މަސީހާއި ރިޒާގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމުގެ މަސައްކަތް ފަށައިފި

ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު (ކ)، އަދި ޖޭއެސްސީއަށް މަޖިލީހުން ކަނޑައެޅުއްވި ގުރައިދޫ ދާއިރާގެ މެމްބަރު އިބުރާހިމް ރިޒާ (ވ): ސަން ފޮޓޯ

ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދާއި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް މަޖިލީހުން ކަނޑައަޅާފައިވާ ގުރައިދޫ ދާއިރާގެ މެމްބަރު އިބުރާހިމް ރިޒާގެ އިތުބާރު ނެތްކަމުގެ ވޯޓެއް މަޖިލީހުގައި ނެގުމުގެ މަސައްކަތް ފަށައިފި އެވެ.

އެ ދެ ބޭފުޅުންގެ މައްޗަށް އިތުރުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް މެމްބަރުންގެ ސޮއި ހޯދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ.

ރައްޔިތުން މަޖިލީހުގެ މެމްބަރަކު "ސަން"އަށް ވިދާޅުވީ އެ މަސައްކަތް ކުރަމުން ދަނީ ރައީސް މައުމޫނުގެ ފެކްޝަނުން ކަމަށް ބައެއް ފަރާތްތަކުން ވިދާޅުވަމުން ދިޔަ ނަމަވެސް އެއީ އެންމެ ރަނގަޅު ވާހަކައެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ އެ މަސައްކަތް ކުރަމުން ދަނީ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރާ ރައްޔިތުން މަޖިލީހުގެ މެމްބަރުން ގުޅިގެން ކަމަށެވެ.

"އަޅުގަނޑަކީ އާ ގާނޫނު އަސާސީއާ އެކު އުފެދުނު މަޖިލީހުގައި ވެސް އަދި މި މަޖިލީހުގައި ވެސް ރައްޔިތުން އިންތިހާބު ކުރި މެމްބަރެއް. އަޅުގަނޑު ނުދެކެން މިހާ ވިޔާނުދާކޮށް މަޖިލިސް ހިންގަވާ މަޖިލިސް ރައީސެއް. އެއްވެސް ހާލެއްގައި މަޖިލިސް ރައީސް ކަމުގައި ހުންނެވި މަސީހު މަޖިލިސް ހިންގަވަނީ މަޖިލީހެއް ހިންގާ ގޮތަކަށް ނޫން،" މެމްބަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަޖިލިސް ރައީސްގެ މަގާމުގައި މިވަގުތު ހުންނެވި މަސީހު މަޖިލިސް ހިންގަމުން ގެންދަވަނީ އެބޭފުޅާގެ އަމިއްލަ ކުންފުންޏެއް ހިންގާ އުސޫލުން ކަމަށެވެ. މެމްބަރު ވިދާޅުވީ، މަޖިލީހުގެ ރައީސް މަސީހު މަޖިލީހުގެ ގަވާއިދަށް ވެސް ބޭނުން އިރެއްގައި ބޭނުން އިސްލާހެއް ގެންނަމުންދާ ކަމަށެވެ.

މެމްބަރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ޖޭއެސްސީއަށް ކަނޑައެޅުއްވި ގުރައިދޫ ދާއިރާގެ މެމްބަރު ރިޒާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ނިންމީ ޖޭއެސްސީގެ މެމްބަރަކަށްވެ ހުންނަވައި ކޯޓުތަކަށް ވަކާލާތު ކުރައްވަމުން ގެންދަވާތީ ކަމަށެވެ.

"އެނގިލައްވާނެ ރިޒާ އެ ހުންނެވި މަގާމުގެ ސަބަބުން ކޯޓުތަކުގެ ގާޒީން އެއް ކޯޓުން އަނެއް ކޯޓަށް ބަދަލުވެސް ކޮށްލެވޭނެ. އެހެންވީމަ އެފަދަ މަގާމެއްގައި ހުންނަވާ އަމިއްލަ ފައިދާއަށް މަސައްކަތް ކުރައްވާ ކަމަށް އަޅުގަނޑުމެންނަށް ފާހަގަކުރެވެނީ. އަނެއްކާ ދަންނަވަންތޯ ރިޒާ އެފަދަ ގޮތަކަށް އަމަލު ކުރައްވާތީ އާންމުންގެ ޝަކުވާ ވެސް ވަރަށް ލިބޭ އިނގޭތޯ،" ނަން ހާމަ ކުރައްވަން ބޭނުންފުޅުނުވާ މެމްބަރު ވިދާޅުވި އެވެ.

ރައްޔިތުން މަޖިލީހުގެ ގަވާއިދުގައި ބުނެފައި ވަނީ މަޖިލިސް ރައީސްކަމުގައި ހުންނަވާ ބޭފުޅެއްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ބޭނުންވެއްޖެ ނަމަ 15 މެމްބަރަކު ސޮއިކުރައްވާ ސަބަބު ބަޔާން ކުރުމަށްފަހު ލިޔުމަކުން މަޖިލީހަށް ހުށަހަޅަންވާނެ ކަމަށެވެ. އަދި އެ ލިޔުން މަޖިލީހަށް ލިބޭތާ ތިން ދުވަހުގެ ތެރޭގައި އެ މައްސަލައާ ގުޅޭ ނޯޓިސް މެމްބަރުންނަށް ފޮނުވަން ވާނެ ކަމަށް ގަވާއިދުގައިި ބުނެފައިވެ އެވެ.

މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމަށް ވަކި އަދަދަކަށް މެމްބަރުންގެ ސޮއި ބޭނުންވި ނަމަވެސް ޖޭއެސްސީއަށް މަޖިލީހުން ކަނޑައަޅާ މެމްބަރެއްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ވަކި އަދަދަކަށް މެމްބަރުންގެ ސޮއި ހޯދާކަން ނުޖެހެ އެވެ.

މަސީހާއި ރިޒާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމުގެ މަސައްކަތް ފަށާފައިވާއިރު މި ދަނޑިވަޅަކީ ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމްގެ ތެރޭގައި ދެ ފެކްޝަނެއް އުފެދިފައިވާ ދަނޑިވަޅެކެވެ. އަދި ސަރުކާރަށާއި ރައީސް ޔާމީނަށް ކުރައްވާ ތާއީދުވެސް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ވަނީ އަނބުރާ ގެންދަވާފަ އެވެ.

comment ކޮމެންޓް