އަންނަ އަހަރަށް 26 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި

ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު: އަންނަ އަހަރަށް 26 ބިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ މިދިޔަ ހޯމަ ދުވަހު މަޖިލީހަށް ހުށަހަޅާފައި -- ސަން ފައިލް ފޮޓޯ

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީ ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

މަޖިލީހަށް ބަޖެޓު ހުށަހަޅާފައި ވަނީ މިދިޔަ ހޯމަ ދުވަހު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު "ސަން"އަށް މިއަދު ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާކޮށް 26 ބިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހަށް ހުށަހަޅާފައިވާއިރު މިއަހަރަށް ލަފާކޮށް ރައްޔިތުން މަޖިލީހަށް ސަރުކާރުން ހުށަހެޅީ 27.457 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

މާލިއްޔަތު ގާނޫނަށް 2012 ވަނަ އަހަރު މަޖިލީހުން ގެނެސްފައިވާ އިސްލާހެއްގައި ބުނެފައި ވަނީ ރައްޔިތުން މަޖިލީހަށް ހުށަހެޅުމަށްޓަކައި ކޮންމެ މާލީ އަހަރަކަށް އެކުލަވައިލެވޭ އެ އަހަރުގެ ދައުލަތުގެ ބަޖެޓު ފިނޭންސް މިނިސްޓަރު ތައްޔާރުކޮށް ބަޖެޓު އެކުލަވައިލެވޭ މާލީ އަހަރު ފެށުމުގެ އެންމެ ލަސްވެގެން ދެ މަސް ދުވަހުގެ ކުރިން މަޖިލީހަށް ހުށަހަޅަންވާނެ ކަމަށެވެ.

ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މީގެކުރިން ވިދާޅުވެފައި ވަނީ ސަރުކާރުން މިއަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާ ބަޖެޓު މިއަހަރުގެ ބަޖެޓަށް ވުރެ ކުޑަވާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ ވިސްނުން ހުރީ އަންނަ އަހަރު ރިކަރަންޓު އެކްސްޕެންޑިޗާ ދަށް ކުރުމަށް ކަމަށެވެ. އަދި ވިދާޅުވީ، އެކަން އެގޮތަށް ކުރަން ނިންމީ ލިބޭ އާމްދަނީއާ ކުރާ ހަރަދާ އެއްހަމަ ކުރުމަށް ކަމަށެވެ.

މުނައްވަރު ވިދާޅުވީ، ދައުލަތުގެ ވުޒާރާތަކާއި މިނިވަން މުސްތަގިއްލު ކޮމިޝަންތަކުގެ ބަޖެޓު މިފަހަރު މުރާޖާކޮށްފައިވާނެ ކަމަށެވެ. ނަމަވެސް އޭގެތެރޭގައި ވެސް މިނިވަން ކޮމިޝަންތަކަށް ހާއްސަ އިސްކަމެއް ދީފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ރިކަރަންޓު އަދި ކެޕިޓަލް އެކްސްޕެންޑިޗާ ބައެއް އިދާރާތަކަށް ދަށްކުރިއިރު މިނިވަން ކޮމިޝަނުތަކަށް ދަށްކުރި މިންވަރު ކުޑަވާނެ ކަމަށް މުނައްވަރު ވިދާޅުވި އެވެ.

މިއަހަރަށް ސަރުކާރުން ހުށަހެޅި ބަޖެޓުގައި ޕަބްލިސް ސެކްޓާ އިންވެސްޓުމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ މަޝްރޫއުތަކަށް 9.1 ބިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.

މިއަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީގެ މަޝްރޫއުތަކަށް ހިމަނާފައިވާ 9.1 ބިލިއަން ރުފިޔާގެ ތެރެއިން އާއްމު ބަޖެޓުން ހޭދަ ކުރުމަށް ކަނޑައަޅާފައި ވަނީ 5.2 ބިލިއަން ރުފިޔާއެވެ. އަދި ބޭރުގެ ލޯނު އެހީގެ ގޮތުގައި 2.7 ބިލިއަން ރުފިޔާއާއި ހިލޭ އެހީއާ ޓްރަސްޓު ފަންޑުގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް މިއަހަރުގެ ބަޖެޓު މަޖިލީހަށް ހުށަހެޅުއްވިއިރު އޭރު ފިނޭންސް މިނިސްޓަރު ކަމަށް ހުންނެވި އަބްދުﷲ ޖިހާދު ވިދާޅުވި އެވެ.

comment ކޮމެންޓް