އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާ ދައުލަތުގެ ބަޖެޓު މި ހަފްތާގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް ސަރުކާރު ހިންގާ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން ބުނެފި އެވެ.
ރައްޔިތުން މަޖިލީހުގެ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ނައިބު ލީޑަރު އަދި ވިލިފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު "ސަން"އަށް މިއަދު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓު މި ހަފްތާގެ ތެރޭގައި މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް އޭނާއެއް ހާމައެއް ނުކުރައްވަ އެވެ.
"މި ހަފްތާގެ ތެރޭގައި ބަޖެޓު މަޖިލީހަށް ވައްދާނެ،" ރިޔާޒު ވިދާޅުވި އެވެ.
މާލިއްޔަތު ގާނޫނަށް 2012 ވަނަ އަހަރު މަޖިލީހުން ގެނެސްފައިވާ އިސްލާހެއްގައި ބުނެފައި ވަނީ ރައްޔިތުން މަޖިލީހަށް ހުށަހެޅުމަށްޓަކައި ކޮންމެ މާލީ އަހަރަކަށް އެކުލަވާލެވޭ އެ އަހަރުގެ ދައުލަތުގެ ބަޖެޓު ފިނޭންސް މިނިސްޓަރު ތައްޔާރުކޮށް ބަޖެޓު އެކުލަވާލެވޭ މާލީ އަހަރު ފެށުމުގެ އެންމެ ލަސްވެގެން ދެ މަސް ދުވަހުގެ ކުރިން މަޖިލީހަށް ހުށަހަޅަންވާނެ ކަމަށެވެ.
އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާ ބަޖެޓުގެ ޖުމްލަ އަދަދު ނޭނގުނު ނަމަވެސް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވެފައި ވަނީ އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބަޖެޓް މިއަހަރުގެ ބަޖެޓަށް ވުރެ ކުޑަ ކުރުމަށް ސަރުކާރުން ވިސްނަމުންދާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ ވިސްނުން ހުރީ އަންނަ އަހަރު ރިކަރަންޓު އެކްސްޕެންޑިޗާ ދަށް ކުރުމަށް ކަމަށެވެ. އަދި ވިދާޅުވީ، އެކަން އެގޮތަށް ކުރަން ނިންމީ ލިބޭ އާމްދަނީއާ ކުރާ ހަރަދާ އެއްހަމަ ކުރުމަށް ކަމަށެވެ.
މުނައްވަރު ވިދާޅުވީ، ދައުލަތުގެ ވުޒާރާތަކާއި މިނިވަން މުސްތަގިއްލު ކޮމިޝަނުތަކުގެ ބަޖެޓު މިފަހަރު މުރާޖާކޮށްފައިވާނެ ކަމަށެވެ. ނަމަވެސް އޭގެތެރޭގައި ވެސް މިނިވަން ކޮމިޝަނުތަކަށް ހާއްސަ އިސްކަމެއް ދީފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ރިކަރަންޓު އަދި ކެޕިޓަލް އެކްސްޕެންޑިޗާ ބައެއް އިދާރާތަކަށް ދަށްކުރިއިރު މިނިވަން ކޮމިޝަނުތަކަށް ދަށްކުރި މިންވަރު ކުޑަވާނެ ކަމަށް މުނައްވަރު ވިދާޅުވި އެވެ.
މިއަހަރަށް ލަފާކޮށް ރައްޔިތުން މަޖިލީހަށް ސަރުކާރުން ހުށަހެޅީ 27.457 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.