އަޅުނގަޑުމެންނަކީ އިދިކޮޅު ޕާޓީއެއް، ގައުމުގެ ކަންތައްތަކާމެދު ކަންބޮޑުވޭ: ޖޭޕީ

ޖޭޕީގެ ފަރާތުން މިއަދު އެ ޕާޓީގެ މައި ޖަގަހަ، މ. ކުނޫޒުގައި ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ޕާޓީތަކުގެ ތެރޭގައި ފެކްޝަންތަކެއް އުފެދި ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެފައި ވުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށާއި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮވެ، އެ މައްސަލަތައް ހައްލުކުރަން ބޭނުންވާ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ބުނެފި އެވެ.

ރާއްޖޭގެ މިހާރުގެ މަސްރަހާ ގުޅޭގޮތުން ޖޭޕީގެ ނިންމުމަކީ ކޮބައިކަން މީޑިއާއާ ހިއްސާކުރުމަށް މިއަދު މ. ކުނޫޒުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ޖޭޕީގެ ނައިބް ލީޑަރު ޑރ. ހުސެއިން ރަޝީދު ވިދާޅުވީ، ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަހާ ގުޅޭ ގޮތުން ޖޭޕީގެ ލީޑާޝިޕުން މިއަދު ބައްދަލުކޮށްފައިވާ ކަމަށެވެ.

ގައުމުގައި މިހާރު ހިނގަމުންދާ ކަންތައްތަކާ ގުޅޭ ގޮތުން ކަންބޮޑުވާ ކަމަށާއި އެ ކަންތައްތައް ހައްލުކުރުމަށްޓަކާ ސިޔާސީ ޕާޓީތަކާއި ސިޔާސީ ފަރާތްތަކާއެކު މަޝްވަރާކުރުމަށް ޖޭޕީ ތައްޔާރަށް އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކާއެކު މަޝްވަރާ ކުރައްވަން ތައްޔާރަށް އޮތް ކަމަށް ޖޭޕީން ހާމަކޮށްފައި ވަނީ އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކާ ބައްދަލު ކުރުމަށް ޕީޕީއެމްގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް ސިޓީފުޅެއް ފޮނުއްވާފައި ވަނިކޮށެވެ.

ރައީސް މައުމޫންގެ ސިޓީފުޅު ޖޭޕީއަށް ލިބިފައިވާ ކަމަށް ވިދާޅުވެ ހުސެއިން ރަޝީދު ވިދާޅުވީ، ޖޭޕީއަކީ ވަރަށް ހުޅުވާލެވިފައިވާ ޕާޓީއެއް ކަމަށާއި ރައީސް މައުމޫނާ ވެސް ރައީސް ޔާމީނުގެ އިތުރުން ރަޢީސް ނަޝީދާ ވެސް ބައްދަލު ކުރުމަށް ޖޭޕީގެ ކައުންސިލުން ތައްޔާރަށް އޮތް ކަމަށެވެ.

އަދި ވިދާޅުވީ، ރާއްޖެއަށް ކުރިމަތިވެފައިވާ ހާލަތަށް ހައްލެއް ގެންނައުމަށާއި ގައުމަށް ސުލްހަ ގެންނަން އަމަލީ ގޮތުން އިސްނަގައިގެން ވެސް ޖޭޕީން އެކި ފަރާތްތަކާ ބައްދަލުކުރާނެ ކަމަށެވެ.

ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމް ދެ ފެކްޝަނަކަށް ބެހިފައިވާ މި ދަނޑިވަޅުގައި ޖޭޕީން ތާއީދު ކުރަނީ ކޮން ފެކްޝަނަކަށްތޯ ސުވާލުކުރުމުން ހުސެއިން ރަޝީދު އެ ސުވާލަށް ސީދާ ޖަވާބެއް ނުދެއްވަ އެވެ.

އޭނާ ވިދާޅުވީ، ޖޭޕީ އަކީ ސަރުކާރުގައި ހިމެނޭ ސަރުކާރާ އެއްކޮށް އޮތް ޕާޓީއެއް ވެސް ނޫން ކަމަށާއި އަދި އެހެން ކޯލިޝަނަކާއެކު އޮތް ޕާޓީއެއް ވެސް ނޫން ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީ ތާއީދު ކުރަނީ ޖުމްހޫރީ ޕާޓީއަށް ކަމަށް ވެސް ވިދާޅުވި އެވެ.

"ޖުމްހޫރީ ޕާޓީއަކީ ސަރުކާރުގައި ހިމެނޭ ޕާޓީއެއް ނޫން. އަޅުނގަޑުމެންގެ ގައުމީ ހިންގާ ކޮމެޓީން ފާސްކޮށްފައިވަނީ އަޅުނގަޑުމެންނަކީ އިދިކޮޅު ޕާޓީއެއް ކަމަށް. އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވަމުން މި ދަނީ،" ޑރ. ހުސެއިން ރަޝީދު ވިދާޅުވި އެވެ.

comment ކޮމެންޓް