އެލައިޑްގެ ކުރީގެ އެމްޑީ، އާ އިންޝޫރެންސް ކުންފުންޏެއް އުފައްދައިފި

ދިވެހި އިންޝޫރަންސް ކޮމްޕެނީގެ އެމްޑީ އަބްދުލްވާހިދު ތައުފީގު -- ސަން ފޮޓޯ

އެލައިޑް އިންޝޫރެންސް ކުންފުނީގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރު އަބްދުލް ވަހީދު ތައުފީގު، "ދިވެހި އިންޝޫރެންސް"ގެ ނަމުގައި އާ އިންޝޫރެންސް ކުންފުންޏެއް އުފައްދައިފި އެވެ.

މި ކުންފުނި އިފްތިތާހުކޮށްފައި ވަނީ މިއަދު ހެނދުނު ސެންޓްރަލް ހޮޓަލުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ.

ދިވެހި އިންޝޫރެންސް ކުންފުނި އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ އެމްޑީ، އަބްދުލް ވަހީދު ތައުފީގު ވިދާޅުވީ ރާއްޖޭގެ އިންޝޫރެންސް މާކެޓްގައި މިވަގުތު ފަސް ކުންފުންޏެއް ހަރަކާތްތެރިވަމުންދާ އިރު، މާކެޓު ވަރަށް ކޮމްޕެޓެޓިވް ވާނެ ކަމަށެވެ. ނަމަވެސް އެކުންފުނިން މަސައްކަތް ކުރާނީ ކޮމްޕެޓިޝަންގެ އެހެން ލެވެލްއެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަރަށް އަވަހަށް ބަދަލުވަމުންދާ މާކެޓެއްގައި އަޅުގަނޑުމެން މަސައްކަތް މިކުރަނީ. މިކަހަލަ މާކެޓެއްގައި އެންމެ ބޮޑަށް ކާމިޔާބު ލިބޭނީ އެންމެ އަވަހަށް މާކެޓަށް އެޑެޕް ކުރެވޭ ކުންފުނިތައް. އެންމެ ޒަމާނާ އެއް ފެންވަރަށް ޚިދުމަތްތައް ފަރުމާ ކުރެވޭ ކުންފުނިތަކަށް،" އަބްދުލް ވަހީދު ތައުފީގު ވިދާޅުވި އެވެ.

ތައުފީގް ވިދާޅުވީ މާކެޓުގައި ޖާގަ ހޯދަން ޖެހޭނީ އެކުންފުންޏެއް އަމިއްލައަށް ކަމަށެވެ. އެގޮތުން އެހެން ކުންފުންޏެއްގެ ޖާގަ ހޯދުމަށް ވުރެ، އަމިއްލަ ޖާގައެއް މާކެޓުގައި ހޯދުމަށް އަމިއްލަ ސްޓްރެޓެޖީއެއްގައި މަސައްކަތް ކުރުން މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ.

ކުންފުނީގެ އިސްބޭފުޅުންނާއި، މުއައްޒަފުންނާ މުޚާތަބުކުރައްވާ ދެއްކެވި ވާހަކައިގައި އޭނާ ވިދާޅުވީ ކުންފުނީގެ ވިސްނުން ބަހައްޓަން ޖެހޭނީ ކަސްޓަމަރުންނާ ދިމާލަށް ކަމަށެވެ.

"އަޅުގަނޑުމެންގެ ޚިދުމަތް ކަސްޓަމަރުންނަށް ފޯރުކޮށްދޭން ރަނގަޅު ޑިސްޓްރިބިއުޝަން ސްޓްރެޓެޖީއެއް ގާއިމްކޮށްގެން. މިއަދު އަޅުގަނޑުމެން ވިސްނަމުން ދަނީ ހުރިހާ ކަމެއް އެއް ފުރާޅެއްގެ ދަށުން ދިނުމުގެ ބަދަލުގައި ކަސްޓަމަރުންނަށް ޚިދުމަތް ދޭ ގިނަ ފަރާތްތަކާ ގުޅިގެން ގިނަ ފުރާޅުތަކެއްގެ ދަށުން ޚިދުމަތް ދޭން،" ތައުފީގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވިޔަފާރީގެ ދުނިޔެއަށް ރާއްޖެ ހުޅުވެމުންދާ ސްޕީޑަށް ބަލާއިރު ރާއްޖޭގެ އިންޝޫރެންސް މާކެޓު ދަނީ ފުޅާވަމުން ކަމަށެވެ. އަދި އެ މާކެޓުގައި ރަނގަޅު ފުރުސަތުތަކެއް ފަހި ވެފައިވާ ކަމަށާއި އެގޮތުން އެކުންފުނީގެ އަމާޒަކީ ރާއްޖޭގައި ދެވޭ އިންޝޫރެންސް ޚިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށް ފަހު ރާއްޖެ އިން ބޭރަށް އެ ޚިދުމަތައް ގެންދެވޭ ފެންވަރަށް ގާބިލްކަން އިތުރު ކުރުން ކަމަށެވެ.

ދިވެހި އިންޝޫރަންސް ކޮމްޕެނީ ޕވޓ. ލޓޑ. އަށް އެކުންފުނީގެ ވިޔަފާރި ފެށުމުގެ ހުއްދަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން ދީފައި ވަނީ މިދިޔަ އޯގަސްޓު މަހުގެ ތެރޭގައި އެވެ. މި އިންޝޫރެންސް ކުންފުނިން ދިނުމަށް ހަމަޖެހިފައިވަނީ ޖެނެރަލް އިންޝޫރެންސްގެ ޚިދުމަތެވެ.

ޖޮއިން ވެންޗާ އުސޫލުން، އެންސިސް ގްރޫޕުގެ ދަށުން އުފައްދާފައިވާ ދިވެހި އިންޝޫރަންސް ކޮމްޕެނީއަކީ 100 ޕަސަންޓު ދިވެހިން ހިއްސާވާ ކުންފުންޏެކެވެ. މިއީ ރާއްޖޭގައި ހިންގާ 100 ޕަސެންޓު ދިވެހިން ހިއްސާވާ ދެވަނަ އިންޝޫރެންސް ކުންފުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު