އިންޓަނޭޝަނަލް ބްރޭންޑަކަށް ވުމުގެ އަމާޒުގައި ސެންޗޫރިއަން، އިންގިލާބަކަށް

ސެންޗޫރިއަން ޕލކގެ ބޯޑުގެ ބައެއް ޑިރެކްޓަރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި އިގްތިސާދަށާއި މާލީ ދާއިރާއަށް ތަފާތު ބަދަލުތަކެއް އަންނަމުންދާ ދުވަސްވަރެއް ކުރިމަތިވެފައިވާ އިރު، ރާއްޖޭގެ ހިއްސާގެ ބާޒާރަށް ބޮޑު ބަދަލެއް އަތުވުމުގެ ފެށުން މާދަމާ އޮންނާނެ އެވެ. ދިވެހިރާއްޖޭގައި، 100 ޕަސަންޓު ދިވެހި ޕްރައިވެޓް ކުންފުންޏަކުން މާދަމާ ފުރަތަމަ ފަހަރަށް، އެ ކުންފުނީގެ ހިއްސާ އާންމުންނަށް ވިއްކާނެއެވެ.

ދެހާސްއަށްވަނަ އަހަރު، ކުންފުންޏެއްގެ ކުޑަ ޔުނިޓެއްގެ ގޮތުގައި ފެށުނު މަސައްކަތް ފުޅާވެ، 2010 ވަނަ އަހަރު "ސެންޗޫރިއަން ޓްރާންސްޕޯޓު ސޮލިއުޝަންސް"ގެ ނަމުން އުފެއްދި ކުންފުންޏަކީ ރާއްޖޭގައި ޝިޕިންގް އެންޑް ލޮޖިސްޓިކްސް ޚިދުމަތް ދޭ އެންމެ ބޮޑު އެއް ކުންފުންޏެވެ. ހަތްދިހަ ވަރަކަށް މުވައްޒަފުންނާއި، މިވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު ޝިޕިންގް ފްލީޓާ އެކު، ސެންޗޫރިއަން ޕްރައިވެޓް ލިމިޓެޑް ޕަބްލިކް ކުންފުންޏަކަށް ބަދަލުވެ، މިހާރު އޮތީ އިންގިލާބަކާ ދިމާލަށް ގޮސްފައެވެ.

"މިއަދު އަޅުގަނޑުމެންނަށް އަންޑަޓޭކް ނުކުރެވޭ ވަރުގެ ލޮޖިސްޓިކްސް އޮޕަރޭޝަނެއް ރާއްޖޭގައި ނުހިންގޭނެ. އަޅުގަނޑުމެންގެ ކެޕޭސިޓީ އެބަހުރި ކޮންމެ ވަރެއްގެ އޮޕަރޭޝަނެއްގައި ވެސް ހިފުމަށް. މޭންޕަވާއާއި ރިސޯސެސް އަދި ފައިނޭންޝަލް ސްޓްރެންތު ވެސް ބިލްޑު ކުރެވިފައި އޮތީ،" ސެންޗޫރިއަން ޕލކގެ ޗެއާމަން، ކެޕްޓަން އަހްމަދު މައުމޫން ވިދާޅުވިއެވެ.

ހިއްސާ ވިއްކުމާ ދިމާލަށް ކީއްވެ؟

ސެންޗޫރިއަންއިން ލޮޖިސްޓިކްސްގެ ޚިދުމަތް މައިގަނޑު ގޮތެއްގައި ފޯރުކޮށްދެނީ ރާއްޖޭގެ ހައި އެންޑް ރިސޯޓުތަކަށެވެ. ނަމަވެސް އެއާޕޯޓުތަކާއި ބަނދަރުތަކުން މުދާ އުފުލައިގެން ކްލަޔަންޓުންނާ ހަމައަށް ގެންގޮސްދިނުމަށްޓަކައި އުޅަނދުފަހަރު ބޭނުންވެއެވެ. މިހާރު ސެންޗޫރިއަންގައި، ޕެރިޝަބަލް ގުޑްސް އުފުލަ ހަތް ބޯޓު އޮވެއެވެ. އަދި އިތުރު ހަތަރު ބޯޓެއް ހޯދުމުގެ މަސައްކަތް އެކުންފުނިން ދަނީ ކުރަމުންނެވެ.

