ނުރައްކާތެރި ލޯބި

ފަރުޒާނާއަށް ފެނުނީ އައިސްގޭޓް އިން އަދި ޕާޓީއިންވެސް އޭނައާއި އަވަލި ރީތި" ޖިންނި " ޝާހާން ގެ އަތުގައި ހިފާ ޕޫލުން މައްޗަށް އެރުވިތަނެވެ. ފަރުޒާނާ ގަތްބިރުން އަވަހަށް ދޮރު ލައްޕާލާފައި ތަންޑު އަޅުވައިފިއެވެ. ކުރުސި ކިޔަވަން ފެށިއެވެ. ޝާހާންމެން ކުޑައިރުވެސް އިމޭޖިނަރީ ފްރެންޑްއިން ގެންގުޅޭކަމަށް ޝައްކުވެގެން އޭނަ މައުމޫން ގާތުގައިވެސް އެވާހަކަ ދައްކާއުޅުނެވެ. މައުމޫން ބުނަނީ އަޅާނުލުމަށެވެ. ޝާހާންމެން އަކަނި ތިބެ ވާހަކަ ދައްކާފައި ހޭކަން ފަރުޒާނާއަށް ފާހަގަކުރެވުނީ އެކުދިން ކުޑައިރު މާލެއަށް އައި ދަތުރެއްގައެވެ. އެ ދަރިންތައް ބޮޑުވީމަ މިގެންގުޅެނީ ކޮންފަދަ އެކުވެރިންނެއް ހެއްޔެވެ؟ މިއީ ކޮން ކަންތައްގަނޑެއް ހެއްޔެވެ؟ އެއްގޮތަކަށްވެސް ފަރުޒާނާގެ ވިސްނުމަކަށް ނުފޯރިއެވެ.

ދާނިޝްމެން މިރޭ ކެއުން ތައްޔާރުކުރީވެސް ޕޫލް ކައިރީގައި ކުނާތައް ފަތުރާލާފައެވެ. އައްޔަކަށް ބޭނުންކުރީ އުއްބައްތިތަކެވެ. ރޭގަނޑުވެސް ޕިކްނިކް ހަދަނީއެވެ. ސުފުރާ ކެއުމެވެ. ކިތަންމެހާވެސް މަޖާ އެބަނަގައެވެ. ފަރުޒާނާ ބައިވެރިވާހިތްވިނަމަވެސް އޭނައަކަށް ދައުވަތެއްނުލިބުނެވެ. ޝައުނާ އާއި އަލީޒާވެސް އެދިޔައީ ޕޫލް ޕާޓީއަށެވެ. ފޫހިވެ ރުޅިގަދަވެފައި އިން ފަރުޒާނާ ކާން ޖެހުނީ އެކަނިމާއެކަނި އިދެއެވެ.

މިރޭ ގޭގެ ބިއްދޮށުގައި މި ބޭއްވޭ ކުޑަ ޕިކްނިކްގައި ހަމްޒާދުވެސް ބައިވެރިވިއެވެ. އަލީޒާއަށް މިރޭ އެނގުނީ މި ކުޑަ ލަދުރަކި ސޮރަކީ މީރާން ގެ ބޮޑުދައިތަގެ ދަރިއެއްކަމެވެ. މީރާންގެ ބައްޕަގެ އެއްބަނޑުއެއްބަފާ ކޮއްކޮގެ ދަރިފުޅެވެ. ބަސްމަދުކަމުން އަލީޒާ އާއި ދެކުދިން އެކަމަށް ވާދަކުރަނީ އޭ ކިޔައިގެން ދާނިޝް ވަރަށް ދިމާކުރިއެވެ. ދެކެވެމުން ދިޔަ ވާހަކައެއްގައި އަނެއްކާ ޝައުނާ ފަނާގެ ވާހަކަ ފެއްޓިއެވެ. މީރާން ފަނާއާއި ބައްދަލުކުރާނީ ކޮންދުވަހަކުން ހޭ އަހާލިއެވެ. މިއީ ޝައުނާ އެހާ ހިތްހަމަޖެހޭ ގުޅުމަކަށް ނުވިޔަސް މީރާން މިވަނީ އެ ގޯސްހަދާފައެވެ. އެކަށީގެން ނުވާފަދަ ނުބައި ހުއްދަނޫން ގުޅުމެއް މީރާން މިވަނީ ފަނާ އާއި ބާއްވާފައެވެ. އެކަމުގެ ޒިންމާ މީރާން އުފުލަން ޖެހޭނެކަމަށް ޝައުނާ ގަބޫލުކުރާ ސަބަބަކީ އެއީ އެވެ.


"އޭނައާއި މެރީކުރަންވީކަން ނޭގޭ. ކޮންތާކު ޕާޓީ ބާއްވަންވީ؟ ފަޅު ރަށެއްގައި ގޮތިކް ކޮށް ދޯ. ޕާޓީ ތީމް ކަޅު އަދި ހުދު. ބްލެކް އެންޑް ވައިޓް ރޯޒެސް. ރަގަޅު ޑޭޓެއް ބުނެބަލަ. އެހެންޏާ. އަހަރެންގެ ކުއްޖެއްކަމަށް ފަނާ ބުނަންޏާ އަހަރެންގެ ކުއްޖެއް ނަހަލާލުގޮތަކަށް ދުނިޔެއަށް ގެންނާކަށް ބޭނުމެއްނޫން. ނަސްލުއޮޅިދާނެ. އޭރުން ޑޭންއަށް ލިބުނުފަދަ ލަނޑެއް ދަރިފުޅަށް ލިބިދާނެ............" މީރާން އެހެން ބުނުމުން އެހުރިހާ އިރުވަންދެން ހިމޭނުން އިން ހަމަޒާދު ކަކައަޅާފައި ބާރަށް ހެމުން މީރާން ގެ ގައިގާ ބޮނޑިއެއް އެޅިއެވެ.

ދާނިޝް ބުމަގޮށްޖަހާލިތަން ފެނުމުން މީރާން އިނީ މަޖާވެލާފައެވެ. ޝާހާންގެ ހުނުންވެސް މެދުކެޑުނެވެ. އެތައްކުލަތަކެއް އެމޫނަށް ވެރިވިއެވެ. ދާނިޝް އާއި ޝާހާން އެކަކު އަނެކަކަށް ބަލާލިއެވެ.
"ވަރަށް ގިނަވަގުތު އެންމެން ހައްދާލެވިއްޖެ ދޯ. ހަގީގަތަކީ ޑޭންމެންގެ ޕާޓީ ރޭ ފަހުން މީރާން އާއި ފަނާ ބައްދަލުވެފައެއް ނޯންނާނެ... މީރާން އަހަރެމެންގެ ސާރވެންޓެއް ގާތު ބުނީ ފަނާއަށް ލަނޑެއް ދީބަލާށޯ. ކިހިނެއް އެގޭނީ އޭނަ މީރާންކަމަށް ހެދިގެން ފަނާ އަށް އޮޅުވާލާނެކަމަށް.....ފަނާ މިވަރަށް މޮޔަކޮށްލާނެކަމަށް...." ހަމްޒާދު ވާހަކަ ދައްކަނީ ވަރަށް ތުއިކޮށެވެ.

"މި ފޭކް ހަމްޒާދު. މިއޮތް ތުއި އަޑެއް. އަންހެނެއްތަ؟ އަސްލު މިކުއްޖާ ކުޑަ ލެޕްރެޗޫންއަކާއި ވައްތަރެއްނޫންތަ؟........" މީރާން ހީގަތެވެ. މީރާން އެބުނި ޖުމްލައިގެ މާނަ ނޭގުނީ ހަމައެކަނި އަލީޒާއަށެވެ. އެހެންވެ އަލީޒާގެ ހިތުގައި މީރާންއާއިމެދު ޝަކުވާ އުފެދުނެވެ. މީރާން ކިތަންމެ ރީތިވިޔަސް މީހުނަށް މަލާމާތްކުރާކަށް ނުވާނެއެވެ. ސީދަލަށް ސިފަހުތުރު މަޚުލޫގެއްގެ ނަމުން ގޮވާލީއެވެ. ހަމްޒާދު ލަދުގަތްކަމަށް އެކްޓްކުރަމުން މޫނުގައި އަތް އެޅީ އަލީޒާގެ ހަމްދަރުދީ ގެ ނަޒަރު ފާހަގަކުރެވުމުންނެވެ. އެއީ އެކްޓެއްކަން އަލީޒާއަކަށް ނޭގުނެވެ.

އެންމެން ހަމްޒާދު ގެ ވާހަކަ ޔަގީންކުރުވަން ބޭނުންވިއެވެ. މީރާންގެ މޫނަށް އެތައް ލޮލެއް ހުއްޓުނެވެ. މީރާން ނުބުނާނެކަންވެސް އެގެއެވެ. އެކަމަކު ހަމްޒާދު ދޮގެއް ނަހަދާނެކަން ދާނިޝްއަށް ވިސްނުނީ ސިކުންތުކޮޅެއް ފަހުންނެވެ. ދާނިޝް ހޭންފެށިއެވެ. ފަނާ ފަކީރަށް އެލިބުނީ ވަރުގަދަ ލަޑެކެވެ. ނުބައި އިބުރަތެކެވެ.

"ގްރޭޓް. ބެސްޓް ބްރަދާ އިން ދި ވޯލްޑް... ލަވް ޔޫ....ޗުއްމަކްސް...." ދާނިޝް މީރާން ގެ ގައިގާ ހިފައިގަތެވެ. ކޯތާފަތުގައި ބޮސްދިނެވެ. ހިތާހިތުން މާތް ﷲއަށް ޝުކުރުވެރިވިއެވެ. ފަނާއަކީ މިއާއިލާ އަށް ވައްދަން ދާނިޝް އެއްގޮތަކަށްވެސް ބޭނުންވާފަދަ މީހެއް ނޫނެވެ. މީރާން ގެ ޚާއްސަ އަންހެންކުއްޖަކު ވާން ޖެހޭނީ ދާނިޝް ލޯބިވާ ފަދަ ފަހަރިއަކަށެވެ. އިންސާނަކަށް ނުވިޔަސް ހެވެވެ.

ހަމްޒާދުގެ އެ ވާހަކަ ތަކުން ސިހި ކަންބޮޑުވީ ހަމައެކަނި ޝައުނާއެވެ. އެއީ މީރާން އަށް ނުވެއްޖެއްޔާ ފަނާގެ ފުރާނައަށްވެސް ނުރައްކާވުމަކީ އެކަށީގެންވާކަމެކެވެ. ހަމްޒާދުމެން ގެ " ސާވެންޓް " އިންނަކީ ކޮން ބަޔެއްކަން ޝައުނާއަށް ރަގަޅަށް އެގޭތީއެވެ..
ޝައުނާއަށް އެކަމަކު މީރާން އާއި ދެކޮޅުފަށާކަށް ނުކެރުނެވެ. މީރާންގެ އާރާއި ބާރު އަދި ކުޅަދާނަކަން ރަގަޅަށް އެގޭތީއެވެ. އެހެންނޫނަސް ޝާހާންގެ މިހާ ލޯބިވާ ފަރާތަކާއި ދެކޮޅުވެރިވާކަށް ޝައުނާ ބޭނުމެއްނޫނެވެ. ފަނާއަށް އެލަޑު ލިބުނީ ފަނާގެ ވިޔާނުދާކަމުންނެވެ.

މީރާން ދެން ދިނީ ވަރަށް އުފާވެރި ޚަބަރެކެވެ. މައުމޫން އާއި މާލިޔާ ގެ ގުޅުން އަނެއްކާ ވަރަށް ބޮޑަށް ބަދަހިވެފައިވާކަމެވެ. މައުމޫން އެމެރިކާގައި ދިރިއުޅެނީ މާލިޔާ ގެގޭގައެވެ. މައުމޫންއަށް ހުރިހާ ޚިދުމަތެއްކޮށްދެނީވެސް މާލިޔާއެވެ. ދެން ހީވާގޮތުން އެންމެ އަވަހަށް ކުރެވޭނެ ކައިވެންޏަކީ އެއީއެވެ. މައުމޫން މާލިޔާ އާއި ގުޅުނަސް އެއީ މީރާންއަށް ލިބޭނެ ދެރައެއް އަދި ގެއްލުމެއް ނޫނެވެ. މައުމޫން ހާ ރަގަޅު ދޮންބައްޕަ އެއް މީހަކަށް ނުލިބޭނެކަން މީރާންއަށް އެގެއެވެ.

ކެއުން ފެށެންވާއިރަށް ރާހިލް، އިނާ އަދި ދާނިޔާލް އާއި ދާނިޝްމެން ގެ އިތުރު އެކުވެރިން ބައިވެރިވިއެވެ. ހައްތަހާވެސް އަލީޒާ ނުދަންނަ އާ މޫނުތަކެވެ. ބޮޑަށް ވައްތަރުވަނީ މީރާންމެނާއެވެ. ދިގުކޮށްލެވިފައިވާ އިސްތަށިގަނޑާއި ބިޔަ އިސްކޮޅު އަދި ވިދާ ލޯތަކުން ވެމްޕަޔަރ އާއިލާތަކަށް ނިސްބަތްވާ ޒުވާނުންހެން ހީވަނީއެވެ. ރިހާނާ ބަލިކަމުން މިރޭގެ މަޖަލުގައި ބައިވެރިނުވެވުނަސް އިރުކޮޅަކު އެތަނުގައި ހޭދަކޮށްލިއެވެ. ކެއުމަށް ފަހު ޕޫލަށްއެރި އެންމެން ލަވަ ކިޔާ ބޯޅަކުޅުނެވެ. އަލީޒާ ގެ އަތުގައި ޕްލާސްޓަރުގަނޑު ހުރުމުން އޭނަ އިނީ ސީބެޑެއްގައެވެ. އެއަށްފަހު ބޮޑު އަލިފާންގަނޑެއް ރޯކޮށްލައިގެން ވަރަށް ގިނައިރުވަންދެން ސްޓޯރީ ޖައްސާލައިގެން ތިއްބެވެ. މިޑްނައިޓް ސްނެކް ވެސް އޮތެވެ. ޝާހާން މިރޭ ގިޓާ ކުޅެން އިދެ " ލާސްޓް ކްރިސްމަސް" އެ ލަވަ ކިޔާދިނުމުން އަލީޒާ އިނީ ހައިރާންވެފައެވެ. ހަމަ ދާނިޝް އެކޭ ތަފާތެއް ނެތެވެ.


"ޝޯ ޝްވީޓް. ސީ ދި ކެލެސްޓިއަލް ރޮމެންސް......" ދާނިޝް އާއި އަލީޒާ ވިނަގަޑުމަތީ އޮށޯވެލައިގެން ތިބީ އުޑުމަތީގައި ވިދަމުން ދާ ތަރިތަކަށް ބަލަހައްޓައިގެންނެވެ. ފިޔަޖަހަމުންދާ އޮރެންޖް އަދި ނޫކުލައިގެ ތަރިތަކާއި ވީނަސްއަދި ހަނދުގެ ސަބަބުން އެ ގުދުރަތީ ސީލިން ނުހަނު ޒީނަތްތެރިކަމަށް ދައްކައެވެ. އަލީޒާގެ ވައަތްތިލަ ވަނީ ދާނިޝް ގެ ކަނާތު ތެރޭގައެވެ. ދެއަތް ގުޅުވާލައިގެން ތިބެ މިރީތި އުފާވެރި ރޭގެ ސަކަރާތްތަކަށްފަހު ވަރުބަލި ފިލުވާލަނީއެވެ.

ފަރުޒާނާ އިރުއިރުކޮޅާ ބެލްކަންޏަށް ނުކުމެ އެ ޒުވާނުން އުފާކުރާތަން ސިއްރުން ބެލިއެވެ. ޚާއްސަކޮށް ދާނިޝްއާއި އަލީޒާ އެންމެނާއި ވަކިން އޮށޯވެލައިގެން ތިބިތަން ފެނުމާއެކު ދަތްތައް ބިންދައިގެންދާހާ ބާރަށް ދަތްކުނޑިވިކައިގަނެވުނެވެ. އޭނައަށް ވެވޭނެނަމަ އެތަނުގައި ބޮމެއް ގޮއްވާލީހެވެ. ނަމަވެސް ކެތްތެރިވެލައިގެން ހުރުން ފިޔަވާ އޭނައަށް ކުރެވޭނެ މާބޮޑުކަމެއްނެތެވެ.

ދެތިންދުވަސް ފަހެވެ. އަލީޒާއަށް ހޭލެވުނީ ބޭރުން ކޮންމެވެސް ބަޔަކު ވާހަކަ ދައްކާއަޑަށެވެ. ދާނިޝް ކޮބާހެއްޔެވެ؟ އަލީޒާ ގަޑި ބަލާލިއިރު ދަންވަރު އެކެއް ޖެހީއެވެ. ވަރަށް ބޮޑަށް ފެންބޮވާތީ އަލީޒާ ގަސްތުކުރީ ކާކޮޓަރިއަށް ގޮސް ޖޫސްތަށްޓެއް ބޯލުމަށެވެ. ވަރަށް ކަންނެތްގޮތަކަށް އެނދުން ފޭބުމަށްފަހު މޯޅިއަކަށް ދެމިލާފައި އަލީޒާ މަޑުމަޑުން ކޮޓަރީގެ ދޮރު ހުޅުވާލައިފިއެވެ.

