮންމެހެން މުހިއްމު ކަމެކެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އޭގޭ ނޭދެވޭ އަސަރު މުޅި ދުނިޔެއަށް ކުރަމުންދާއިރު މިކަމާއި ބެހޭ ގޮތުން އެކަށީގެންވާ ފިޔަވަޅެއް ނާޅާ ތިބުމަކީ ދުނިޔޭގެ ލީޑަރުންނަށް އޮތް އިޚްތިޔާރެއް ނޫނެވެ. އެއީ ދުނިޔޭގެ ލީޑަރުން ކުރުން ކޮންމެހެން ލާޒިމު ކަމެކެވެ. މިގޮތަށް އަމަލުނުކޮށްފި ނަމަ އަންނަން އޮތް ޖީލުތަކުން އެ ލީޑަރުންނާއި ދޭތެރޭ ވިސްނާނީ ފުރުސަތު ނަގާލި ބައެއްގެ ގޮތުގަ އެވެ. އެ އިލްޒާމާއި އެ ލަދުވެތިކަން ދުނިޔޭގެ ލީޑަރުން ތަޙައްމަލްކުރަން ބޭނުންނުވާ ނަމަ މިއަދު މި އެގްރިމެންޓްގައި ސޮއިކުރަންޖެހެ އެވެ.

ޕެރިސް އެގްރިމެންޓް ޢަމަލީ ސިފައަކަށް އައުމަށް، މަދުވެގެން 55 ގައުމަކުން ބައިވެރިވުމާ އެކު، ދުނިޔެއިން ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ ނުވަތަ ގްރީންހައުސް ގޭހުގެ 55 އިން ސައްތަ ހިއްސާކުރާ މިންވަރަށް މި އެއްބަސްވުމުގައި ބައިވެރިން ހިމެނެން ޖެހެ އެވެ. އެހެންކަމުން މި އެގްރިމެންޓަށް އަމަލީ ސިފައެއް ގެނައުމަށް ޓަކައި ވަކިން ޚާއްސަކޮށް ޖައްވަށް ގިނަ ޢަދަދަކަށް ވިހަގޭސް ބޭރުކުރާ އަދި ސިނާޢީ ގޮތުން ކުރިއަރާފައިވާ، ސިނާޢީ އިންޤިލާބުގެ ފޮނިކަން ލިބިފައިވާ ބޮޑެތި ގައުމުތަކުން އެ ގައުމުތަކުގެ ތާރީޚީ ޒިންމާ މިކަމުގައި ނަގާ މިމަސައްކަތުގައި އިސްނެގުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ.

ޚާއްސަކޮށް އެގްރީމަންޓްގައި ބުނާ ފަދައިން، އަޅުގަނޑުމެން ފަދަ ގައުމުތަކަށް މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށާއި، މިކަމުންލިބޭ ގެއްލުންތައް ކުޑަކުރުމަށް ބޭނުންވާ މާލީ އެހީތެރިކަމާއި، އިންސާނީވަސީލަތް އަދި ޓެކްނޮލޮޖީ ފޯރުކޮށް ދިނުމަކީ ތަރައްގީވެފައިވާ ގައުމުތަކުން ކުރަން ޖެހޭ ކަމެކެވެ. އެގްރިމެންޓް އެކުލަވާލުމުގައި ޤައުމުތަކުން ދެއްކި އެއްބައިވަންތަކަން މިހާރު ވެސް ދައްކަން އެބަޖެހެ އެވެ. މި އެގްރިމެންޓަކީ މުޅި ދުނިޔޭގެ ކުރިމަގާއި އަންނަށް އޮތް ޖީލުތަކުގެ އުއްމީދާއި ގުޅިފައިވާ އެގްރިމެންޓަކަށް ވާތީ އެވެ.

---------------

ނޯޓް: މި ލިޔުމަކީ އެންވަޔަރަމަންޓް މިނިސްޓަރު ތާރިގު އިބްރާހިމް ސަން ފޮނުއްވި ލިޔުއްވުމެކެވެ.

comment ކޮމެންޓް