ދ. އަތޮޅު މަދަރުސާގެ އެންމެ މޮޅު ދަރިވަރަކަށް ސުއްފަ

ދ. އަތޮޅު މަދަރުސާގެ މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމް ހޯދި ސުއްފަ އަށް ރަސްމިއްޔާތުގެ ޝަރަފްވެރި މެހްމާން ރައްޔިތުން މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމު އިނާމު ހަވާލުކޮށްދެއްވަނީ --- ސަން ފޮޓޯ/ އައްސަދު

ދ. މީދޫގައި ހުންނަ އެ އަތޮޅު މަދަރުސާގެ މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ދ. މީދޫ، ބިއްލޫރިވިލާ، ފާތިމަތު ސުއްފަ ޝަފީގު ހޯދައިފި އެވެ.

މިދިޔަ އަހަރު ސްކޫލުގެ ކެޕްޓަންގެ މަގާމު އަދާކުރި ސުއްފަ ވަނީ މިދިޔަ އަހަރުގެ ކެބްރިޖް އޯލެވެލް އިމްތިހާނުގައި ކެމިސްޓްރީން އޭ ސްޓާ ފާހަކާއި ފަސް މާއްދާއިން އޭ ފާސް އަދި ދެ ބީ ފާސް ހޯދައިގެން ގައުމީ ގަދަ ދިހައެއްގެ ހަތަރު ވަނަ ހޯދާފަ އެވެ.

މެޑިސިންގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ސުއްފަ މިހާރު ދަނީ ގްރޭޑް އެގާރައިގައި ތައުލީމު ހާސިލު ކުރަމުންނެވެ. ސުއްފަ ވަނީ އެ ސްކޫލުން މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން ހުރިހާ މާއްދާއަކުން ފާސްވި ހަމައެކަނި ދަރިވަރުގެ މަގާމާއެކު އެ ސްކޫލުން މިހާތަނަށް އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ދަރިވަރުގެ ޝަރަފު ވެސް ހޯދާފަ އެވެ.

ސުއްފަ އަށް އިނާމާއި އެވޯޑުތައް ހަވާލުކޮށްދެއްވީ އެ ޖަލްސާގެ ޝަރަފްވެރި މެހްމާން އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމު މުހައްމަދެވެ.

މީގެ އިތުރުން ރޭގެ ރަސްމިއްޔާތުގައި އޯލެވެލް އަދި އޭލެވެލް އިމްތިހާނުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށާއި އެކި މުބާރާތްތަކުން ސްކޫލަށް ރީތި ނަން ހޯދައިދިން ދަރިވަރުންގެ އިތުރުން ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރެއްވި ޓީޗަރުންގެ އަގު ވަޒަންކޮށް އެވޯޑް ދީފައިވެ އެވެ.

އެގޮތުން، ދ. އަތޮޅު މަދަރުސާއިން ވަނީ މާލޭގައި ބޭއްވި 18 ވަނަ މައިލޯ އިންޓަސްކޫލް އެތްލެޓިކްސް ޗެމްޕިއަންޝިޕްގައި ފާހަގަކޮށްލެވޭ ވަނަތަކެއް ހޯދާފައެވެ.

ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސިޔާމް ވިދާޅުވީ، ދުނިޔެ ތަރައްގީ ވުމަށް އެންމެ ބޭނުންވާ އެއްޗަކީ އިންސާނުން ތަރައްގީކުރުން ކަމަށާއި ރާއްޖެއަކީ މާގިނަ މީހުން އުޅޭ ގައުމަކަށް ނުވާހިނދު ރައްޔިތުންނަށް ތައުލީމް ދޭންޖެހޭ ކަމަށެވެ.

އަދި ވިދާޅުވީ، މިއަދުގެ މުޖުތަމައުއިން ކުޑަކުދިން ތިބޭ ތަންތަނުގައި މީހުންނަށް މަލާމާތާއި ފުރައްސާރަކޮށް ބޭއަދަބީ ވާހަކަދައްކާ ކަމަށެވެ. އެގޮތުން ބެލެނިވެރިން ތަރުބިއްޔަތު ވެގެން ނޫނީ ޅަ ދަރިން ތަރުބިއްޔަތު ވެގެންނެއް ނުދާނެ ކަމަށް ވިދާޅުވި އެވެ.

"ކޮންމެ ބެލެނިވެރިއަކު ވެސް ދެކެން ބޭނުންވާ އެ ދުވަސް [އެ ބެލެނިވެރިއެއްގެ ކުއްޖާ އެއްވަނަ ހޯދާ ދުވަސް] ބޭނުންނަމަ ޕްރީ ސްކޫލުން ފެށިގެން ކުއްޖާއަށް އަޅާލައި އޯގާތެރިވެ ބަސްމޮށުމަށް އާލާކޮށް އެ ކުއްޖާ ބޮޑެތި މީހުންނާއި މުދައްރިސުންނާއި ގާތްތިމާގެ އަވަށްޓެރިންނަށް ކަމޭހިތަން ދަސްކޮށްދޭންޖެހޭ،" ސިޔާމް ވިދާޅުވި އެވެ.

ފައުންޑޭޝަނުން ފެށިގެން އޭލެވެލް ބިޒްނަސް ސްޓްރީމް ކިޔަވައިދެމުން އަންނަ ދ. އަތޮޅު މަދަރުސާ އިން މިދިޔަ އަހަރު އޯލެވެލް އިމްތިހާނުގައި 20 ދަރިވަރުން ބައިވެރިވެފައިވެ އެވެ. އަދި އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން ފަސް މާއްދާއިން ފާސްވި ނިސްބަތަކީ 10 ޕަސެންޓެވެ. މިއީ 2014 ވަނަ އަހަރާ އަޅާބަލާއިރު 16 ޕަސެންޓުގެ ދަށްވުމެކެވެ.

ނަމަވެސް، 250 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުން އަންނަ އަދި ބީޓެކް ވެސް ކިޔަވައިދެމުން އަންނަ ދ. އަތޮޅު މަދަރުސާއިން ވަނީ މިއަހަރުގެ އޯލެވެލް އިމްތިހާނުގައި ފަސް މާއްދާއިން ފާސްވާ ކުދިންގެ ނިސްބަތް 60 ޕަސެންޓަށް އިތުރުކުރުމަށް އަޒުމު ކަނޑައަޅާފަ އެވެ.

comment ކޮމެންޓް