ބޯ ދޫލަމަތީގައި ލުއި ފިޔަވަޅުތަކެއް އަޅަމުން ކާކޮޓަރިއާއި ދިމާލަށް ދިޔައިރު ބޮޑުކޮޓަރީގައި މިވަގުތުއުޅޭނީ ދާނިޝް އާއި މީރާން އަދި ހަމްޒާދުކަން އެގުނެވެ. ތަންކޮޅެއް ދަންވަރު ކޮޓެޖަށް އާއްމުކޮށް އަންނަނީ އެދެމީހުންވިއްޔާއެވެ. އަލީޒާ ނިދީމަ ދާނިޝް ބޭބެމެނާއި އެކު ވަގުތު ހޭދަކޮށްލަން ބައެއްފަހަރު ދެއެވެ. އެއީ މައްސަލައެއްނޫންތާއެވެ. މިގޭގައި ރައްކާތެރިކަން އިހުސާސްކުރެވެއެވެ. ވަގުން ފަދަ މީހުންގެ ބިރުބޮޑުވެފައިވާ މިފަދަ ދުވަސްވަރެއްގައި ހޭލާއުޅޭބަޔަކު ތިބޭކަމީ ނަސީބެކެވެ

އަލީޒާ ކާކޮޓަރިއަށް ވަންއިރު ވަރަށް ހަމަޖެހިލައިގެން މޭޒުމަތީގައި ހުރި މޭވާ ޓުކުރިން މޭބިސްކަދުރު ކޯންޏެއް ނަގަން ހުރީ ބިރުވެރި މީހެކެވެ. ހަށިގަނޑު ދާނިޝްއަކާއި ތަފާތެއްނެތެވެ. ދާނިޝް ލައިގެން ހުރި ސޯޓާއި އައިސްބްލޫ ޓީޝާޓެވެ. އެކަމަކު މޫނު ހަމަ ވެމްޕަޔަރަކާ ތަފާތެއްނެތެވެ. ދިގު އިސްތަށިގަނޑަކާއި ވިދާ ދެލޮލާއި ފޭރާ ދިގުދަތްތަކެވެ. އޭނަގެ ލޯބިވާ ފިރިމީހާގެ އަސްލަކީ މިއީ ހެއްޔެވެ؟އަލީޒާ ގެ ހޭބުއްދި ފިލއިގެން ދިޔަހެން ހީވިއެވެ. އަލީޒާ އަށް ހަޅޭއްލަވައިގެނެވުނީ ވަރަށް ބާރަށެވެ. ތޫލިއަޑަކުންނެވެ. އޭރު އޭނަގެ ފައި ބިންމަތީގައި ހަރުނުލައެވެ. ހަޅޭއްލަވަމުން ފަޔަށް ލެވުނުހާ ބާރެއްލާފައި އަލީޒާ ދުވަމުންގޮސް ނުކުމެވުނީ މީރާންގެ ކުރިމައްޗަށެވެ. އަލީޒާ މީރާންގެ ގައިގާ ހިފައިގަތް އިރު އެލޮލުގައިވަނީ ސިހުމާއި ބިރުވެރިކަމެވެ. އޭރު އަލީޒާގެ މޭގަނޑު ނެގިނެގިފައި ޖެހެމުން ދިޔައެވެ.

"ކިހިނެއްވީތަ؟ ހަމަޖެހިބަލަ އެލީ...އެއީ ޑޭން އޭ.....ބަލާލަބަލަ......" މީރާން އަލީޒާ ގެ ކޮޑުގައި ހިފަހައްޓާލަމުން އޯގާތެރިގޮތަކަށް ބުންޏެވެ.

ދާނިޝް ފަހަތުން އައިސް އަލީޒާ ގެ ގައިގާ ހިފަހައްޓާލަމުން އޭނަ އާއި ދިމާލަށް އަބުރާލިއެވެ. ދާނިޝް ގެ އަތުގައި އޮތީ ރަބަރު މާސްކެކެވެ. " ބޭބީ. ތިހާބިރުގަންނާކަށް ނުވާނެ. މިއީ މާސްކެއް. ވެމްޕްޔަރުންނަކީ ފޭކެކޭ ބުނީމަވެސް އެލީ ގަބޫލުނުކުރަނީދޯ. ހިގާ އަވަހަށް ނިދަން"

"ރުޅި...އެލީ ބިރުގަންނަވާލީނު....." އަލީޒާ ދާނިޝް ގެ ޓީޝާޓްގައި ހިފަހައްޓާލަމުން މޭގައި މޫނު ފޮރުވިއެވެ. އޭރުވެސް އަލީޒާ ބިރުން ރޫރޫއަޅައަޅައެވެ. ހަމަޔަކަށް އެޅުނީ އިރުކޮޅަކުންނެވެ.


ލިބުނު ޝޮކް ފިލާ ހަމަޔަކަށް އެޅުމުން އަލީޒާ ރަކިވާގޮތްވިއެވެ. އަލީޒާ ހޭންފެށީ އެކަން ފޮރުވުމުގެ ގޮތުންނެވެ. ފިޑިނޫންކަން ސާބިތުކޮށްދޭންވެގެން ދާނިޝްއަތުން އެ މާސްކް އަތުލައިގެން މޫނުގައި އެޅިއެވެ. އެކަމަކު މިރާން އާއި ހަމްޒާދު ވެސް މަޖާވެގެން ބޭބީ އޭ ކިޔައިގެން ކުޑަކޮށް ދިމާކުރިއެވެ. ވެމްޕަޔަރުން ތިއްބަސް ބިރުނުގަތުމަށާއި މިހާ ގަދަ ބޭބެމެން ތިއްބާ ޝައިތޯނަކަށް އަލީޒާ އާއި ހިޔަނި ނޭޅޭނެކަމުގެ ޔަގީންކަން ދިނެވެ.

ނިދަން ކޮޓަރިއަށް ގޮސް ދާނިޝް މުޅިންހެން ދެއްކީ ރޫހާނީ ބާރުތަކުގެ ވާހަކައެވެ. ވެމްޕަޔަރުންނަކީ ފުލޯކުކަމަށާއި ފްރީމޭސަނުން ޝައިތޯނުން ކުރިއަރުވާ ބާރުގަދަކުރަން މޮޑިފައިކޮށްގެން އުޅޭބަޔެއްކަމަށެވެ. ހަގީގަތުގައި މާތް ﷲ އަލިފާނުން ހައްދަވާފައި ވާ ޖިންނިންގެ ތެރޭގައި ދެވައްތަރެއް އުޅޭކަމަށާއި އެއްބަޔަކީ އުރެދުނު ޝައިތޯނުންކަމަށެވެ. އަނެއްބަޔަކީ މުއުމިނުންކަމަށެވެ. ދެ ބައިވެސް އެއްވަރަކަށް ބާރުގަދަވާނެކަމަށާއި ތަފާތަކީ ޝައިތޯނުން އިންސާނުންނަށް ގޯނާކޮށް ވަސްވާސްދޭކަމެވެ. ޖިންނިންނަށް ބޭނުން ސިފައެއްގައި އިންސާނުންގެ ތެރޭގައި އުޅެވިދާނެއެވެ. މި ޒަމާނުގައި އިންސާނީ ޓެކްނޮލޮޖީ މިވަރަށް ކުރިއަރާފައިވާއިރު ޖިންނިންވެސް އެހާ މޮޑަންވާނެކަމަށާއި ސައިންޓިސްޓިން މި ގަބޫލުކުރާ " އޭލިއަންސް" ތައް އެއީ ޖިންނިންގެ ބަޔެއްކަމަށް ވެދާނެކަމަށެވެ. ދާނިޝްގެ ކާފައާއި އެ އަނދިރި ދުނިޔެއާއި ވަރަށް ބޮޑު ގުޅުމެއް އޮންނަކަމަށާއި ސިހުރު ހަދަން އެހާ ކުޅަދާނަމީހެއް ދުނިޔޭގައި ނުވާނެކަމަށް ދާނިޝް ބުންޏެވެ. ކާފަގެ ޝައިތޯނީ އަދި މުއުމިން އެކުވެރިންނާއި އަޅުން ތިބޭކަމަށާއި މަންމަގެ އާއިލާ ގެ ހުރިހާވެސް ބާރަކީ ސިހުރުކަމަށެވެ.