ނަމަވެސް، ކުންފުނީގެ އޮޕަރޭޝަންތައް އިތުރަށް ފުޅާ ކުރެވެން އޮތީ އަދިވެސް ފްލީޓު ބޮޑުކޮށްގެންނެވެ. އުޅަނދުފަހަރަކީ އަގުބޮޑު ތަކެއްޗަށް ވާ އިރު، މިކަން ހަލުއި މިނެއްގައި ހާސިލުކުރުމަށްޓަކައި ފައިނޭންސް ރެއިޒް ކުރަން ޖެހެއެވެ.

"ދޯނި ފަހަރާއި ލޭންޑިންގް ކްރާފްޓާއި ބާޖު އެއްޗެއްސަކީ އަގުބޮޑުކޮށް ގަންނަންޖެހޭ އެއްޗެހި. އެ ބޭނުންވާ ސްޕީޑުގައި އަޅުގަނޑުމެންނަށް ނުގަނެވޭ، އަމިއްލަ ލަރީގައި ގަންނަން ވެއްޖިއްޔާ،" ކެޕްޓަން މައުމޫން ވިދާޅުވިއެވެ.

އެހެންކަމުން، ސެންޗޫރިއަނުން ނިންމީ އެކުންފުނީގެ 49 ޕަސަންޓު ހިއްސާ އާންމުންނަށް ވިއްކާލައި، 168 މިލިޔަން ރުފިޔާގެ ފައިނޭންސް ރެއިޒް ކުރުމަށެވެ.

"ޕްރައިވެޓް ކުންފުންޏެއްގެ ގޮތުގައި އޮވެ، ޕަބްލިކްއަށް ދޭން ބޭނުންވާ ސަބަބަކީ، އަޅުގަނޑުމެން ބޭނުންވަނީ ޕަބްލިކްގެ ތެރެއިން ސަޕޯޓު. ފައިނޭންޝަލީ އެކަންޏެއް ނޫން. ކެޕޭސިޓީގެ ގޮތުން ބަލާއިރު ވެސް ސަޕޯޓު ދޭނެ ޕާޓްނަރުން ބޭނުންވަނީ،" މައުމޫން ވިދާޅުވި އެވެ.

މައި ހިއްސާދާރަށް ވުމުގެ ފުރުސަތު އެބަ އޮތް!

ސެންޗޫރިއަން ޕލކގެ ހިއްސާތައް އޮތް ގޮތަށް ބަލާއިރު، އެކުންފުނީގެ ފައުންޑިންގް ދެ ހިއްސާދާރުންގެ އަތުގައި 46 ޕަސަންޓު ހިއްސާ އޮވެއެވެ. އެއީ ކޮންމެ ހިއްސާދާރަކަށް 23 ޕަސަންޓު ހިއްސާއެވެ. އަދި އަށް ހިއްސާދާރުންގެ މެދުގައި ފަސް ޕަސަންޓު ހިއްސާ އޮވެއެވެ. އެއީ ޖުމްލަ 51 ޕަސަންޓު ހިއްސާއެވެ.

ބާކީ 49 ޕަސަންޓު ހިއްސާ ދޫކޮށްލަނީ އާންމުންނަށެވެ. ކޮންމެ މީހަކަށް ވެސް ހިއްސާ ގަތުމުގެ ފުރުސަތު އޮތް އިރު، 23 ޕަސަންޓަށް ވުރެ އިތުރަށް ހިއްސާ ގަނެ، ސެންޗޫރިއަން ޕލކގެ މައި ހިއްސާދާރަށް ވުމުގެ ފުރުސަތު ކޮންމެ ފަރާތަކަށް ވެސް އެބަ އޮތެވެ. އަދި ކުންފުނީގެ ބޯޑުގައި ހިމެނުމުގެ ފުރުސަތު ވެސް އޮވެއެވެ.

