ޑައުން ސިންޑްރޯމް ހުރުމުން ބާކީ ކޮށްލި، މިއަދު ލާމަސީލު ޕްރީ ސްކޫލް ޓީޗަރެއް!

ޑައުންސިންޑްރޯމް ހުންނަ ނޮއީލިއާ ގަރެއްލާ އޭނާގެ ޕްރީ ސްކޫލް ދަރިވަރުންނާއެކު ކުލާހުގައި ހަރަކާތްތެރިވަނީ: އޭނާ އަކީ އާޖެންޓީނާގައި ޕްރީ ސްކޫލަށް ކިޔަވައިދޭ ފުރަތަމަ ޑައުންސިންޑްރޯމް ހުންނަ ޓީޗަރު ---

ކުޑައިރު ނާސަރީ ސްކޫލަކުން "ފުރޭތައެއް" ކަމަށް ބުނެ ބަލައިނުގަނެ އޭނާ ބޭކާރު ކޮށްލި އެވެ. އޭނާ ކަހަލަ މީހަކަށް ކުޑަކުދިންނަކަށް ކިޔަވައި ނުދެވޭނެ ކަމަށް އެތައް ބަޔަކު ގަބޫލު ކުރި އެވެ. އެ ހިޔާލު ދޫކޮށްލުމަށް ވެސް އެތައް ބަޔަކު އެދުނެވެ.

ނަމަވެސް ޑައުން ސިންޑްރޯމް ހުންނަ އުމުރުން 31 އަހަރުގެ ނޮއީލިއާ ގަރެއްލާ އަކީ މިހާރު އޭނާ ބަލައިނުގަނެ ބޭކާރު ކޮށްލި މީހުންނަށް ހުރި ނަމޫނާއެކެވެ. އޭނާ އަކީ އާޖެންޓީނާގައި އިތުރުން މުޅި ލެޓިން އެމެރިކާގެ ވެސް ޕްރީ ސްކޫލަށް ކިޔަވައިދޭ ފުރަތަމަ ޑައުންސިންޑްރޯމް ޓީޗަރެވެ.

ޑައުން ސިންޑުރޯމް ހުންނަ މީހަކަށް ކުޑަކުދިންތަކެއް އުޅޭ ކުލާހެއް ކޮންޓްރޯލް ކުރެވިދާނެތޯ ސްކޫލަކުން ކުރި ސުވާލަށް، ޖަވާބު ހޯދީ މިހާރު އޭނާ ކިޔަވައިދޭ ދެ އަހަރާއި ތިން އަހަރުގެ ތުއްތު ކުދިންގެ ފަރާތުންނެވެ. އެކުދިންނަށް އޭނާ ވާހަކަ ކިޔައިދޭއިރު ކުދިން ކަނުލާ އަޑު އަހަރެވެ. އާދައިގެ ޓީޗަރަކަށް އޭނާ ދޫނުކުރެ އެވެ.

"އަހަރެން އަބަދުވެސް ބޭނުންވާ ކަންތައް މިއީ. އަހަރެން ކުޑައިރުއްސުރެ އަހަރެން އެންމެ ވާން ބޭނުންވަނީ ޓީޗަރަކަށް. އެއީ އަހަރެން ކުޑަކުދިންދެކެ ވަރަށް ލޯބިވޭ. އަހަރެން ބޭނުން ވަނީ އެ ކުދިން ކިޔާ އަޑުއަހަން. ސަބަބަކީ މުޖުތަމައުއެއްގައި އެކަކު އަނެކަކު ދައްކާ ވާހަކަ އަޑުއަހަންޖެހޭނެތީ،" ނޯލިއާ ބުންޏެވެ.

ނޮއީލިއާގެ ހުވަފެން ހަގީގަތަކަށްވީ އޭނާގެ އެ ވަރުގަދަ ހިތްވަރުގެ ސަބަބުން ރަހުމަތްތެރިންތަކެއް އޭނާ އަށް ޕްރީ ސްކޫލަކުން ޖާގަ ދިނުމުންނެވެ. އެއާ އެކު އޭނާގެ ހާލަތު ހުރި ގޮތުން ކުލާހުގައި ފިލާވަޅު ނަގައިދިނުމަކީ އެންމެ ޒިންމާދާރު ގޮތް ކަމަކަށް ބައެއް މީހުން ސުވާލު އުފެއްދި އެވެ.

ނަމަވެސް، ޕްރީ ސްކޫލުގެ ޓީޗަރުންނާއި ބެލެނިވެރިންގެ އިތުރުން ސިޓީގެ މޭޔަރު ވެސް ނޮއީލިއާ އަށް ފުރުސަތެއް ދިނުމަށް ނިންމި އެވެ. އޭނާއަށް ޕްރީ ސްކޫލްތަކުގެ ފިލާވަޅުތައް ނުނެގޭންވީ ސަބަބެއް ނެތްކަމަށް އެމީހުން ގަބޫލުކުރި އެވެ.

"ވަގުތާ އެކު ނޮއީ ޓީޗަރެއްގެ ވަޒީފާ ދޭން ދެކޮޅު ހެދި މީހުން ވެސް އޭނާއަށް އެކަން ކުރެވޭނެ ކަމަށް ގަބޫލުކުރި. އަހަރެންމެންނަށް ވަރަށް އަވަހަށް އިނގިގެން ދިޔަ އޭނާގެ ގައިގާ އެ ހުނަރު ހުރިކަން. ނާސަރީ ކުލާހެއްގައި ކުދިން ބޭނުންވާ އެންމެ މުހިއްމު އެތި ނޮއީ ދޭ. އެއީ ލޯބި،" ނޮއީ އަށް ޓީޗަރެއްގެ ވަޒީފާ ދިން ސްކޫލުގެ ޑިރެކްޓަރު އެލެޖެންޑުރާ ސެނެސްޓާރީ ވިދާޅުވި އެވެ.

އެހެން ގައުމުތަކުގައި ވެސް ނޮއީ ފަދަ ޑައުންސިންޑުރޯމް ހުންނަ މީހުން ޓީޗަރުންގެ ގޮތުގައި ކިޔަވައިދެ އެވެ. ނަމަވެސް ނޮއީ އަކީ ލެޓިން އެމެރިކާގައި ވެސް ނޮއީ އަކީ ޕްރީ ސްކޫލެއްގައި ކިޔަވައިދޭ ޑައުންސިންޑުރޯމް ހުންނަ ފުރަތަމަ ޓީޗަރެވެ.

ޑައުން ސިންޑްރޯމް އަކީ އުފެދުމުގައި ޖެހޭ ބައްޔެކެވެ. ޑައުންސިންޑްރޯމް ނުވަތަ ޓްރައިސޮމީ 21، ނުވަތަ މޮންގޮލިޒަމް އަކީ ކްރޯމޮސޯމްގެ 21 ވަނަ ޖޯޑުގައި އިތުރު ކްރޯމޮސޯމް އެއް އިނުމުގެ ސަބަބުން އުފެދުމުގައި ހުންނަ އައިބެކެވެ. ނުވަތަ ބައްޔެކެވެ.

comment ކޮމެންޓް