"މީރާން އެހާ ބާރުގަދައީ އެހެންވީމަ ދޯ. ސިހުރިވެރިއެއް ދޯ. ގޯސްކަމެއްނު. ޝައިތޯނުންނާއި ބައިވެރިވެގެން ނޫނީ ސިހުރުވެރިއަކަށް ނުވެވޭނެ..........." އަލީޒާ އޮތީ ދާނިޝް ގެ މޭގައި ބޮޑިވެލައިގެނެވެ. ކުއިލްޓްގެ ސަބަބުން އޭސީ ގެ ފިނިކަމުން އުދަގުލެއްނުވެއެވެ. އަރާމުކޮށް ނިދާލެވޭވަރުގެ ފިނިކަމެކެވެ. އެހާ މަޑު އައްޔެކެވެ. އެ ފަނޑު އަލީގެތެރެއިންވެސް ދާނިޝް ގެ މޫނު ފެންނަނީ އެހާ ނަލަކޮށެވެ. އެ ރީތި ދެލޯ ވިދަމުން ދިޔައެވެ. ބަލާބަލާ ފޫހިނުވާނެއެވެ.

"އެލީ ގާތު އެހެން ނުބުނަމެއް ނު. އެކަމަކު . އާން މީރާން އިޒް ކަނެކްޓެޑް ޓު ދި ޑާރކް ވޯރލޑް. މައްސަލައެއް ނެތެއްނު. މީރާން އަކީ ބޭބެއެއް. އޭނަ ކޮންމެގޮތެއްވިޔަސް އަހަރެމެނަށް ގެއްލުމެއް ނުދޭނެ. އަނދިރި ދުނިޔޭގެ އެންމެން މުށުތެރޭގައި ލެވޭހާ މީރާން ޕަވަރފުލް . ވީމަ އެލީ ތި ބިރުގަންނަ ފުރޭތަތަކަށްވެސް ވެމްޕަޔަރަކަށް އަދި ވިއަރވޫލްފްއަކަށްވެސް ނުކެރޭނެ އެލީއަށް އުދަގޫކުރާކަށް. އަހަރެމެންނަށް މީރާންފަދަ ބޭބެއަކު ލިބުނުކަމީ ނަސީބެއް.............." ދާނިޝް ގެ ވާހަތަކުން މީރާން އަދި އޭނަގެ ބައްޕައަކީވެސް ސިހުރުވެރިންކަމަށް އަލީޒާ ޔަގީންކުރިއެވެ. ދާނިޝް އަދިވެސް ކޮންމެވެސް ތަންކޮޅެއް އެބަ ފޮރުވައެވެ. މައްސަލައެއްނެތެވެ. ނުބުންޏަސް އަލީޒާއަށް މީރާންއަކީ ކާކުކަން ޔަގީންވީއެވެ.

މިރޭ ދެން ދާނިޝް ދެއްކީ ކޮޓެޖްގައި ޖެކޫޒީއެއް ހަދަން ގަސްތުކުރާ ވާހަކައެވެ. ފަތާފެންގަނޑެއް ހަދަން ތަންކޮޅެއް ޖާގަކުޑަވީމަ އެވަރުންވެސް ފުއްދާލެވޭނެކަމަށް ބުންޏެވެ. ކޮޓެޖްގެ ރީތިކަން އިތުރުކުރުވާނެ އަނެއް ޚިޔާލެވެ. އޭރުން ބަގީޗާގެ ގަސްތަކުގެ ތެރޭގައި އުޑުފެންނަހިސާބުގައި ޖެކޫޒީއަށް އެރެވޭނެއެވެ. އެދުވަހަކަށް އަލީޒާ ވަގުތުން އިންތިޒާރުކުރަން ފެށިއެވެ.


"ދެން އެވާހަކަ ހަދާން ނައްތާލަމާ ހިގާ ދޯ. ޓައިމް ފޯރ އަންލިމިޓެޑް ރޮމެންސް އެންޑް ލަވް...." ދާނިޝް އަލީޒާގެ ކުޑަ ބަޓްން ނޭފަތުގައި ހިފާލަމުން ހިނިތުންވެލިއެވެ. އެހާކުޑަކުޑަ އަދާއަކުން ވެސް އަލިޒާގެ ހަށިގަނޑުގައި ބުނަންނޭގޭފަދަ އަސަރުތަކެއް ހިލުވާލައެވެ. ކޮންމެކަމެއްގައި އެ ހުންނަ މޮޑެލް ގޮތާއި ލޯބި އަލީޒާ ގުރުބާންކުރުވައެވެ. އެންމެ ބީހިލުމަކުން އަދިވެސް އެލިބިދޭ އަރާމަކުން ލޯ މަރާލެވެއެވެ. ކޮންމެ ރެއަކުހެން އެ ލޯބި ފިރުމުންތަކަށްފަހު ފޮނި ފޮނި އަރާމު ނިންޖަކަށް ގެނބެއެވެ. މިރޭވެސް ވީ އެހެންނެވެ. އަލީޒާ އެ އަދިރި ދުނިޔެ މަތިން މުޅިން ހަދާންނެތި ދާނިޝް ގެ އަތުތެރޭގައި އެހެން އުފާތަކާއި ލޯބި ހޯދުމަށްފަހު ރީތި ހުވަފެނީ ދުނިޔެއެއްގައި އެތައް އިރެއްވާންދެން އޮތެވެ. ފުރިހަމަ ނިންޖެއްގައެވެ.


ރިހާނާ އެމެރިކާއިން އައިއިރުވެސް ބައްޔެވެ. ހޮޑުލެވުމާއި ވަރުބަލިވުން އަދި ވަރުދެރަވުމުގެ ސަބަބުން އެޑްމިޓް ކުރަން ޖެހުނެވެ. ރިހާނާ ޓެސްޓް ހެދުމުން ބަލިވެއިންކަން އެގުމުން އާއިލާގެ އެންމެން މަރުހަބާ ކިއެވެ. އެއީ އެންމެނަށް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ. ދާނިޔާލް ހަތަރުދަމުހެން އުޅެނީ ރިހާނާގެ ޚިދުމަތުގައެވެ. ބައްޕައަކަށް ވާން އުޅޭތީ ކުރިއަށް ވުރެ ސީރިޔަސްވެ ޒިންމާދާރު ވީއެވެ. ކުރީގައި އެއުޅޭހެން ދާނިޝްމެނާއި އެކު މަޖާކުރުން ތަންކޮޅެއް ދުރުވެއްޖެއެވެ. ދާނިޔާލްއަށް ފުރުސަތެއްވެސް ނުލިބެނީއެވެ.

ރާހިލްވެސް ދާނިޔަލްއެކޭ އެއްވަރެވެ. ޕްރޮފެޝަނަލް ކަމުން އަބަދު އޭނައުޅެނީ ބައްޕައަށް އޮފީސްމަސައްކަތުގައި އެހީވުމުގައެވެ. ނޫނީ ބަލިމީހުންގެ ކަންތަކުގައި އަވަދިނެތިއެވެ. މައުމޫން ނޫޅުއްވާތީ ސައްފޫރުވެސް ހޮސްޕިޓަލުގެ ކަންތަކުގައި ހުރިހާ ވަގުތެއް ހޭދަކުރަންފެށިއެވެ. ވިސްނާނެ ވަގުތެއް ސިކުނޑިއަށް ނުދޭންވެގެންނެވެ. ފިކުރުތަކާއި އެންމެ ދުރުހެލިވެވޭނީ މަސައްކަތްތަކާއި މަޝްއޫލުވީ ވަރަކުންކަން ސައްފޫރު ދަނެއެވެ. ސައްފޫރު ވަޒީފާއަށް ނުކުތުމުން ފަރުޒާނާ ޗުއްޓީ ނަގައިފިއެވެ. ސައްފޫރުއާއި ކުރިމަތިލާނެ ހިތްވަރެއް ފަރުޒާނާގެ އެއް ނެތެވެ. އުމުރަށް ދެލޯބިވެރިން ވަކިވީކަމަށް ފަރުޒާނާ އަށް ގަބޫލުކުރެވުނެވެ. އެއީވެސް ފަރުޒާނާއަށް ކެތްކުރެވޭނެފަދަ ހިތާމައެއްނޫނެވެ. ހަތަރު އުދަރެސް ފެނުޖެހުނީއެވެ.

