މަރާމާތެއް ކުރުމަށް މާލޭގެ ބައެއް ސަރަހައްދުތަކުން މިރޭ ފެން ކަނޑާލަނީ

މަޖީދީމަގާއި ޗާންދަނީމަގު ގުޅޭ ކަންމަތީގެ ބިމު އަޑީގައި ވަޅުލާފައި އޮތް އެމްޑަބްލިއުއެސްސީގެ ފެން ހޮޅި އަކުން ފެން ލީކް ވާތީ އެ މައްސަލަ ހައްލުކުރަން އެ ކުންފުނީގެ މުވައްޒަފުން ހަރަކާތްތެރިވަނީ --- ސަން ފޮޓޯ/ އަހުމަދު މުޖުތަބާ

ފެނުގެ ޑިސްޓްރިބިއުޝަން ސިސްޓަމް މަރާމާތު ކުރުމުގެ ގޮތުން މާލޭގެ ބައެއް ސަރަހައްދުތަކުން މިރޭ ފެނުގެ ހިދުމަތް ކަނޑައިގެން ދާނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެފި އެވެ.

އެކުންފުނިން ބުނީ މިރޭ 12:30އިން ފެށިގެން ފަތިހު 4:00އަށް މާލޭގެ ބައެއް ސަރަހައްދުތަކުން ފެނުގެ ހިދުމަތް މެދުކެނޑިގެން ދާނެ ކަމަށެވެ.

އެމްޑަބްލިއުއެސްސީން ބުނީ ފެނުގެ ހިދުމަތް ކަނޑައިގެން ދާނީ އިސްކަންދަރުމަގު ޗާނދަނީ މަގާ ގުޅޭ ހިސާބުން ފެށިގެން ނިކަގަސް ހިނގުމާ ހަމައަށް ކަމަށެވެ. އަދި ނިކަގަސް ހިނގުން އިސްކަންދަރު މަގާ ގުޅޭ ހިސާބުން ފެށިގެން އަމީނީ މަގާ ހަމައަށް ފެނުގެ ހިދުމަތް ކަނޑައިގެން ދާނެ ކަމަށް ވެސް އެމްޑަބްލިއުއެސްސީން ބުންޏެވެ.

މަރާމާތެއް ކުރުމުގެ ގޮތުން މިރޭ މާލޭގެ ބައެއް ސަރަހައްދުތަކުން ފެނުގެ ހިދުމަތް ކަނޑައިގެން ދާނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެފައިވާއިރު މަޖީދީމަގާއި ޗާނދަނީމަގު ގުޅޭ ކަންމަތީ ސަރަހައްދުގައި ވަޅުލާފައި އޮތް އެމްޑަބްލިއުއެސްސީގެ ފެން ހޮޅިއެއް ފަޅައިގެން ގޮސް އެ ސަރަހައްދަށް ފެން ލީކުވާތީ، އެތަން މަރާމާތު ކުރުމުގެ މަސައްކަތް އެ ކުންފުނިން އަންނަނީ ކުރަމުން ނެވެ.

އެކުންފުނީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، އެ ސަރަހައްދުން ފެން ލީކު ވަމުންދަނީ ބިމު އަޑީގައި ވަޅުލާފައި އޮތް ފެން ހޮޅިއެއްގެ ވޭލް ލީކެއްގެ ސަބަބުން ކަމަށެވެ. އަދި އެ މައްސަލަ މިހާރު ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑަބްލިއުއެސްސީގެ ފެން ހޮޅި ފަޅައިގެން ދިޔައީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ސަންގެ ނޫސްވެރިން، ހެނދުނު 6:00 ކަންހާއިރު އެ ސަރަހައްދަށް ދިޔައިރުވެސް "ބޮކި ޖަހާފައި" އެ ސަރަހައްދު ބިމު އަޑިން ފެން އަރަމުންދިޔައެވެ.

comment ކޮމެންޓް