ދައުލަތުގެ މުސާރައިގެ ސިޔާސަތު ބިލުގައި ބަޔާންކޮށްފައިވާ ނޭޝަނަލް ޕޭ ކޮމިޝަން އުފައްދާ އެ ކޮމިޝަނަށް ފަސް މެމްބަރަކު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އައްޔަންކުރައްވައިފި އެވެ.
ނޭޝަނަލް ޕޭ ކޮމިޝަނަށް މިއަދު އައްޔަން ކުރެއްވި ފަސް މެމްބަރުންނަކީ، ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރާއި ރައީސް އޮފީހުގެ އަންޑާ ސެކެޓްރީ ޑރ. އިސާމް މުހައްމަދާއި އެމްއެމްއޭގެ ހިއުމަން ރިސޯސް ޑިވިޜަންގެ އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަރު ލުބްނާ އަބްދުލްގާދިރާއި ސިވިލް ސާވިސް ކޮމިޝަންގެ ސެކްރެޓެރީ ޖެނެރަލް ޑރ. މުހައްމަދު ފައިސަލުގެ އިތުރުން ފައިނޭންޝިއަލް ކޮންޓްރޯލާ ފާތިމަތު ރަޒީނާ އެވެ.
ދައުލަތުގެ މުސާރައިގެ ސިޔާސަތު ބިލު މަޖިލީހުން ފާސްކުރީ މި އަހަރުގެ އޭޕްރީލު މަހުގެ ތެރޭގަ އެވެ.
ބިލުގައި ބުނެފައިވާ ގޮތުން އެ ކޮމިޝަނުގެ ރައީސަކަށް ހުންނަވާނީ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު އެވެ. ބިލުގައި ބުނެފައި ވަނީ ކޮމިޝަނުގެ ރައީސަކަށް ހުންނަން ވާނީ ދައުލަތުގެ މާލިއްޔަތާ ބެހޭ ކަންކަން ބަލަހައްޓަވާ ވަޒީރެއް ކަމަށެވެ. ޕޭ ކޮމިޝަނުގެ ނައިބު ރައީސަކަށް ހުންނަވާނީ ކޮމިޝަނަށް އައްޔަން ކުރައްވާ ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ބޭފުޅެކެވެ. ނަމަވެސް ރައީސް އޮފީހުން އެ ބޭފުޅެއްގެ ނަމެއް ހާމައެއް ނުކުރައްވަ އެވެ.
ޕޭ ކޮމިޝަނުގެ މެމްބަރު ކަމަށް އައްޔަން ކުރައްވާ ބޭފުޅުންނަކީ މާލީ ނުވަތަ ހިންގުމުގެ ދާއިރާ އިން މާސްޓާސް ޑިގްރީ ނުވަތަ އެއާ އެއް ފެންވަރެއްގެ ސަނަދެއް ސަރުކާރު ގަބޫލުކުރާ އިދާރާއަކުން ހާސިލު ކުރުމާ އެކު މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ނުވަތަ ކަމާ ގުޅޭ ދާއިރާ އިން 10 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައި ހުންނަން ޖެހޭނެ މީހަކަށް ވާން ޖެހޭނެ ކަމަށެވެ.
ޕޭ ކޮމިޝަނަކީ ދައުލަތުގެ މުވައްޒަފުންގެ މުސާރަ ކަނޑައެޅުމާއި މުސާރައިގެ ކުރިއެރުން ދިނުމާއި ދައުލަތުގެ މުވައްޒަފުންގެ އުފެއްދުންތެރިކަން އިތުރު ކުރުމަށް އެމީހުންނަށް ދެވިދާނެ އިނާޔަތްތަކާއި ވަޒީފާ އިން ނުވަތަ މެމްބަރުކަމުން ވަކިވެގެންދާ އިރު އިނާޔަތްތައް ދޭނެ ސިޔާސަތުތަކާއި މިންގަނޑުތަކާއި ހަމަތައް ކަނޑައަޅައިދޭ ކޮމިޝަނެއް ކަމަށެވެ.
ނަމަވެސް މުސާރަ ކަނޑައެޅުމުގައި ރައީސުލްޖުމްހޫރިއްޔާކަން ކުރާ ބޭފުޅަކާއި ރައްޔިތުން މަޖިލީހުގެ މެމްބަރުންގެ އިތުރުން ޝަރުއީ ދާއިރާ އިސްތިސްނާވެ އެވެ.