ދުވާފަރުގައި ބީއެމްއެލްގެ އޭޓީއެމްއެއް ބަހައްޓައިފި

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރު އެންޑްރޫ ހީލީ -- ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރ. ދުވާފަރުގައި ސެލްފް ސަރވިސް އޭޓީއެމްއެއް ބަހައްޓައިފިއެވެ.

ދުވާފަރުގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ތަޢާރަފްކުރެވިގެން މި ދިޔައީ ރާއްޖޭގައި ބޭންކިންގ ޚިދުމަތް ފުޅާކުރުމަށް އެ ބޭންކުން ކުރަމުންދާ 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުންކަމަށް ބީއެލްއެލްއިން މައުލޫމާތުދެއެވެ.

ބީއެމްއެލް އިން ބުނީ، އެ ބޭންކުން ރާއްޖޭގައި ކުރަމުންދާ އިންވެސްޓްމަންޓް ފުޅާކުރުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ދުވާފަރުގައި މިއަދު ބެހެއްޓި އޭޓީއެމް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ފައިސާ ޖަމާކޮށް ޓްރާންސްފަރ ކުރުމުގެ ހިދުމަތް 24 ގަޑިއިރު ލިބިގެންދާނޭ ކަމަށެވެ.

ގައުމީ ބޭންކުން ދުވާފަރުގައި ބެހެއްޓި އޭޓީއެމްގެ ޚިދުމަތް އިފްތިތާހުކޮށްދެއްވީ، އެ ރަށުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސަޢީދެވެ.

ދުވާފަރުގައި މިއަދު ބޭއްވި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރު އެންޑްރޫ ހީލީ ވިދާޅުވީ، އެންމެ މިޒަމާނުގެ ސެލްފް ސަރވިސް ބޭންކިންގ ޚިދުމަތް ދުވާފަރުގައި ތައާރަފްކުރެވިގެން ދިޔުމަކީ އެ ބޭންކަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"މިއީ އަޅުގަނޑުމެން ކުރިއަށް ގެންދާ އިންވެސްޓްމަންޓް ޕްރޮގްރާމުގެ ދަށުން ކުރިއަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް. މި ޕްރޮގްރާމްގެ ސަބަބުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި އެކި މުޖުތަމައުތަކަށް މިދަނީ މަންފާ ލިބެމުން،" އެންޑްރޫ ވިދާޅުވިއެވެ.

"ދުވާފަރުގެ ތަރައްގީއާއި ކުރިއެރުމުގައި އަޅުގަނޑުމެންނަށް އެހީތެރިކަން ފޯރުކޮށްދެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް."

ގައުމީ ބޭންކުން ދަނީ އެ ބޭންކުގެ ޚިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރުމުގެ ގޮތުން އިތުރު ބްރާންޗުތަކާއި ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ ތައް ގާއިމު ކުރަމުންނެވެ.

ބީއެމްއެލް އިން ބުނީ، އެ ބޭންކް އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ. އެގޮތުން އެ ބޭންކުން ދަނީ، މުޅި ރާއްޖެއަށް އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތް ދެމުންނެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު ރާއްޖޭގެ 20 އަތޮޅުގައި ބީއެމްއެލްގެ 29 ބްރާންޗް، 76 އޭޓީއެމް، 3900 ޕީއޯއެސް މަރޗަންޓުން، 177 ކޭޝް އޭޖެންޓުން، 16 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ އަދި 5 ދޯނި ބޭންކިންގ ޔުނިޓުގެ ހިދުމަތް ގާއިމުކޮށްފައިވެއެވެ.

comment ކޮމެންޓް