އިންޑިއާ ކަނޑުގެ އެންމެ ފާހަގަކޮށްލެވޭ 10 ރިސޯޓުގެ ތެރޭގައި ރާއްޖޭގެ އަށް ރިސޯޓެއް

ބ. އަތޮޅުގައި އޮންނަ އަނަންތަރާ ކިހާވަށް ރިސޯޓުގެ ވިލާއެއް ---

އެމެރިކާގެ މަޝްހޫރު މާސް މީޑިއާ އެއް ކަމަށްވާ ކޮންޑޭ ނާސްޓްގެ ލަގްޒަރީ އަދި ލައިފްސްޓައިލް ޓްރެވަލް މަޖައްލާއެއް ކަމަށްވާ ކޮންޑޭ ނާސްޓް ޓްރެވަލާސް މެގަޒިން އިން ހޮވާ އިންޑިއާ ކަނޑުގެ އެންމެ ފާހަގަކޮށްލެވޭ ރިސޯޓްތަކުގެ ލިސްޓު ރާއްޖޭން ޑޮމިނޭޓް ކޮށްފި އެވެ.

އެ މަޖައްލާގެ ކިއުންތެރިންގެ މެދުގައި ނަގާ ވޯޓަކުން ހޮވާ "ކޮންޑޭ ނާސްޓް ޓްރެވަލާސް ރީޑާސް ޗޮއިސް އެވޯޑްސް"ގެ މިއަހަރުގެ އެވޯޑް ލިސްޓް އާންމުކުރީ މިދިޔަ އަންގާރަ ދުވަހު އެވެ.

ލިސްޓުގައި އިންޑިއާ ކަނޑުގެ ފާހަގަ ކޮށްލެވޭ 10 ރިސޯޓެއް ހިމަނާފައިވާއިރު، ރާއްޖޭގެ އަށް ރިސޯޓެއް ވަނީ ލިސްޓުގައި ހިމެނިފަ އެވެ. އެ އެވޯޑް ލިސްޓުގެ ރާއްޖޭގެ އިތުރުން ދެން ހިމެނެނީ ސީޝެލްސްގެ ރިސޯޓަކާއި މޮރިޝަސްގެ ރިސޯޓެކެވެ.

އެގޮތުން "ކޮންޑޭ ނާސްޓް ޓްރެވަލާސް ރީޑާސް ޗޮއިސް އެވޯޑްސް" ލިސްޓުގެ އެއް ވަނަ ލިބިފައި ވަނީ ބ. އަތޮޅުގައި އޮންނަ އަނަންތަރާ ކިހާވަށް ރިސޯޓެވެ. އަދި ދެ ވަނަ ޝެވަލް ބްލޭން އަށް ލިބުނުއިރު، ތިން ވަނަ ލިބިފައި ވަނީ ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓެވެ.

ދެން ލިސްޓުގައި ހިމެނޭ ރާއްޖޭގެ ރިސޯޓްތަކަކީ، ނިޔާމަ ރިސޯޓާއި ފޯ ސީޒަންސް ރިސޯޓް މޯލްޑިވްސް އެޓް ލަނޑާ ގިރާވަރާއި އަނަންތަރާ ވެލި ރިސޯޓް އެންޑް ސްޕާގެ އިތުރުން ޑަބްލިއު މޯލްޑިވްސް އަދި ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑެވެ.

އިންޑިއާ ކަނޑުގެ އެންމެ ފާހަގަކޮށްލެވޭ ރިސޯޓުގެ މަގާމް ހޯދި، އަނަންތަރާ ކިހާވަށް ރިސޯޓް ވަނީ ދުނިޔޭގެ އެންމެ ފާހަގަކޮށްލެވޭ ރިސޯޓްތަކުގެ ލިސްޓުގައި ވެސް ހިމެނިފައެވެ.

މިއަހަރު ދިން 29 ވަނަ "ކޮންޑޭ ނާސްޓް ޓްރެވަލާސް ރީޑާސް ޗޮއިސް އެވޯޑްސް" ގައި ތިން ލައްކައަށްވުރެ ގިނަ ދަތުރުވެރިން ބައިވެރިވެފައިވާއިރު، މިލިއަނެއްހާ ރޭޓިން އާއި 75000 ކޮމެންޓްސް ކޮށްފައިވެ އެވެ.

comment ކޮމެންޓް