ޝައުނާ ފެންނަ ކޮންމެފަހަރަކު ފަނާ ވަރަކަށް ޝަކުވާ ކުރެއެވެ. ޝައުނާ ބުނީ ފަނާގެ މެސެޖް މީރާންއަށް ގެންގޮސްދީފައިވާކަމެވެ. މީރާން ފަނާއާއި ބައްދަލުކޮށް ގޮތެއް ނިންމާނެކަމުގެ ޔަގީންކަން ދީފައިވާކަމަށެވެ. ފަނާއަށް ހަގީގަތް ކިޔާދޭކަށް ޝައުނާއަކަށް ނުކެރުނެވެ. ފަނާ ރައްޓެހިވެގެން އުޅުނީ މީރާންއަކާ ނޫނެވެ. މީރާން ގެ ސިފައިގަ ހުރި އެހެންމީހަކާއެވެ. އެއީ ލޯތްބެއްނޫނެވެ. ބޮޑު ކެއްސެކެވެ. ފަނާއަށް ރަހުމްކުރާނެ ހަމްދަރުދީ ވާނެމީހެއްހެނެއް ހިޔެއް ނުވެއެވެ. ފަނާމެން ފަދަ ކުދިން އެވަރު ނުދަންނަނީ ހެއްޔެވެ؟ ޝައިތާނާއަށް ހެއްލުމުގެ ބޭނުމަކީ ކޮބާހެއްޔެވެ؟ ދީނުގައި އަންގަވާފައިވާގޮތަށް އުޅޭނަމަ މިފަދަ ބޮޑު މުސީބާތެއްގެ ތެރެއަށް ނަފުސް ނުވެއްޓުނީހެވެ. ހަލާކާއި ގެއްލުމަކީ އިންސާނާ އަމިއްލައަށް ހޯދައިގަންނަ އެއްޗެކެވެ. ހަލާކުގެ ދޮރުގައި ޓަކިދިނުމަށްފަހު ސަލާމަތްވެގެން ފިލުމަކީ އެހާ ފަސޭހަކަމަކަށް ނުވެ ހިގައިދާނެއެވެ.
ފަނާ ބަލިވެ އިންތޯ ބަލަން ހެދި ޓެސްޓް ނެގަޓިވް ވިއެވެ. ސްކޭންވެސް ބަރާބަރެވެ. އެވަރުންވެސް ފަނާއަށް އޭނަ ބަލިވެނެތްކަމުގެ ޔަގީންކަމެއްނުލިބުނެވެ. ހިތުގައިވަނީ ޝައްކާއި ވަހުމްތަކެވެ. ހަށިގަޑަށް މިފަދަ ބަދަލެއް އަންނަންވީގޮތެއް ވިސްނުމަކަށް ނައެވެ. މޭނުބައިކޮށް ހޮޑުލެވި އެ ތުނިތުނި ބަނޑު ތަންކޮޅެއް ބޮޑެވަމުން އަންނަނީ ކީއްވެގެންހެއްޔެވެ؟ ފަނާ ގެ ހާލު އެއްގޮތަކަށްވެސް ރަގަޅު ނުވާތީ ހޮސްޕިޓަލުގައި އެޑްމިޓްކުރެވިފައި އޮންނައިރު އަބަދުގޮވެނީ މީރާންއަށެވެ. އެހެން ހުރިހާ ފިރިހެނުންދެކެ ފާޑެއްގެ ފޫއްސެއްވާން ފަށައިފިއެވެ. ރާހިލްމެން ފަދަ އެކުވެރިން އޭނަދެކެން އަޔަސް ހިތްހަމަނުޖެހިގެން މޫނު ހަދާލާފައި އަނެއްފަރާތަށް އެބުރިގަނެއެވެ. އޭނަ ދެކެން ބޭނުމީ އެންމެ ސޫރައެކެވެ. އެންމެ މޫނެކެވެ. އެނޫންފަރާތަކުން ދެން މިހިތަށް ފިނިކަމެއް ހޯދައެއްނުދެވޭނެއެވެ.
ހުކުރުދުވަސްކަމަށް ވާތީ އެންމެންވެސް ހޭލީ ހުކުރުގަޑިއަށެވެ. އަލީޒާ މިއަދު ލައިގެން ހުރީ ވަރަށް ރީތި ޕިންކް ކްރޮޕް ޖެކެޓްކޮޅަކާއި ހުދުކުލައިގެ ޖިންސެކެވެ. އިސްތަށިގަނޑު މައްޗަށް އޮމާންކޮށްލާފައި ވޫލްކޮޅަކުން އައްސާލާފައި ހުރިއިރު ފިރިހެންކުދިން ގެ ހިތްތައް ހަލާކުކުރުވާފަދަ ރީތިކަމެކެވެ. ފެންވަރާލައިގެން ދާނިޝް ވަގުތުން ދިޔައީ ހުކުރު ނަމާދަށެވެ. ގޭތެރެ މުޅިން ފަޅުވިއެވެ.އަލީޒާ ކިތަންމެ ވަރަކަށް ބަދިގެއަށް ވަންނަހިތްވިނަމަވެސް ކަނާތުގެ ބޭނުން ނުކުރެވޭތީ އެ ހިތްވަރެއް ނުކުރެވުނެވެ. " އައިސްގޭޓް" އަށް ރޭ ނިދަން އައުމުން ފަރުޒާނާ ވަރަށް އުފާވިކަމަށް ބުންޏެވެ. އަލީޒާ އެކަނި ހުރި ދަޑިވަޅެއް ބަލާފައި ވަރަށް ވާހަކަ ދެއްކިއެވެ.

އަލީޒާ ގޭގެ ފަހަތުބަޔަށް ދިޔައީ ސްމޯކީއަށް ދޭން ފޭރެއް ހިފައިގެނެވެ. ގޮވާގޮވާ އެސޮރު ނައުމުން އަލީޒާ ދަގަތްފާނުކޮޅަކާއި ދަގަނޑުތައް ހިފައިގެން ކުޅެންއިނީއެވެ. އެއީ އަލީޒާ ކުޑައިރުއްސުރެ ކުރާހިތްވާއެއް ކޫސަނިކަމެކެވެ. ދެން މާބްލްއާއި ކުޅުމެވެ. އެކި ކުލަކުލައިގެ މާބްލް އެއްކޮށްފައި ހުރެއެވެ.

ސްމޯކީ އަށް ފޭރު ފެނުނީމަ އުދުހިލާފައި އައިސް އަލީޒާ އިށީދެގެން އިން ބެންޗުގައި ޖެއްސިއެވެ. އެ ބޮޑު ގުރާ ފެނުމުން އަލީޒާ ޓަފީ މަތިން ހަދާންވިއެވެ. އެ ޗީތާތައްވެސް ގެނެވޭނެނަމައެވެ. އެކަމަކު ރާއްޖެއަށް އެފަދަ އެއްޗެއް އެތެރެކުރާކަށް ހުއްދަ ނުލިބޭނެކަމަ ޔަގީނެވެ. ޓަފީ އާއި އެކު ނަގާފައި ވާ ފޮޓޯތައް މިޝާމެނަށް ފެނިއްޖެއްޔާ ހާދަ ވަރަކަށް އަލީޒާ ދެކެ ހަސަދަވެރިވާނެއެވެ. ފޮނިދައްކަން ބޭނުމިއްޔާ އެ ހުރިހާ ފޮޓޯތައް ފޭސްބުކްއަށް އަޕްލޯޑްކޮށްލަން ވީއެވެ. ސްނޯގަޑުތެރޭގައި ނަގާފައި ހުރި ރީތި ފޮޓޯތައްވެސް އެހާ ރީއްޗެވެ. ހާއްސަކޮށް އޭނަ އާއި ދާނިޝް ގެ އާދަޔާހިލާފު ރޮމެންޓިކް ފޮޓޯތައް ފެނިއްޖެއްޔާ މިޝާ އަބުރައިގެންފާނެއެވެ.

"އެލީ........ކީއްކޮށްލަނީ " ފަރުޒާނާގެ އަޑުއިވުމުން އަލީޒާ ކުޑަކޮށް ހިނިތުންވެލިއެވެ. ހާދަ މައުސޫމް ހިނިތުންވުމެކެވެ. ހިތްހެޔޮކަމުގެ ނަމޫނާ މޫނެކެވެ. ޖީނާގެ ހަދާން އާކުރުވާފަދަ އަންހެންކުއްޖެކެވެ. ފަރުޒާނާ ވަކިން ބޮޑަށް ފޫހިވިއެވެ. އަލީޒާ ފެނުމުން އޭނައަށް މިވާ އުދަގޫތައް ފިލުވާލެވޭނީ ހަމަ އެންމެގޮތަކުންނެވެ. އޭނަ ޖަލަށް ވަންނަންޖެހުނަސް ހެޔޮއެވެ.

"ސްމޯކީއަށް ކާންދިނީ......" އަލީޒާ ސްމޯކީ އާއި ކުޅެލަމުން ބުނެލިއެވެ .ފޭރުކައި ނިމުމުން އަލީޒާ ސްމޯކީ އުދުއްސާލައިފިއެވެ. އެއީ މިގޭގެ ބަގީޗާގެ އެންމެ ބޮޑު ދިރުމެވެ. ގަސްތަކުން މޭވާކަމުން އެސޮރު އުޅެނީ އެއްވެސް ފިކުރެއްނެތި އުފަލުންނެވެ. ދެން އުޅޭ ގުރާތަކާއި ތޯތާ ސްމޯކީ ހާ އޮޅެއްނޫނެވެ.

