ސިއްހީ ވައުދުތަކުން ބޮޑު ބައެއް ވަނީ ފުރިހަމަ ކުރެވިފައި: ހެލްތު މިނިސްޓްރީ

ހެލްތު މިނިސްޓްރީ --- ސަން ފައިލް ފޮޓޯ

ސިއްހީ ދާއިރާއަށް ސަރުކާރުން ވެފައިވާ ވައުދު ތަކުގެ ބޮޑު ބައެއް ފުރިހަމަ ކުރެވިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ސިއްހީ ދާއިރާއިން ހޯދާފައިވާ ކުރިއެރުންތަކާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާ ކުރުމަށް މިއަދު ފެކަލްޓީ އޮފް ހެލްތު ސައިންސް ގައި ބޭއްވި ރަސްމިއްޔާތެއްގައިި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން ރަޝީދު ވިދާޅުވީ ރައީސް ޔާމީން ސިއްހީ ދާއިރާއަށް ވެވަޑައިގެންނެވި ވައުދުތަކުގެ 90 ޕަސެންޓް ތަންފީޒު ކޮށް، އެ ދާއިރާއަށް ބޮޑެތި ކުރިއެރުން ތަކެއް ހޯއްދަވާ ދެއްވާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ތިން ސަރަހައްދެއްގައި ޓާޝިއަރީ ހޮސްޕިޓަލް ގާއިމް ކުރުމުގެ ދަށުން ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމާއި، އައްޑޫ ސިޓީ ހޮސްޕިޓަލުގެ މަސައްކަތްތައް ކުރިއަށް ދާ ކަމަށެވެ.

ސިއްހީ ދާއިރާއިން ހޯދާފައިވާ ކުރިއެރުންތަކާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާ ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

އޭގެ އިތުރުން ކޮންމެ އާއިލާއަކަށް ޑޮކްޓަރެއް ހަމަޖެއްސުމުގެ ސިޔާސަތުގެ ދަށުން އާއިލީ ޑޮކްޓަރުން ހަމަޖައްސަން ރަޖިސްޓްރޭޝަންގެ ކަންކަން އައިޖީއެމްއެޗުން ކުރިއަށް ގެންދާ ކަަމަށް އޭނާ ވިދާޅުވި އެވެ. ހުސައިން ރަޝީދުގެ ވާހަކަފުޅުގައި، އަތޮޅު ތެރޭގެ ރަށްރަށަށް ކުރިން ޑޮކްޓަރުން ހަމަޖައްސަވަމުން ގެންދިޔައީ އާބާދީގެ ކުޑަބޮޑު މިނަށް ބަލައިގެން ކަމަށާއި، ނަމަވެސް މިހާރު އާބާދީއަށް ބެލުމެއް ނެތި ހުރިހާ ރަށަކަށް ވެސް ޑޮކްޓަރުން ހަމަޖައްސާފައިވާ ކަމަށް ވިދާޅުވި އެވެ. އަދި އެއީ އާއިލީ ޑޮކްޓަރުގެ ސިޔާސަތު ތަންފީޒު ކުރުމަށް ކުރަންޖެހޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހުސެއިން ރަޝީދުގެ ވާހަކަފުޅުގައި ރައްޔިތުންނަށް ބޭނުންވާ ގިނަ ކަންތައްތަކެއް ފެށުމުގެ ތައްޔާރީތައް ވަމުން ދާކަން ފާހަގަ ކުރެވި އެވެ. އޭގެ ތެރޭގައި އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތް ހިމެނޭ ކަމަށާއި އެ އިމާރާތް 2018 ވަނަ އަހަރު ނިމޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހެލްތު މިނިސްޓްރީން ބުނީ ރާއްޖެއަށް ބޭނުންވާ ދިވެހި ސްޕެޝަލިސްޓު ޑޮކްޓަރުން ތަމްރީނު ކުރުމަށް 2014 ވަނަ އަހަރުން ފެށިގެން 38 ޑޮކްޓަރުން ސްޕެޝަލިސްޓުންގެ ގޮތުގައި ފޮނުވާފައިވާ ކަމަށެވެ. އަދި އޭގެ އިތުރުން އަތޮޅު ތެރޭގައި ތެލެސީމިއާ އަށް ސްކްރީން ކުރުމުގެ ހިދުމަތް ޖުލައި މަހުގެ ނިޔަލަށް 13 އަތޮޅެއްގައި ތައާރަފް ކޮށްފައިވާ އިރު، މިއަހަރު ނިމެންވާއިރަށް ހުރިހާ އަތޮޅެއްގައި ވެސް އެ ހިދުމަތް ގާއިމްކުރާނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

comment ކޮމެންޓް