50 އަހަރު ތެރޭ މާލޭގައި ތިން ލައްކަ މީހުން ދިރިއުޅޭނެ ކަމަށް ބަލައި ނަރުދަމާގެ ބޮޑު މަޝްރޫއެއް

މަލެ މަޖީދީ މަގު މަރާމާތުކުރުމުގެ މަސައްކަތް: ދާދި ފަހުން މި މަސައްކަތުގެ ތެރެއިން ވަނީ ނަޖިސް ހޮޅިއެއް ފަޅައިގެން ގޮސްފައި -- ސަން ފައިލް ފޮޓޯ

ކުރިޔަށް އޮތް 50 އަހަރު ދުވަހަށް އަމާޒުކޮށްގެން މާލޭގެ ނަރުދަމާ ނިޒާމު ތަރައްގީ ކުރުމަށް މާލެ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)އިން ކުރަން ނިންމާފައިވާ މަސައްކަތްތައް އިއުލާން ކޮށްފި އެވެ.

އެ ކުންފުނިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ މިހާރު މާލޭގައި ހުރި ނަރުދަމާ ނިޒާމަކީ 70،000 މީހުންގެ އާބާދީއަކަށް އަމާޒުކޮށް، މީގެ 25 އަހަރު ކުރިން އަޅާފައިވާ ނިޒާމެކެވެ.

ނަމަވެސް މިހާރު މާލޭގައި ލައްކައަކަށް ވުރެ ގިނަ މީހުން ދިރިއުޅޭ އިރު، ނަރުދަމާ ވެސް އެއާ އާބާދީއާ އެއްވަރަށް ތަރައްގީ ކުރަންޖެހޭ ކަމަށް ފަޒުލް ވިދާޅުވިއެވެ.

އެގޮތުން އެމްޑަބްލިއުއެސްސީން މިއަދު އިއުލާން ކުރި މަސައްކަތްތަކަކީ ކުރިއަށް އޮތް 50 އަހަރު ދުވަހަށް ވިސްނައި، މާލޭގައި ތިން ލައްކައިގެ އާބާދީއެއް އުޅޭނެ ކަމަށް ވިސްނައި ރޭވި މަސައްކަތްތަކެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްޑަބްލިއުއެސްސީގެ މެނޭޖިންގް ޑިރެކްޓަރު ފަޒުލް ރަޝީދު -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

މައިގަނޑު މަސައްކަތްތައް:

އިންޑަސްޓްރިއަލް ވިލެޖުގައި ޕަމްޕު ސްޓޭޝަނެއް ހެދުން:
މާލޭ ހުޅަނގު ދެކުނުގައި ބިން ހިއްކައިގެން ހަދާފައިވާ މާލެ އިންޑަސްޓްރިއަލް ވިލެޖުގައި އެމްޑަބްލިއުއެސްސީގެ ޕަމްޕު ސްޓޭޝަނެއް ހަދާ އިރު، އެތަނަކީ މާލޭގެ މައި އެއް ޕަމްޕު ސްޓޭޝަނަށް ވާނެ ކަމަށް އެމްޑަބްލިއުއެސްސީގެ އެމްޑީ ވިދާޅުވި އެވެ. އަދި މާލޭ ހުޅަނގުގައި އޮންނަ ރަސްފަންނު ސަރަހައްދުން ނަޖިސް ބޭރުކުރުމުގެ ނިޒާމު ވެސް، އިންޑަސްޓްރިއަލް ވިލެޖަށް ބަދަލު ކުރާނެ ކަމަށް ފަޒުލް ވިދާޅުވި އެވެ.

ނަޖިސް ބޭރުކުރާނީ އިންޑަސްޓްރިއަލް ވިލެޖާއި މަސްވެރިންގެ ޕާކާ ދިމާލުން:
ފަޒުލް ވިދާޅުވި ގޮތުގައި، އެމްޑަބްލިއުއެސްސީން ނިންމާފައި ވަނީ މާލެއިން މައިގަނޑު ދެ ސަރަހައްދަކުން ސުވަރޭޖް ނުވަތަ ނަޖިސް ބޭރު ކުރުމަށެވެ. އެއީ މިހާރު ވެސް ނަޖިސް ބޭރުކުރަމުންދާ ސަރަހައްދެއް ކަމުގައިވާ، މަސްވެރިންގެ ޕާކު ސަރަހައްދާއި އިންޑަސްޓްރިއަލް ވިލެޖުގައި ގާއިމުކުރާ ޕަމްޕު ސްޓޭޝަނުންނެވެ. ފަޒުލް ވިދާޅުވީ މާލޭގެ ޕަމްޕު ސްޓޭޝަން 2، ސްޓޭޝަން 3، ސްޓޭޝަން 4 އަދި ސްޓޭޝަން 9 ގުޅާލެވޭނީ އިންޑަސްޓްރިއަލް ވިލެޖުގައި ހުންނަ މައި ސްޓޭޝަނާ ކަމަށާއި، ސްޓޭޝަން 5، ސްޓޭޝަން 6، ސްޓޭޝަން 7 އަދި ސްޓޭޝަން 8 ގުޅާލެވޭނީ މަސްވެރިންގެ ޕާކާ ކަމަށެވެ.