"ކުންފުނީގެ ބޯޑު ޕޮޒިޝަނެއްވެސް ނެގިދާނެ. ވަކި ވަރަކަށް އިންވެސްޓް ކުރީމަ އެ އިންވެސްޓްމެންޓާ އެކުގައި ބޯޑު ޕޮޒިޝަނެއް އަންނާނެ. ބޯޑު މެމްބަރަކަށް ވެވޭނީ ކުންފުންޏަށް ވަކި ފެންވަރެއްގައި ކޮންޓްރިބިއުޓު ކުރެވޭނެ ބޭފުޅުންނަށް،" ސެންޗޫރިއަން ޕލކގެ މެނޭޖިންގް ޑިރެކްޓަރު އައިމަން ޖަމީލް ވިދާޅުވިއެވެ.

އާންމުންގެ ފައިސާ، ކުންފުނީގެ ހަރުމުދަލަށް

ސެންޗޫރިއަން ޕލކއިން ހިއްސާ ވިއްކައިގެން ހޯދާ 168 މިލިޔަން ރުފިޔާ ހޭދަކުރުމަށް ނިންމާފައިވަނީ ކުންފުންޏަށް ހަރު މުދާ ނުވަތަ ކެޕިޓަލް އެސެޓްސް ހޯދުމަށެވެ.

"މި ފަންޑްސް ރެއިޒްކުރުމުގެ މައިގަނޑު ބޭނުމަކީ އެސެޓްސް ޕާޗޭޒްކުރުން. މިހާރުގެ ވިޔަފާރީގެ މައްޗަށް އެސެޓްސް ޕާޗޭސް ކޮށްގެން ވިޔަފާރި ފުޅާ ކުރުމަށް،" މެނޭޖިންގް ޑިރެކްޓަރ އައިމަން ވިދާޅުވިއެވެ.

އެކުންފުނިން ނިންމާފައިވާ ގޮތުން، ހިއްސާ ވިއްކައިގެން ލިބޭ ފައިސާއިން އިންވެސްޓު ކުރަނީ 10 ދޯންޏާއި، ލޭންޑިންގް ކްރާފްޓަކާއި، ބާޖެއްގެ އިތުރުން ދޯނި މެނޭޖުކުރުމުގެ ކަންކަމަށާއި ވެއާހައުސްއެއް ގާއިމުކުރުމަށެވެ.

ކެޕްޓަން މައުމޫން ވިދާޅުވި ގޮތުގައި، ހިއްސާދާރުންގެ ފައިސާ ކުންފުނީގައި އަބަދުވެސް ހުންނާނެ ކަމުގެ ގެރެންޓީއަކީ، އެ އިންވެސްޓްމެންޓުން ގަންނަ ހަރު މުދަލެވެ.

"ކޮންމެ ގޮތަކަށް ކުންފުނި އޮތް ނަމަވެސް، ދޯނިފަހަރާއި ބާޖާއި ލޭންޑިންގް ކްރާފްޓުގެ ގޮތުގައި އެ ލާރި ކުންފުނީގައި ހުންނާނެ،"

ސެންޗޫރިއަންގެ ހިއްސާ ގަނެގެން ފައިދާއެއް ކުރާނެތަ؟

"25 ރުފިޔާ އިންވެސްޓު ކުރާ މީހާއަށް، ގިނަވެގެން ހަތަރު އަހަރު ދުވަސް ތެރޭގައި އެ އިންވެސްޓްމެންޓް އަނބުރާ ލިބެން ޖެހޭނެ،" ސެންޗޫރިއަންގެ ޑިރެކްޓަރުންގެ އަޒުމަކީ މިއެވެ.

ސެންޗޫރިއަން ޕލކއާއި އެކުންފުނީގެ ސަބްސިޑަރީ ކުންފުނިތަކުގެ މާލީ ހާލަތު ރަނގަޅުކަން، އެކުންފުނިން އާންމުކޮށްފައިވާ ޕްރޮސްޕެކްޓަސްްއިން ދައްކައެވެ.

