މައުމޫނަށް އެމްއެންޑީއެފުން ދެމުން ގެންދިޔަ ސެކިއުރިޓީ ދަށްކޮށްފި

ޕީޕީއެމްގެ އޮފީހުން މައުމޫން ނުކުމެވަޑައިގެން، އެމަނިކުފާނުގެ ސަޕޯޓަރުންނަށް ހަނާ އަޅުއްވަނީ-- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ގައުމީ ދިފާއީ ބާރުން ދެމުން ގެންދިޔަ ސެކިއުރިޓީ "ދަށް"ކޮށްފި އެވެ.

ރައީސް މައުމޫނަށް ސެކިއުރިޓީ ދެމުން ގެންދަނީ އެމްއެންޑީއެފްގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕުންނެވެ. އެމަނިކުފާނުގެ ހަށިފާރަވެރިންގެ ގޮތުގައި ސިފައިންގެ ފަސް މީހަކު ހަމަޖައްސާފައިވެ އެވެ. މާލޭގައި ދަތުރުފުޅު ކުރައްވާއިރު ހަށިފާރަވެރިން ދެ ކާރެއް އެމަނިކުފާނާއެކު ދަތުރުކުރެ އެވެ.

އެމްއެންޑީއެފުން ރައީސް މައުމޫނަށް މިރޭ އަންގާފައި ވަނީ ހަށިފާރަވެރިން ދަތުރުކުރާ ދެ ކާރުގެ ތެރެއިން، ތައްޔާރީ ހާލަތުގައި އެމަނިކުފާނާއެކު ދަތުރުކުރާ ކާރު މިރެއިން ފެށިގެން ބޭނުން ނުކުރާނެ އެވެ. އެމްއެންޑީއެފުން އެގޮތަށް އަންގާފައިކަން ރައީސް މައުމޫންގެ ސެކިއުރިޓީ ކަންކަން ބަލަހައްޓަވާ އެމަނިކުފާނުގެ ޕާސަނަލް އެސިސްޓެންޓް އަހުމަދު ސޮފްވާން "ސަން"އަށް ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ.

އޭނާ ވިދާޅުވީ އެމްއެންޑީއެފްގެ އެ ނިންމުމާއެކު މިރެއިން ފެށިގެން ބައެއް ހަށިފާރަވެރިން މައުމޫންގެ ކާރުކޮޅު ފަހަތުން ދަތުރު ކުރަނީ އަމިއްލަ ސައިކަލުގައި ކަމަށެވެ.

ރައީސް މައުމޫންގެ ސެކިއުރިޓީ ފްލީޓުގައި ތައްޔާރީ ހާލަތުގައި އޮންނަ ކާރަކީ މުހިއްމު ކާރެއް ކަމަށާއި ހާއްސަކޮށް ސިޔާސީ ހަލަބޮލިކަމެއް އުފެދިފައިވާ މިފަދަ ދަނޑިވަޅެއްގައި އެއީ މުހިއްމު ކާރެއް ކަމަށް ސޮފްވާން ވިދާޅުވި އެވެ.

ރައީސް މައުމޫން ފެކްޝަންގެ ނައިބު ރައީސް އައިމިނަތު ނާދިރާ "ސަން"އަށް މިރޭ ވިދާޅުވީ ރައީސް މައުމޫނަށް ދެމުން ގެންދިޔަ ސެކިއުރިޓީއަށް ބަދަލުތަކެއް ގެނައި ސަބަބު އެމްއެންޑީއެފުން އަންގާފައި ނުވާ ކަމަށެވެ.

ގައުމީ ދިފާއީ ބާރުން މައުމޫނަށް ދެމުން ގެންދިޔަ ސެކިއުރިޓީ "ދަށް" ކުރި ސަބަބާ ގުޅޭ ގޮތުން އެމްއެންޑީއެފްގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

އެކަމާ ގުޅޭ ގޮތުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އަދުނާން މުހައްމަދަށް ގުޅާލުމުން ވިދާޅުވީ "އެކަން ބަލާލުމަށްފަހު ގުޅާނެ" ކަމަށެވެ. ނަމަވެސް ފަހުން ގުޅުމުން އަދުނާން ފޯނު ނުނަންގަވާތީ ތަފްސީލެއް ލިބޭ ގޮތެއް ނުވި އެވެ.

އެމްއެންޑީއެފްގެ ބަހެއް ނުލިބުމުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފަށް އެކަމާ ގުޅޭ ގޮތުން މެސެޖު ކުރުމުން އަދި ޖަވާބެއް ނުދެއްވަ އެވެ.

ރައީސް މައުމޫނަށް ސެކިއުރިޓީ ދެމުން ގެންދާ އެސްޕީޖީ ގްރޫޕުން ދަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ސެކިއުރިޓީ ދެމުންނެވެ. ނަމަވެސް އެއިން ބޭފުޅަކަށް ދެމުން ގެންދިޔަ ސެކިއުރިޓީއަށް ބަދަލެއް ގެނައިކަން އެނގިފައެއް ނެތެވެ.

comment ކޮމެންޓް