ޖަންޖްޝަން ފުރިޔަ ނުދިނުމަށް އިތުރު ހޮޅިތަކެއް އަޅަނީ:
އެމްޑަބްލިއުއެސްސީން ނިންމާފައި ވަނީ މާލޭގެ މަގުތަކުގައި ވަޅުލާފައި ހުރި ނަޖިސް ޖަންކްޝަންތައް ފުރިގެން، މަގުތަކަށް ނަޖިސް ލީކުވުން ހުއްޓުވުމަށްޓަކައި ޚާއްސަ މަސައްކަތްތަކެއް ކުރުމަށެވެ. ރަނގަޅަށް ނަޖިސް ފްލޯ ނުވުމުގެ ސަބަބުން މަގުތަކަށް ނަޖިސް ލީކުވާ ނަމަވެސް، އެމްޑަބްލިއުއެސްސީން ނިންމާފައި ވަނީ އެއް ޖަންކްޝަން އަނެއް ޖަންކްޝަނާ ގުޅުވުމަށް މިހާރު އަޅާފައި ހުރި ހޮޅިތަކަށް ވުރެ ތަންކޮޅެއް މަތިން އިތުރު ހޮޅި ލައިނެއް އެޅުމަށެވެ. އެހެން ހެދުމުން، ޖަންކްޝަން ވަކި ހިސާބަކަށް ފުރުމުން، އެ ޖަންކްޝަންގައި ހުރި ނަޖިސް އެހެން ދިމާލަކަށް ޑައިވާޓް ވާނެއެވެ. އަދި ޖަންކްޝަން ފުރިގެން ލީކުވުން ހުއްޓުވޭނެއެވެ.

އެމްޑަބްލިއުއެސްސީގެ މެނޭޖިންގް ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ މި މަޝްރޫއު ހިންގާނީ އެކުންފުނީގެ ފަރާތުން، އެކުންފުނީގެ މުވައްޒަފުން ކަމަށެވެ.

ފަޒުލް ވިދާޅުވީ، އަންދާޒާ ކުރެވޭ ގޮތުގައި މި މަޝްރޫއަށް ޖުމްލަ 75 މިލިޔަނެއްހާ ރުފިޔާ ޚަރަދުވާނެ ކަމަށެވެ. އަދި މި މަޝްރޫއު 2018 ގެ ނިޔަލަށް ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"2018 ގެ ނިޔަލަށް މި މަސައްކަތް ނިންމުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނަން،"

އޭނާ ވިދާޅުވީ މި މަސައްކަތްތައް ކުރިޔަށް ދާނީ ނަރުދަމާގެ ޚިދުމަތަށް ހުއްޓުވުމެއް ނުގެނެސް، ޚިދުމަތް ވެސް ދެމުން ކަމަށެވެ. އެހެންކަމުން ބައެއް ހާލަތްތަކުގައި ޚިދުމަތަށް ދަތިތަކެއް ކުރިމަތިވި ނަމަވެސް ޚިދުމަތަށް ހުއްޓުމެއް ނާންނާނެ ކަމަށެވެ.

"މި މަސައްކަތަކީ ކުރިޔަށް އޮތް 50 އަހަރަށް ނެޓްވޯކް ބެލެހެއްޓުމަށްޓަކައި ކުރެވޭ މަސައްކަތެއް. ކުޑަކޮށް ދަތިވުމުގެ ފުރުސަތު އޮވެދާނެ، ނަމަވެސް ޚިދުމަތެއް ނުކެނޑޭނެ. އެވަރަށް އެކަން ޔަގީންކޮށްފައި މެނުވީ މަސައްކަތެއް ނުފަށާނަން. ޚިދުމަތް ނުކެނޑި، ދާއިމީ ގޮތެއްގައި ދެމުން އެހެނިހެން ޓްރެފިކްތަކަށް ހައްލު ހޯދަމުން މި މަސައްކަތް ކުރިޔަށް ގެންދާނީ،" ފަޒުލް ވިދާޅުވިއެވެ.

comment ކޮމެންޓް