ޝައްމޫނަށް ނޯޓިސް ދިން މައްސަލާގައި އެޗްއަރުސީއެމް ހިމޭނުން!

ޝައްމޫން ހަމީދު: އޭނާ ވަކިކުރަން ނޯޓިސް ދިން މައްސަލަ ކޯޓަށް ހުށަހަޅަން ވަނީ ނިންމާފައި --- ފޮޓޯ// ރައީސް އޮފީސް

އެޗްއާރުސީއެމްގެ ގަވާއިދަކަށް އިސްލާހު ގެނެސް އެ ކޮމިޝަނުގެ ސެކެޓްރީ ޖެނެރަލް ޝައްމޫން ހަމީދު މަގާމުން ވަކިކުރަން ނޯޓިސް ދިން މައްސަލާގައި އެޗްއާރުސީއެމް ހިމޭން ވެއްޖެ އެވެ.

ޝައްމޫނަށް ނޯޓިސް ދީ މަގާމުން ވަކިކުރަން އެޗްއާރުސީއެމުން ނޯޓިސް ދީފައިވާކަން 'ސަން' އަށް ވަނީ އެނގިފަ އެވެ. ޝައްމޫނުގެ ފަރާތުން އެ މައްސަލަ މިހާރު ވަނީ ކޯޓަށް ހުށަހަޅައިފަ އެވެ.

ޝައްމޫނު ވަކިކުރަން ނޯޓިސް ދިން މައްސަލާގައި އެޗްއާރުސީއެމްގެ ރަސްމީ ބަހެއް ހޯދުމަށް 'ސަން' އިން ގުޅާލުމުން އެ ކޮމިޝަނުގެ ސީނިއަ ބިއުރޯ އޮފިސަރު މަރިޔަމް ސާއިދާ ވިދާޅުވީ މެމްބަރުން އެކަމާ ބެހޭ ގޮތުން އަދި ވަކި މައުލޫމާތެއް ނުދެއްވާ ކަމަށާއި މެމްބަރުން މަޝްވަރާ ކުރުމަށް ފަހު މައުލޫމާތު ދެއްވުމުން މީޑިއާ އާ ހިއްސާ ކުރައްވާނެ ކަމަށެވެ.

އެމައްސަލާގައި އެޗްއާރުސީއެމްގެ ރައީސް އައިމިނަތު އީނާސް އަދި ނައިބު ރައީސް ޝިފާގު މުފީދު ފޯނަށް ޖަވާބު ނުދެއްވާތީ އެބޭފުޅުންގެ ބަހެއް ވެސް ވަނީ ލިބޭގޮތް ނުވެފަ އެވެ.

އެޗްއާރުސީމްގެ މެމްބަރު ނައިވީން އަބްދުﷲ 'ސަން' އަށް ވިދާޅުވީ އެމައްސަލާގައި މެމްބަރުންގެ މެދުގައި މަޝްވަރާ ކުރުމަށް ފަހު މީޑިއާއާ ވަކިއެއްޗެއް ހާމަކުރާނެ ކަމަށެވެ.

އެޗުއާރުސީއެމްގެ ގަވާއިދަށް ގެނައި އިސްލާހުގައި ބުނެފައި ވަނީ ކޮމިޝަނުގެ ސެކެޓްރީ ޖެނެރަލްގެ މުއްދަތަކީ މަގާމަށް އައްޔަންކުރެވޭ ތާރީހުން ފެށިގެން ފަސް އަހަރު ދުވަހުގެ މުއްދަތެއް ކަމަށެވެ.

ސެކްޓްރީ ޖެނެރަލްގެ މަގާމުގެ މުއްދަތު -މާއްދާ 39

(ހ) ކޮމިޝަނުގެ ސެކެޓްރީ ޖެނެރަލްކަމުގެ ދައުރުގެ މުއްދަތަކީ މަގާމަށް އައްޔަން ކުރެވޭ ތާރީހުން ފެށިގެން ފަސް އަހަރު ދުވަހެވެ.

މީގެކުރިން އެމާއްދާގައި ބުނެފައި ވަނީ އެޗްއާރުސީއެމަށް ސެކެޓްރީ ޖެނެރަލެއް ކަނޑައަޅަން ޖެހޭނެ ކަމަށެވެ. ނަމަވެސް ވަކި މުއްދަތެއް ކަނޑައަޅާފައެއް ނުވެ އެވެ.

ޝައްމޫން އެޗްއާރުސީއެމްގެ ސެކްޓްރީ ޖެނެރަލްގެ މަގާމަށް އައްޔަން ކުރީ 2012 ވަނަ އަހަރުގެ ފެބުރުއަރީ މަހު އެވެ. މިހާރު ގަވާއިދަށް ގެނައި އިސްލާހާ ގުޅިގެން ވެސް މުއްދަތު ހަމަވެގެން ކަމަށް ބުނެ ޝައްމޫން ވަޒީފާ އިން ވަކިކުރެވޭނީ ފެށޭ އަހަރުގެ ފެބުރުއަރީ މަހު އެވެ.

އެޗްއާރުސީއެމްގެ ސެކެޓްރީ ޖެނެރަލް މަގާމުން ވަކިކުރެވޭނެ ކަމަށް އެ ކޮމިޝަނުގެ ގަވާއިދުގައި ބުނެފައި ވަނީ ވަޒީފާއާ ބެހޭ ގަނޫނާއި ހިއުމަން ރައިޓްސް ކޮމިޝަނުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކޮމިޝަނުގެ ރަސްމީ ބައްދަލުވުމަކުން ފާސްކޮށްގެންނެވެ.

އެގޮތަށް ވަކިކުރެވޭނީ ވެސް ވަކިކުރެވޭ ސަބަބު ސެކްޓްރީ ޖެނެރަލަށް ލިއުމަކުން އެންގުމަށް ފަހު ކަމަށް ގަވާއިދުގައި ވަނީ ބުނެފަ އެވެ.

އެނޫން ގޮތަކަށް ސެކެޓްރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ބޭފުޅަކު މަގާމުން ވެކިކުރެވޭނީ ގަވާއިދުގައި ބުނާ ފަސް އަހަރު ދުވަހުގެ މުއްދަތު ހަމަވެގެން ކަމަށް ވެސް ގަވާއިދުގެ 44 ވަނަ މާއްދާގެ (ރ) ގައި ބުނެފައިވެ އެވެ.

ޝައްމޫނުގެ ފަރާތުން އެމައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައި ވަނީ ވަޒީފާގެ އެއްބަސްވުމާ ހިލާފަށް މަގާމުން ވަކިކުރުމަށް ނޯޓިސްދީފައިވާ ކަމަށް ބުނެ އެވެ.

comment ކޮމެންޓް