"ކޮންމެ އަހަރަކުވެސް ބަހާ ޑިވިޑެންޑުން ފައިދާ ލިބޭނެ ދެއްތޯ. ސްޓޮކު މާކެޓު ވެސް ރަނގަޅަށް ހިނގަން ފެށީމާ، 25 ރުފިޔާގެ ޝެއާ އަރާފާނެ ދެއްތޯ 35 ރުފިޔާއަށް ވެސް. އެއީވެސް ލިބޭނެ ކެޕިޓަލް ގެއިނެއް،" މައުމޫން ވިދާޅުވިއެވެ.

ސެންޗޫރިއަން ޕލކގެ ޗެއާމަން ކެޕްޓަން އަހްމަދު މައުމޫން އަދި އެމްޑީ އައިމަން ޖަމީލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ބޭނުންވަނީ ސެންޗޫރިއަން ސަރަހައްދީ ފުޓްޕްރިންޓަކަށް ވާން"

މިއީ ސެންޗޫރިއަންގެ ޗެއާމަންގެ އަޒުމެވެ. ޕަބްލިކް ލިމިޓެޑް ކުންފުންނަކަށް ބަދަލުވެ، ހިއްސާ ވިއްކަން ފަށާ ސައްތައިން ސައްތަ ދިވެހީން ހިއްސާވާ ފުރަތަމަ ކުންފުނީގެ ގޮތުގައި ސެންޗޫރިއަން ތާރީޚުގެ ތެރެއަށް ވަދެގެން ދާ އިރު، ކުންފުނީގެ ވެރީންގެ އުންމީދުތައް ވެސް ބޮޑުވެފައި، ފޮންޏެވެ.

"ރާއްޖޭގެ ލޮޖިސްޓިކްސް ދާއިރާގައި މީގެ 50 އަހަރު ފަހުންވެސް، ސެންޗޫރިއަންގެ ބްރޭންޑް ނޭމް އިންނަން ޖެހޭނެ،" އެމްޑީ އައިމަން ޖަމީލް ވިދާޅުވިއެވެ.

ޗެއާމަން ކެޕްޓަން މައުމޫން ދެކިވަޑައިގަންނަވާ ގޮތުގައި ސެންޗޫރިއަން ވާން ޖެހޭނީ ސަރަހައްދީ ގޮތުން ވެސް ފާހަގަ ކޮށްލެވޭ ކުންފުންޏަކަށެވެ.

"އަޅުގަނޑުގެ އުންމީދަކީ މީގެ 50 އަހަރު ފަހުން ވެސް ރާއްޖޭގެ ލީޑިންގް ޝިޕިންގް ލޮޖިސްޓިކްސް ކުންފުނީގެ ގޮތުގައި އޮވެ، ރާއްޖެ ސަރަހައްދުގައި ރިކޮގްނައިޒަބަލް ފުޓްޕްރިންޓެއް އޮންނާނެ ވަރުގެ ކުންފުންޏަކަށް ވުން،"

ލޮޖިސްޓިކްސްގެ ދާއިރާއަކީ ރާއްޖޭގައި މިހާރު ކުރިއަރަމުން އަންނަ ވިޔަފާރިއަކަށް ވާ އިރު، ސެންޗޫރިއަނުން ބޭނުންވަނީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ ވިޔަފާރިއަކަށް ބައްޓަން ވުމަށެވެ. ރާއްޖޭގައި ބައިނަލްއަގުވާމީ ފަރާތްތަކުން ރިސޯޓުތައް ހިންގައި، މަޝްރޫއުތައް ކުރިޔަށް ގެންދާ އިރު، އެފަރާތްތަކަށް ބަލައިގަނެވޭނެ ރަނގަޅު ފެންވަރުގައި ލޮޖިސްޓިކް ސަޕޯޓް ލިބެން ޖެހޭ ކަމަށް ސެންޗޫރިއަނުން ގަބޫލު ކުރެއެވެ.

comment ކޮމެންޓް