އެމްޕީއެލްގެ ތެޔޮ ސަޕްލައިކުރަން މެރީޑިއަމަށް އެކަނި ދޭން އަމުރުކުރީ ރަނގަޅަށް: ސިވިލް ކޯޓު

މެރީޑިއަމްގެ ޕެޓްރޯލް ޝެޑު --- ސަންފައިލް ފޮޓޯ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑު (އެމްޕީއެލް)ގެ ތެޔޮ ސަޕްލައިކުރުމަށް މެރީޑިއަމް ސާވިސް ޕްރައިވެޓް ލިމިޓެޑަށް ނޫން އެހެން ބަޔަކަށް ނުދިނުމަށް އަންގައި ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރަށް ބަދަލުގެންނަން ޖެހޭ ތަނެއް ނެތް ކަމަށް އެ ކޯޓުން ބުނެފި އެވެ.

އެމްޕީއެލްގެ ފަރާތުން އެ އަމުރު މުރާޖާ ކޮށްދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅުމުން މުރާޖާ ކުރުމަށްފަހު ނެރުނު އަމުރުގައި ބުނެފައިވަނީ އެމްޕީއެލްގެ ތެޔޮ މެރީޑިއަމް ސާވިސް ނޫން އެހެން ބަޔަކަށް ސަޕްލައިކުރަން ނުދިނުމަށް ނެރުނު އަމުރު "ނިމުމަކަށް ގެންނަން ޖެހޭ ސަބަބެއް މިހިނދު ފާޅުވެފައި ނެތް" ކަމަށެވެ. އެހެންކަމުން އެ އަމުރު ބަދަލު ނުގެނެވޭނެ ކަމަށް ސިވިލް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.

ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރުގައި ބުނެފައި ވަނީ މެރީޑިއަމް ސާވިސް އާއި ޕޯޓްސް ލިމިޓެޑާ އެކު 17 އޭޕްރީލް 2016ގައި އެއްބަސްވުމެއް ހަދާފައިވާ ކަމަށެވެ. އަދި އޭގައި ޕޯޓްސް ލިމިޓެޑްގެ ސައިޓްތަކުގައި ބޭނުންކުރާ ވެހިކަލް އަދި ވެސެލްސްތަކަށް ބޭނުންވާ ޑީސަލް ސަޕްލައިކޮށް ދިނުމާ ގުޅޭ ގޮތުން އެއްބަސްވެފައިވާކަން އެނގެން އޮންނަ ކަމަށް ސިވިލް ކޯޓުގެ އަމުރުގައިވެއެވެ.

އެހެންކަމުން މެރީޑިއަމުން ހުށަހެޅި އެމައްސަލާގައި ގާނޫނީ ގޮތުން ހިމާޔަތް ލިބެންޖެހޭ މަޢުލޫއީ ހައްގެއް ނުވަތަ މަރުކަޒެއް ފާޅުކަން ބޮޑުގޮތެއްގައި ފެންނަން އޮތްކަމަށް ޝަރީއަތަށް ގަބޫލުކުރެވޭ ކަމަށް އަމުރުގައި ބުނެފައިވެ އެވެ.

ޕޯޓްސް ލިމިޓެޑުން މެރީޑިއަމް ނޫން ތިންވަނަ ފަރާތަކަށް ތެޔޮ ސަޕްލައި ކޮށްދެމުންދާނަމަ މެރީޑިއަމަށް ފޫނުބެއްދޭވަރުގެ ގެއްލުމެއް ލިބޭނެ ކަމަށް އެކުންފުނިން ހުށަހަޅާފައިވާ މައްސަލާގައި ބަޔާންކޮށްފައިވާ ކަަމަށްވެސް އަމުރުގައިވެ އެވެ.

އެހެންކަމުން ޝަރީއަތުން ވަކިގޮތެއް އަންގަންދެން ޕޯޓްސްގެ ތެޔޮ ސަޕްލައިކުރަން ހަމައެކަނި މެރީޑިއަމަށް ދޭން ކޯޓުން ވަނީ އަންގާފައެވެ.

އެމައްސަލާގައި އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދު ވިދާޅުވެފައިވަނީ އެ އަމުރު އިސްތިއުނާފު ކުރާނެ ކަމަށެވެ.

އެމްޕީއެލްއަށް ތެޔޮ ސަޕްލައިކުރަން މެރީޑިއަމްއާ ހަވާލުކުރެވުނީ 2015 ވަނަ އަހަރު އޭޕްރީލް މަހުގައި ކަމަށް ޖުނައިދު ވިދާޅުވި އެވެ. އަދި ވިދާޅުވީ 60،000 ލިޓަރުގެ ތެޔޮ ދުވާލަކަށް ސަޕްލައިކޮށްފި ނަމަ އެޔަށް ބިލްކުރާއިރު 160،000 ލިޓަރުގެ ތެލަށް ބިލުކުރާކަމަށެވެ. އެހެންކަމުން 12 ރުފިޔާއަށް ލިޓަރެއްގެ މަގުން ބެލިނަމަވެސް 1.2 މިލިއަން ރުފިޔާ މަހެއްގެ މައްޗަށް ގެއްލުންވާ ކަމަށް ޖުނައިދު ވިދާޅުވި އެވެ.

comment ކޮމެންޓް