ޖޫލިއަން އަސާންޖަށް އިންޓަނެޓު ކަނޑާލައިފި: ވިކިލީކްސް

ވިކިލީކްސްގެ ބާނީ ޖޫލިއަން އަސާންޖަށް އިންޓަނެޓު ކަނޑާލައިފި ކަމަށް ވިކިލީކްސް އިން ބުނޭ -- ފޮޓޯ: އޭއެފްޕީ

ލަންޑަން (އޮކްޓޯބަރު 18): އިނގިރޭސިވިލާތުގައި ހުންނަ އިކުއެޑޯ އެމްބަސީގައި ހުރި ވިކިލީކްސްގެ ބާނީ ޖޫލިއަން އަސާންޖްގެ އިންޓަނެޓު އިކުއެޑޯއިން ކަނޑާލައިފި ކަމަށް ވިކިލީކްސް އިން ބުނެފި އެވެ.

އަސާންޖުގެ މައްޗަށްކޮށްފައިވާ ރޭޕުގެ ތުހުމަތަކާ ގުޅިގެން ސުވިޑެންއިން އޭނާ ހައްޔަރު ކުރަން މަސައްކަތް ކުރަމުން ދާތީ އިކުއެޑޯ އެމްބަސީން އަސާންޖު ހިމާޔަތް ހޯދީ 2012 ވަނަ އަހަރު އެވެ.

ވިކިލީކްސް އިން އެފަދައިން ބުނި ނަމަވެސް އިކުއެޑޯގެ އެމްބަސީން އެކަމާ ބެހޭ ގޮތުން މައުލޫމާތު ހިއްސާކޮށްފައެއް ނުވެއެވެ. ނަމަވެސް އިކުއެޑޯގެ ފޮރިން މިނިސްޓަރު ގުއިލައުމޭ ލޯންގް ވަނީ އަސާންޖް އަދިވެސް ހުރީ އެގައުމުގެ އެމްބަސީގެ ހިމާޔަތުގައި ކަމަށް ވިދާޅުވެފައެވެ.

ވިކިލީކްސްއިން ވަނީ ދާދި ފަހުން ހިލަރީ ކްލިންޓަން ކެމްޕެއިންގެ ޗެއާމަން ޖޯން ޕޮޑެސްޓާގެ އީމެއިލްތަކެއް ލީކުކޮށްލާފައެވެ. ހިލަރީގެ ކެމްޕެއިން ޓީމުން ބުނާ ގޮތުގައި އެމެރިކާގެ އިންތިހާބަށް ބާރު ފޯރުވުމުގެ ގޮތުން އެސައިބާ ހަމަލާތައް ދެމުން ދަނީ ރަޝިއާގެ ހެކަރުންނެވެ. (ބީބީސީ)

comment ކޮމެންޓް