ތިމާވެއްޓަށް އަންނަމުންދާ ބަދަލުން 122 މިލިއަން މީހުން ފަގީރުންނަށް ވުމުގެ ބިރު!

ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން 122 މިލިއަނަށްވުރެ ގިނަ މީހުން ފަގީރުންނަށް ވުމުގެ ބިރު އެބަ އޮތްކަމުގެ އިންޒާރު އދ. އިން ދީފި އެވެ.

އދ.ގެ ފުޑް އެންޑް އެގްރިކަލްޗަރަލް އޯގަނައިޒޭޝަން (އެފްއޭއޯ) އިން އާއްމުކުރި މިއަހަރުގެ އަހަރީ ރިޕޯޓުގައި ބުނެފައިވަނީ، 2030 ވަނަ އަހަރުގެ ކުރިން ދުނިޔޭގެ 122 މިލިއަނަށްވުރެ މީހުން ފަގީރުންނަށް ވުމުގެ ބިރު އެބަ އޮތް ކަމަށެވެ.

އަދި އެކަމުގެ އަސަރު އެންމެ ބޮޑަށް ފޯރާނީ ދަނޑުވެރިކަމުން ނަފާ ހޯދައިގެން އާމްދަނީ ހޯދާ ދެކުނު އޭޝިއާ އާއި އެފްރިކާގެ ގައުމުތަކުގެ ރައްޔިތުންނަށް ކަމަށާއި ނަމަވެސް އެކަމުގެ އަސަރު ހުރިހާ ބައްރަކަށް ވެސް ކޮށް، ދުނިޔެ ކާނާއަށް ޖެހިގެން ހިނގައިދާނެ ކަމަށް ވެސް އެ ޖަމާއަތުން ބުނެފައިވެ އެވެ.

"ތިމާވެއްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން ކާނާގެ ސަލާމަތްތެރިކަމަށް އަސަރުކުރާކަމާމެދު އެއްވެސް ޝައްކެއްނެތް. ތިމާވެއްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން އަހަރެމެން ޝިކާރަ ކޮށްގެން އުޅުނު ދުވަސްތަކަށް ގޮސްދާނެ ކަމުގެ ބިރު އެބައޮތް. މިއަދު ހައްދާ އެއްޗަކުން ފައިދާއެއް ލިބޭނެ ކަމުގެ އެއްވެސް އުއްމީދެއް ނެތް،" އެފްއޭއޯގެ ޗީފް ޖޯސް ގްރަޒިއާނޯ ޑި ސިލްވާ ވިދާޅުވި އެވެ.

ދުނިޔޭއިން ޖައްވަށް ދޫކުރާ ގްރީންހައުސް ގޭހުގެ 21 ޕަސެންޓަކީ ދަނޑުވެރިކަމުގެ ސަބަބުން ޖައްވަށް ދޫވާ ގޭހެވެ. އަދި އެކަމުގެ ސަބަބުން ތިމާވެއްޓަށް ނޭދެވޭ އަސަރުކޮށް ހަނަފަސްވުމާއި ފެންބޮޑުވުމުގެ ހާދިސާތަކުން އެންމެ ބޮޑު ގެއްލުމެއް ވެސް ލިބެނީ ދަނޑުވެރިންނަށާއި ދަނޑުބިންތަކަށެވެ.

އެފްއޭއޯ އިން ބުނީ، ގަދަ ހޫނުގައި ވެސް ހެއްދޭ އަދި ފެން ރައްކާކުރެވޭނެ މިހާރަށްވުރެ ރަނގަޅު ގޮތްތަކަކަށް ދަނޑުވެރިކަމަށް "ކްލައިމެޓް ސްމާޓް" ގޮތްތަކެއް ހޯދިއްޖެނަމަ ކާނާއަށް ޖެހުމުގެ ބިރު ކުޑަވެގެންދާނެ ކަމަށެވެ.

comment ކޮމެންޓް