"މި ޕޫލް ގެ ކުލަ ފެހިނަމަ އަދި މާރީތިވީސް ދޯ......" ފަރުޒާނާ ހުއްޓުނީ ފެންގަނޑުގެ އެންމެ ފުން ދިމާލުގައެވެ. މިދިމާލުގައި އެއް މީޓަރ ހުންނާނެކަން ގައިމެވެ. ކިތަންމެ ހިމޭނުން އޮތަސް ފަތަން ނުދަންނަމީހަކު ދިރުވާލަން ތައްޔާރަށް އޮތް ބިރުވެރި ތަނެއްކަން ފަރުޒާނާއަށް އެގެއެވެ. އެރީތި މޫދު އޭނަގެ ދަރިފުޅު ޖީނާ ޝިކާރަކޮށްލިފަދައިންނެވެ. ފަރުޒާނާ ރާވަމުން ދިޔަ ބިރުވެރި ޕްލޭންގެ ކުޑަ ހަބަރެއްވެސް އެގިފައިނުވާ އަލީޒާ ބެންޗުން ތެދުވެގެން އައިސް ހުއްޓުނީ ފަރުޒާނާ އާއި ދާދިގާތުގައެވެ. އިރު ވިލާކޮޅަކާއި ނިވާވެލިނަމަވެސް އެހިސާބަށް އޮތީ ހޫނުވެފައެވެ. ދޮންވެފައެވެ. މިދުވަސްކޮޅު ވާރޭ ނުވެހި ހޫނުވާންފަށާފައިވާތީ ފުރާޅުތަކުންވެސް އާވިއަރައަރާ ހުރެއެވެ.

. "މިކުލަވެސް ރީތި. އުޑުގެ ހިޔަނިއެޅިފައި ހުންނަހެން ހީވަނީ....." އަލީޒާ ބަލަހައްޓައިގެން ހުރީ އެ ރީތި ފެންގަނޑަށެވެ
ފަރުޒާނާ އަށް އުމުރު ދުވަހުވެސް މިވަރުގެ ރަނުގެ ފުރުސަތެއް ލިބޭނެކަމެއް ނޭގެއެވެ. އެންމެން ދެނެހުރިގޮތުގައި ފަރުޒާނާ ވީ މަންމަމެންގެއަށް ގޮސްފައެވެ. ހުކުރު ވަގުތާއި ދިމާކޮށް އޭނަ މިގެއަށް އައީ މިޝަން ނިންމާލާފައި އަވަހަށް އެބުރި އެގެއަށް ދިޔުމަށެވެ. ވޭތުވާ ކޮންމެ މިނިޓަކީވެސް ގެއްލިގެންދާ އެއްޗެކެވެ. މި އަންހެން ކުއްޖާ އަށް އެހީވާނެ އެއްވެސް ފިރިހެނަކު ގޭގައި މިވަގުތު ހުރީކީ ނޫނެވެ. ޝައުނާވެސް އަދި ހޭލިކަމެއް ނޭގެއެވެ. ރިހާނާ ބަލިކަމުން އެދުން ތެދުވާނެ ހިތްވަރެއް ނުހުންނާނެއެވެ.

"ރީތިނަމަވެސް ބިރުވެރި. ޖީން މޫދަށް ވެއްޓުނުފަހުން މޫދު ކިތަންމެ ރީއްޗަށް ދުޝްމިނަކަށް ވެއްޖެ. ހިތަށް އަރާ އަހަރެންގެ ޖީން ނޭވާ ހާސްވެގެން ތެޅިފޮޅޭނެ ވަރު. އެހީއަށް އެހާ ބޭނުންވި ވަގުތު އެކަކުވެސް އެހީއެއް ނުވި. ކުށްވެރިޔަކީ ކާކުކަން އެގޭތަ؟ ކުށްވެރިޔަކީ ދާނިޝް. އަހަރެންގެ ދަރިފުޅު އެ ޝައިތޯނީ ރީތިކަމުގައި ޖައްސައިގެން މޮޔަކުރުވީ އެ ފިރިހެނާ. އަލީޒާ ލަދެއް ނުގަނޭތަ؟ އޭނ....އަހަރެންގެ ދަރިފުޅަށް ލިބެންވީ ހުރިހާ އުފާތައް ތި ހޯދަނީ ނު. ތިހިރީ ޖީންގެ މަގާމުގައޭ. ކިތަންމެ ދުވަހެއް މިބަސް ކަލެޔާ ދިމާލަށް ނުބުނެވިފައި ހުންނަތާ. ދާނިޝް ގެ ވައިފްއަކަށް ޖީންއަށް ނުހުރެވުނިއްޔާ އެހެން މީހަކަށްވެސް ހުރެވުނަކަ ނުދޭނަން........." ފަރުޒާނާ ގެ ލޮލުން އެވަގުތު އަލީޒާއަށް ފެނުނީ ނުރައްކާތެރިކަމެވެ. މޮޔަ ވެފައި ހުރިހެން ހީވިއެވެ. އެއްވެސް ރަހުމެއް ހަމްދަރުދީއެއް ނެތެވެ. އަލީޒާ ބިރުގަނެއްޖެއެވެ. ލޯބޮޑުކޮށްލެވުނެވެ. ދުއްވައިގަންނަން ފައި ހަރަކާތްކުރިއެވެ. މި މޮޔަމީހާ އޭނައަށް ކޮންމެ ފަދަ ގޮތެއްވެސް ހަދާލަފާނެއެވެ.


"ޖީންގެ ބެސްޓްފްރެންޑް ދޯ. އެކަނި ކަށްވަޅުގައި ބާއްވާނެކަމެއް ނެތް. ޖީން ގާތަށް ދޭ......ހަމަ މިހާރު....." ފަރުޒާނާ ބަލާކަށް ނުހުރެ އަތަށްލެވުނުހާ ބާރެއް ލާފައި އަލީޒާ ކޮށްޕާލީ ފެންގަނޑާއި ދިމާލަށެވެ. އަލީޒާ ޑޭން އޭ ކިޔާފައި އަޑުގެ ކޮޅަށް ގޮވިއެވެ. ގެއަށް ވެރިވެފައިވާ އެހިމޭންކަމުގެ ތެރޭގައި އަލީޒާ ފެންގަނޑުގައި ޖެހުނު އަޑާއި ހާސްވެގެން ތެޅިގަތުމުން ފެންގަނޑު ބުރުއްސައިގެން ދިޔަ އަޑުން ފަރުޒާނާ ނުތަނަވަސްވިއެވެ. ނުވިތާކަށް އެންމެ ފަހުވަގުތުވެސް އެގޮވީ ދާނިޝްއަށް ވިއްޔާއެވެ. މީހަކަށް އެ އަޑުތައް އިވޭނެބާވައެވެ.


