ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ސެންޓޭއަށް، މޮޅު ކީޕަރަކަށް އީގަލްސްގެ ސުޖަން

އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދި ސެންޓޭއަށް، ޑޭވް ހަނދާނީ ފިލާ ހަވާލުކޮށްދެއްވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ޓީސީގެ ފޯވާޑް އަލީ ފާސިރު (ސެންޓޭ)އަށް ލިބުނުއިރު އެންމެ މޮޅު ގޯލު ކީޕަރުގެ މަގާމު އީގަލްސްއަށް ކޫޅޭ ސްރީލަންކާ ގައުމީ ކީޕަރު ސުޖަން ޕެރޭރާއަށް ލިބެއްޖެއެވެ.

ލީގުގެ ފަހު މެޗުގައި ރޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ކްލަބު އީގަލްސް ކުޅުނު މެޗަށް ފަހު ޗެމްޕިއަން މާޒިޔާއަށް ޝީލްޑް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދެ ކުޅުންތެރިންނަށް ހަނދާނީ ފިލާ ދެއްވީ ސްޕޯޓްސް ކޮމިޝަނާ އަހުމަދު ނަޝީދު (ޑޭވް) އެވެ.

މިދިޔަ އަހަރުގެ ސީޒަނުގައި ނިއު ރޭޑިއަންޓަށް ކުޅުމަށް ފަހު މިސީޒަނުގައި ޓީސީއަށް ބަދަލުވި ސެންޓޭ ވަނީ އެ ޓީމުން ލީގްގެ ދެވަނަ މަގާމް ހޯދިއިރު މުހިންމު ދައުރެއް އަދާކޮށްފައެވެ. ޗެމްޕިއަން މާޒިޔާއަށް ވުރެ ފަސް ޕޮއިންޓު މަދުންލިބި ޓީސީއަށް ދެވަނަ ލިބެނީ 42 ޕޮއިންޓާ އެކުއެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ އެންމެ މޮޅު ގޯލު ކީޕަރުގެ މަގާމް ހޯދި އީގަލްސްގެ ސުޖަންއަށް، ޑޭވް ހަނދާނީ ފިލާ ހަވާލުކޮށްދެއްވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މޮޅު ކުޅުންތެރިޔާގެ އިތުރުން ސެންޓޭ އަކީ ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއާވެސްމެއެވެ. އޭނާ ވަނީ ޓީސީއަށް 29 ލަނޑު ކާމިޔާބު ކޮށްދީފައެވެ. ސެންޓޭއާ އެންމެ ގާތުން ވާދަކުރާ މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ(އަސައްކޮ) އަށް ކާމިޔާބު ކުރެވުނީ 26 ލަނޑެވެ.

އެންމެ މޮޅު ގޯލުކީޕަރުގެ މަގާމު ލިބުނު ސުޖަން އަކީ މިސީޒަނުގައި އީގަލްސް ވަރުގަދަ ކުރުމަށް ލަންކާއިން ގެނައި ކީޕަރެކެވެ. އޭނާ ވަނީ މިސީޒަނުގައި އީގަލްސްގައި މޮޅު ކުޅުމެއް ދައްކައި އެޓީމަށް ލީގުގެ ތިން ވަނަ މަގާމް ހޯދަދިނުމުގައި ވެސް މުހިންމު ދައުރެއް އަދާކޮށްފައެވެ.

ލީގުގެ ފެއާޕްލޭ ޓީމްގެ މަގާމް ލިބުނީ، މިދިޔަ އަހަރު ދެވަނަ ޑިވިޝަނުން އެއްވަނަ ޑިވިޝަނަށް ބަދަލުވެ ތަފާތު ކުޅުމެއް ދެއްކި ޔުނައިޓެޑް ވިކްޓަރީއަށެވެ. ލީގުގައި އެޓީމަށް ލިބެނީ 23 ޕޮއިންޓާއެކު ހަތަރު ވަނައެވެ.

comment ކޮމެންޓް