ތަމްރީނުވެފައި ތިބި ދިވެހި އެއާ ޓްރެފިކް ކޮންޓްރޯލަރުން ރާއްޖެ ދޫކޮށް ދިއުމަކީ ދެރައެއް: އާދިލް

ބައިނަލް އަގްވާމީ ގޮތުން މިއަދު ފާހަގަ ކުރާ އެއާ ޓްރެފިކް ކޮންޓްރޯލަރުންގެ ދުވަސް ފާހަގަ ކުރުމަށް އައިއެންއައިއޭ ގައި ބޭއްވި ރަސްމިއްޔާތުގައި އާދިލް ވާހަކަފުޅު ދައްކަވަނީ -- ސަން ފޮޓޯ/ މުޙައްމަދު އަފްރާހް

ދިވެހި އެއާ ޓްރެފިކް ކޮންޓްރޯލަރުން ރާއްޖެއިން ތަމްރީނު ހޯދުމަށްފަހު ރާއްޖެ ދޫކޮށް އެހެން ގައުމުތަކަށް މަސައްކަތް ކުރުމަށް ދިއުމަކީ އެއާޕޯޓުގެ މަސައްކަތަށް ލިބޭ ދެރައެއް ކަަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވެއްޖެ އެވެ.

ބައިނަލް އަގްވާމީ ގޮތުން މިއަދު ފާހަގަކުރާ އެއާ ޓްރެފިކް ކޮންޓްރޯލަރުންގެ ދުވަސް ފާހަގަ ކުރުމަށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު އާދިލް ވިދާޅުވީ، އެފަދަ އަގުބޮޑު ތަމްރީނުތަކެއް ފުރިހަމަކޮށްގެން ބައެއް މުވައްޒަފުން އެހެން ގައުމުތަކަށް ވަޒީފާ އަދާކުރުމަށްދާ ދިއުމަކީީ އެއާޕޯޓުގެ މަސައްކަތަށް ލިބޭ ވަރަށް ބޮޑު ދެރައެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ މުވައްޒަފުންތަކެއް މިދަނީ އެހެން ގައުމުތަކަށް ނޫނީ އެހެން ފުރުސަތުތައް ލިބޭތީ އެ ފުރުސަތުގެ ބޭނުން ކުރަމުން. އެހެން ދިއުމަކީ އަޅުގަނޑުމެންގެ މަސައްކަތަށް ލިބޭ ދެރައެއް،" އާދިލް ވިދާޅުވި އެވެ.

އެއާޓްރެފިކް ކޮންޓްރޯލްގައި މުވައްޒަފުންތަކެއް މަސައްކަތް ކުރަނީ --- ސަން ފޮޓޯ: މުހައްމަދު އަފްރާހް

އާދިލް ވިދާޅުވީ، އެކަން އެހެން އޮތް ނަމަވެސް އެހެން ގޮތަކުން ވިސްނާނަމަ އެކަމަކީ ގައުމަށާއި އެމްއޭސީއެލްއަށްވެސް ލިބޭ ފަހުރެއް ކަމަށެވެ.

"އަޅުގަނޑު ދެކެނީ މީގެ ހަމަ އަނެއް ކޮޅަށްވެސް ވިސްނާލުމަށް. އަޅުގަނޑުމެންގެ ރާއްޖެއިން ތަމްރީނުވެފަ ދުނިޔޭގެ އެހެން ގައުމެއްގަ މަސައްކަތް ކުރާ ކުރުމަކީ ގައުމަށްވެސް އަދި އެއާޕޯޓްސް ކޮމްޕެނީއަށްވެސް ލިބޭ ފަހުރެއްގެ ގޮތުގައި އަޅުގަނޑު ފާހަގަ ކޮށްލަން،" އާދިލް ވިދާޅުވި އެވެ.

އެއާ ޓްރެފިކް ކޮންޓްރޯލް މެނޭޖްމެންޓްގައި ޖުމްލަ 110 މުވައްޒަފުން ހަރަކާތްތެރިވާއިރު، އެ ހުރިހާ މުވައްޒަފުންނަކީވެސް ދިވެހިންނެވެ. ސަރުކާރުން އެއާ ޓްރެފިކް މެނޭޖްމެންޓް ތަރައްގީ ކުރުމަށް 268 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

މިއަދު ވަނީ އެއާ ޓްރެފިކް ކޮންޓްރޯލް ސެންޓަރު ރަސްމީކޮށް ހުޅުވައި، އެ ސެންޓަރުގެ ނަން އޭރިއާ ކޮންޓްރޯލް ސެންޓަރުގެ ނަމުން މޯލްޑިވްސް އެއާ ޓްރެފިކް ކޮންޓްރޯލް ސެންޓަރު (އެމްއޭޓީސީސީ)ގެ ނަމަށް ރީބްރޭންޑް ކޮށްފައެވެ. އޭގެ އިތުރުން މިއަދު އެމްއޭޓީސީސީގެ މުޅިން އާ ސެކްޓާއެއް ވެސް ހުޅުވާފައިވެ އެވެ.

comment ކޮމެންޓް