"ޑޭން އެއް ތި އަޑު ފޯރާ ހިސާބަކު ނެތް. ހުކުރުން އަންނަން އެބައޮތް އަދި ދިހަ މިނެޓް. އޭނަ ދެން އަލީޒާ ބަލާ ދާން ޖެހޭނީ ހެވަންއަށް ކަން ނޭގޭ. މިޝަން ކޮމްޕްލީޓް. ގުޑް ބައި އަލީޒާ......" ފަރުޒާނާ އަލީޒާ ތެޅިފޮޅޭ މަންޒަރުބަލާކަށް މަޑުކޮށްލުމެއް ނެތި އަވަސްއަވަހަށް ދުވަމުން ކަހަލަގޮތަކަށް ބަގީޗާތެރެއިން ވަދެގެން ދިޔައިރު ބެލްކަނިން މީހެއްގެ ހިލަންވިހެން ހީވިއެވެ. މެޔަށް ހީވީ ފެން އެއްޗެއް އޮއްސާލިހެނެވެ. ވަރަށް ބޮޑަށް މެޔަށް ފިނިވިއެވެ. އޭނަ އަވަސްއަވަހަށް ގަސްތަކުގެ ނިވަލުގައި ބޮދަމުން ގޮސް މަގަށް ނުކުތެވެ. މި ގަދަ އަވީގައި އޭނަ ހިގާފައި ގެއާއި ދިމާލަށް ދިޔައިރު ހިތްވަނީ އާދަޔާ ޚިލާފަށް އަވަސްވެފައެވެ. މިހާރު އެކެއް ޖަހައިފިއެވެ.
ހަމަދު ހުކުރަށް ނުދިޔައީ މިއަދު މާގަދަޔަށް ހުމާ އުޅޭތީއެވެ. ހުމާ ފިހިފިހި އޮވެފައި އޭނަ ތެދުވެގެންގޮސް ޕެނެޑޯލް ގުޅައެއްކާލުމަށް ފަހު މަތީބަޔަށް ދިޔައީ މޮޕް ކޮށްލުމަށެވެ. އެވަގުތު ފެނުނު މަންޒަރަކުން ބޮލަށް އެބުރުން އަރައިގަތެވެ. އޭނައަކީ ފަތަން ދަންނަމީހެއްނޫނެވެ. ހުރިހާ ފިރިހެންކުދިން މިގަޑީގައި ގޭގަ ނޫޅޭނެކަން ޔަގީންވާތީ އޭނަ ދުވެގޮސް ޝާހާންގެ ކޮޓަރީގެ ދޮރުގައި ތަޅަން ފެށިއެވެ. ހަމަދުގެ ހިތްވަނީ އަވަސްވެފައެވެ. ބިރުން އޭނަގެ ފައިވެސް ރޫރޫ އަޅައެވެ.
ޝައުނާ ދޮރުހުޅުވީ ފަސްވަރަކަށް މިނެޓްފަހުންނެވެ. މީހަކު މާބާރަށް ދޮރުތަޅަން ފެށުމުން ނިދިން ހޭލިގޮތަށް ފާހާނާއަށް ވަދެ މޫނުދޮވެލައިގެން ހެދުން ބަދަލުކޮށްލީއެވެ. ކޮންމެވެސް ބޮޑުކަމެއްވެގެން ނޫނީ މީހަކު މިގޮތަށް އުދަގުލެއް ނުކުރާނެއެވެ. އޭނަ އަވަހަށް ޖިންސަކާއި ޝާހާން ގެ ގަމީހެއްލިއެވެ.
"އަލީޒާ ޕޫލަށް ވެއްޓޭ ތިބޭ........" ހަމަދު ގެ އަޑުކުރެހުނެވެ. އޭނައަށް ރޮވިއްޖެއެވެ. ވޭތުވެގެންދާ އެންމެ ސިކުންތުކޮޅަކީވެސް އިންސާނެއްގެ ފުރާނަ ސަލާމަތްކުރަން ގެއްލިގެންދާނެ ވަގުތެއްކަން ޝައުނާއަށް އެގުނެވެ. އޭނަ ސިޑިބަރިވެސް ގިރާކޮށްލީ ދުވެލާފައެވެ.

ސްވިމިންޕޫލްއާއި ހަމަޔަށް ދެވުނުއިރު ޝައުނާވެސް ބިރުގެންފައި ހުރިވަރުން ސިކުޑި ރަގަޅަކަށް މަސައްކަތެއްނުކުރެއެވެ. ނަމަވެސް އޭނަ ވަގުތުން ފެންގަނޑަށް ފުންމާލައިފިއެވެ. ފުރާނަނެތް ބުދެއް ފަދައިން ފެންގަނޑުގައި ފްލޯޓް ވޭވޭއޮތް އަލީޒާ ފެނުމުން ޝައުނާ އަވަހަށް އަލީޒާ ފެނުން މައްޗަށް އަރުވަން މަސައްކަތް ކުރިއެވެ.

ޝާހާންއަށްވެސް ހުކުރު ނިންމާލާފައި އެތަނަށް އާދެވުނީ ހަމަދުގެ ސަބަބުންނެވެ. ދާނިޔާލްއާއި ދާނިޝް ހޮސްޕިޓަލަށް ދިޔައީ އެކުވެރިޔަކު ބަލިވެގެން އެޑްމިޓްކުރުމާއި ގުޅިގެން ދެކިލާށެވެ.

އަލީޒާ މައްޗަށް އަރުވަން އެހީވީ ޝާހާން އެވެ. ޝައުނާ ޕޫލުން އެރިގޮތަށް މޫނުގައި އަތް އަޅައިގެން ތިރިވީ ބިންމައްޗަށެވެ. ބާރަށް ރޮއިގަނެވިއްޖެއެވެ. މިވީ ކިހިނެއްހެއްޔެވެ؟ ހަމަކުއްލިއަކަށް މިހާ ބަދުނަސީބު ސުންޕާތަނަކަށް އައިސްގޭޓް މިވީ ކީއްވެހެއްޔެވެ؟ އަލީޒާ އަށް ސީ ޕީ އާރ ދިނުމުގެ ބޭނުމަކީ ކޮބާހެއްޔެވެ؟ އަލީޒާ އޮތީ މަރުވެފައިކަން ޝައުނާއަށް ޔަގީނެވެ. އެއްވެސް ދިރުމެއް ނެތް މޫނެކެވެ. މައްޗަށް ލެބިފައިވާ އެސްފިޔަތަކާއި އެކު ހުޅުވިފައިވާ ދެލޯވަނީ އެއް ދިމާލަކަށް ހުއްޓިފައެވެ. ބިއްލޫރިކޮޅެއްފަދައިންނެވެ. ބިއްލޫރި ބުދެއްފަދައިންނެވެ.

ޝައުނާއަށް ގިސްލެވެމުން ދިޔައެވެ. ހިފެހެއްޓުމެއްނެތް ކަރުނަތައް އޮހެމުން ދިޔައިރު އޭނަގެ ހިތަށް ގެނެވުނީ މިހަބަރު ލިބުމުން ދާނިޝްއަށް ވާނެވަރެވެ. އަލީޒާ މަރުވުމަށްފަހު ދާނިޝްއަށް ކެތްކުރެވޭނެހެއްޔެވެ؟ ރޯމިޔޯ ފަދައިން އޭނަ މަރުވާނެކަން ގައިމެވެ. ނޫނެކެވެ. ނޫނެކެވެ. އެހެނެއްނުވާނެއެވެ. މިފަދަ ހިތާމަވެރިގޮތަކަށް ލި ލަވް ސްޓޯރީ ނިމިގެން ކަމަކުނުދާނެއެވެ
ނަމަވެސް ދިރިއުޅުމަކީ ފިލްމެއްވެސް ނޫނެވެ. ވާހަކައެއްވެސް ނޫނެވެ. ބޭނުންހާގޮތަކަށް ނުނިންމޭނެއެވެ.

މިފަދަ ބޮޑު އިމަރޖެންސީ އެއްދިމާވި ވަގުތު ދާނިޝްއާއި ދާނިޔަލް ގެއަށް ނައީތީ ޝައުނާގެ ހިތުގައި ޝަކުވާ އުފެދުނެވެ. ހުކުރު ނަމާދަށް ފަހު އާއްމުކޮށް ކާން ގެއަށް އަންނަކުދިން އެންމެ މުހިއްމުވީ ވަގުތު މިތަނުގައިނެތްކަން ކިތަންމެހާވެސް ދެރައެވެ. އެއީވެސް ތަގުދީރެވެ. މިފަދަ އެކްސިޑެންޓެއް ހިގާފާނެކަމަށް ހީކުރެވޭނީވެސް ކިހިނެއްހެއްޔެވެ؟
ބިންމަތިން ތެދުވުނުގޮތަށް ޝައުނާ އަވަސްވެގަތީ ތެތް ހެދުންބަދަލުކުރުމަށްފަހު ހޮސްޕިޓަލަށް ދިޔުމަށެވެ. އެކަމަކު އޭގެ ކުރިން ރިހާނާގެ ހާލު ދެކިލަންވެސް އެބަޖެހެއެވެ. މިވީގޮތުން ދާނިޔާލްވެސް ބިޒީވެ ރިހާނާ އާއި އަޅާނުލެވޭނެކަން ޝައުނާއަށް އެގުނެވެ. ފަރުޒާނާ ވެސް މިއަދު ހެދުނު އޭނަގެ މަންމަގެ ގެއަށް ދާން ނިންމާފައި ވާތީ ގޭގައި އުޅޭކަމެއް ނޭގެއެވެ. ޝައުނާ ވަގުތުން ގުޅީ ފަރުޒާނާއަށެވެ. ޝައުނާ އަށް ރޮވޭވަރުން ވާހަކަ ދައްކަން އުދަގީވިނަމަވެސް ފަރުޒާނާއަށް ކުޑަގޮތަކަށް އެ ހާދިސާގެ ތަފްސީލުދިނުމަށްފަހު އަވަހަށް ގެއަށް އައިސްދިނުމަށް އެދުނެވެ. ފަރުޒާނާއާއި އަލީޒާ އެހާ ރަގަޅު ގުޅުމެއްނޯންނަކަން ޝައުނާ ދަންނާތީ ފަރުޒާނާ ކޮންމެހެން ހޮސްޕިޓަލަށް ދާން ބޭނުން ނުވާނެކަން އެގޭތީއެވެ.
ދާނިޔާލް އާއި ދާނިޝް ހުކުރުނަމާދަށްފަހު ދިޔައީ އެކުވެރިއެއްކަމަށް ވާ ކައިސާން ދެކިލުމަށް އައިސްގޭޓް ހޮސްޕިޓަލަށެވެ. އެކޮޓަރިއަށްވަދެ އަދި ހަމަޖެހިނުލެވިގެން އުޅެނިކޮށް ދާނިޔާލްއަށް އައީ ފޯނުކޯލެކެވެ. ލިބުނު ޝޮކަކުން ދާނިޔާލް ވެސް ކުޑަކޮށް ހުއްޓުން އަރާގޮތްވިއެވެ

