ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެއްވެސް މަސައްކަތެއް އެޖެންޑާ ކޮށްފައި ނެތުމުން މަޖިލީހުގެ މިއަދުގެ ޖަލްސާ ވެސް ނުބައްވާ ގޮތަށް ނިންމައިފި އެވެ.
މަޖިލީހުގެ ޖަލްސާއެއް މިދިޔަ ހަފްތާގައި ވެސް ބާއްވާފައި ނުވާއިރު، އެންމެފަހުން މަޖިލީހުގެ ޖަލްސާއެއް ބާއްވާފައި ވަނީ މި މަހުގެ 20ވަނަ ދުވަހު އެވެ.
އެ ދުވަހުގެ ޖަލްސާގައި ޓޫރިސްޓު ރިސޯޓު އަދި ޓޫރިސްޓު ހޮޓާތަކުގެ މެނޭޖުމަންޓު ދާއިރާތަކުގައި މަދުވެގެން 50 ޕަސެންޓު ވަޒީފާގެ ފުރުސަތު ދިވެހި މުވައްޒަފުންނަށް ދޭން ޖެހޭނެ ކަމަށް ބުނެ ޓޫރިޒަމާ ބެހޭ ގާނޫނަށް ފައިސަލް ހުށަހެޅުއްވި އިސްލާހަށް ބަހުސް ކުރުމަށްފަހު އެ އިސްލާހު މަޖިލީހަށް ބަލައިގަންނަން ފެނޭތޯ ވޯޓަށް ވަނީ އަހާފަ އެވެ. ނަމަވެސް އެ އިސްލާހު ތަޅުމުން ވަނީ ބޭރުކޮށްލާފަ އެވެ.
އެންމެ ފަހުން ބޭއްވި މަޖިލީހުގެ ޖަލްސާގައި އޮޑިޓު އޮފީހަށް އަންނަ އަހަރު ކަނޑައަޅާ ބަޖެޓު ވެސް ވަނީ ފާސްކޮށްފަ އެވެ. އެގޮތުން މާލިއްޔަތު ކޮމެޓީން ނިންމި ގޮތަށް އޮޑިޓު އޮފީހަށް 45 މިލިއަން ރުފިޔާގެ ބަޖެޓެއް ދިނުމަށް މަޖިލީހުގެ ޖަލްސާއިން ވަނީ ފާސްކޮށްފައެވެ.
ރައްޔިތުން މަޖިލީހުގެ ގަވާއިދުގައި މަޖިލިސް ބާއްވަން ޖެހޭ ދުވަސްތައް ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން ކޮންމެ ހަފްތާއެއްގެ ހޯމަ އަންގާރަ އަދި ބުދަ މި ތިން ދުވަހަކީ މަޖިލީހުގެ ޖަލްސާތައް ބާއްވަން ޖެހޭނެ ކަމަށް މަޖިލިސް ގަވާއިދުގައި ބުނެފައިވާ ދުވަސްތަކެވެ.