"ވަޓް؟ އެލީ ޑްރައުން ވީއޭ؟ " ދާނިޔަލް އަށް އަހާލެވުނެވެ. ވަގުތުން ދާނިޔަލް ގެ މޫނުގެ ކުލަ ބަދަލުވެ ހިނިތުންވުން ގެއްލުނެވެ. ދާނިޝްއާއި ދިމާލަށް ބަލާލެވުނީ ކަންބޮޑުވެފައިވާ ނަޒަރަކުންނެވެ. އެއާއެކު އަތުން ފޯނު ދޫވިއެވެ.
އެކޮޅުން ދެއްކި ވާހަކަތަކެއް ދާނިޝްއަށް ނޭގުނު ނަމަވެސް "އެލީ" އަކަށް ބޮޑު ހާދިސާއެއް ކުރިމަތިވިކަން އެގުނެވެ. ގޭގައިވެސް ސްވިމިންޕޫލްއެއް އޮވެއެވެ. އަލީޒާއަކަށް ފަތާކަށް ނޭގެއެވެ. ފުން ފެންގަނޑެއް ފެނުނަސް އަލީޒާ ޕެނިކް އެޓޭކެއް ޖެހޭވަރުވެއެވެ. އެވަރުގެ ކުއްޖެއް އެކަނި ޕޫލް އާއި ކައިރިވެދާނެ ހެއްޔެވެ؟

ދާނިޝް އަށް ހީވީހަތަރު އުދަރެސްފެނުޖެހުނުހެނެވެ. ފާޑަކަށް ގަނޑުވިއެވެ. ހިތް ހިދުކޮޅަކަށް މަޑުޖެހިލިއެވެ. ބިރުވެރިކަމުގެ ސިގްނަލް މެދުކެނޑުމެއްނެތި ސިކުނޑިއަށް ލިބެމުންދިޔައެވެ. މުޅި ހަށިގަނޑުގައި ބިރުވެރިކަމުގެ ރާޅުބާނިތަކެއް ދަތުރުކުރަމުން ދިޔައެވެ.
ދާނިޔަލް އިތުރު އެއްޗެކޭ ނުބުނެ އެ ޕްރައިވެޓް ރޫމް ގެ ދޮރުން ނުކުމެގެން ދިޔައީ ވިދުވަރެއްހާ ހަލުވިކޮށެވެ. ބަންލާފައި ދޮރު ޖެހުނުގޮތުން ދާނިޝްގެ މޭވެސް ގުޑައިގެން ދިޔައެވެ . އެއާއެކު ހިތުގެ ވިންދު އަވަސްވިވަރުން ވަގުތުން ފިނިވިއެވެ. ލަސްލަހުންކޮޅަށް ތެދުވުނެވެ.
ދާނިޝް ވިސްނާލުމުން އެގުނީ ކޮންމެ ކޮންމެ އެލީ އަކަށް ކަމެއްވެގެން ދާނިޔާލް ކަންބޮޑުނުވާނެކަމެވެ. ޔަގީނެވެ. އޭނަގެ ލޯބިވާ އަލީޒާއަށް ކޮންމެވެސް ކަމެއްވެއްޖެކެމެވެ. ވަރަށް ސީރިޔަސްކަމަކަށް ނުވާނަމަ ދާނިޔާލް ގެ މޫނުމައްޗަށް އެކުލަތަކެއްވެރިއެއްނުވީހެވެ. ފޯނު އަތުން ދޫނުވީހެވެ.

"އޯ މައި ގޯޑް....ވަޓް ހެޕެންޑް...." ބަލި އެދުގައި އޮތް ކައިސާން ކަންބޮޑުވެގެން ދާނިޝް އާއި ދިމާލަށް ބަލާލިއެވެ. އޭނައަށް ވެސް ދާނިޔާލްގެ ޖުމްލައިން އެލީ ގެބިގެން އުޅޭކަން އެގުނެވެ. އައިސްގޭޓްގައި ސްވިމިންޕޫލްއެއް އޮންނަކަން ކައިސާންވެސް ދަނެއެވެ.
ދާނިޝް އަށް ލިބުނު ކުއްލި ޝޮކް ފިލައިގެން ދިޔުމުން އޭނައަވަސްއަވަހަށް ދުއްވައިގަތީ ވެގެން އުޅޭގޮތެއް ބަލާލުމަށެވެ. އިރާދަކުރެވިއްޔާ އޭނަގެ އަލީޒާއަށް އެއްވެސްކަމެއް ނުވާނެއެވެ.

ދާނިޝް ލިފްޓަށް އަރާނެ ޚިޔާލެއްވެސް ނެތެވެ. އެތައް ސިޑިތަކެއް ފަޅި ސިކުންތުކޮޅެއްގެ ތެރޭގައި ގިރާކޮށްލާފައި އައިސީ ޔޫ ހުންނަ ބަޔަށް އާދެވުނުއިރު ހިތްއަވަސްވެގެން މުޅިއަތް ފައި ގަޑުފެންކޮޅަކަށް ވެއްޖެއެވެ. ހަތަރުގަޑިވަންދެން ދުވިޔަސް އޭނަގެ ހިތަށާއި ފުއްޕާމެޔަށް މިވަރަށް ބާރުބޮޑުނުވާނެކަން ގައިމެވެ.

އައިސީޔޫ ކުރިމަތީގައި ސާއިރާ ބިންމަތީގައި ބާރުބާރަށް ރޯން އިނެވެ. ފަވާދުވެސް ހުރީ ފާރަށް ލެގިލައިގެން މޫނުގައި ދެއަތްއަޅައިގެނެވެ. ދާނިޝް ގެ އާއިލާގެ އެތައް ބަޔަކުވެސް ހާސްވެފައި ތިއްބެވެ. ބައެއްމީހުން ނަށް ރޮވިފައެވެ. އަލީޒާގެ ރަހުމަތްތެރިކުދިންވެސް އެއްދިމާލެއްގައި ބޮޑިވެލައިގެން ތިބިއިރު ފެންކަޅިވެފައެވެ.

ދާނިޝް އެދިޔަ ބާރުމިނުގައި އައިސީ ޔޫ އަށް ވަދެގެން ދިޔައިރު އޭނައަށް ފެނުނީ އުމުރު ދުވަހުވެސް ހިތުން ފިލައިގެންދާނެފަދަ މަންޒަރެއް ނޫނެވެ. މިއީ ކިތަންމެ ފަހަރަކު އޭނަ އަށް ފެނިފައިވާ އިމަރޖެންސީ ރޫމެކެވެ. ބަލިމީހުންގެ ފުރާނަ ސަލާމަތްކުރަން އޭނަވެސް ކިތަންމެފަހަރަކު މި މަސައްކަތްކުރިއެވެ. މިއަދު އޭނައަށް އެ މަންޒަރު ފެންނަނީ އަނިޔާގެ ގޮތުގައެވެ. ޑޮކްޓަރުން ފެންނަނީ ރަހުމްކުޑަ އަނިޔާވެރިން ގެ ގޮތުގައެވެ. ކިލަރސްއިންގެ ގޮތުގައެވެ. ސީ ޕީ އާރ ދީގެންވެސް ހިތް މަސައްކަތް ނުކުރުމުން ޑިފިބްރިލޭޓަރ އިން ޑީސީ ޝޮކް ދިންވަގުތު ދާނިޝްގެ ހެޔަށް ގޮތެއްވިއެވެ.


"އެލީ.................." ވޭނުން ފުރިފައިވާ ގޮތަކަށް ދާނިޝްއަށް ހަޅޭއްލަވައިގަނެވުނެވެ. އެ އަޑު އައިސީ ޔޫ ތެރޭގައި ގުގުމައިގެން ދިޔައެވެ. ބައެއް ޑޮކްޓަރުންނާއި ނަރުހުން އެބުރިއެބުރިފައި ބަލަންފެށިއެވެ.

(ނުނިމޭ)

comment ކޮމެންޓް