ޕީޕީއެމްގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް މައުމޫން ޖަލްސާއެއް ބާއްވަނީ

ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް -- ސަން ފައިލް ފޮޓޯ/ފަޔާޒު މޫސާ

ޕީޕީއެމްގެ ފަސްވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިމަހުގެ 31 ވަނަ ދުވަހުގެ ރޭ އާއްމު ޖަލްސާއެއް ބާއްވަވާނެ ކަމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި މައުމޫން ވިދާޅުވީ ޕީޕީއެމްގެ ހުރިހާ މެމްބަރުންވެސް އެ ޖަލްސާގައި ބައިވެރިވެރިވުމަށް ދައުވަތު އަރުވާ ކަމަށެވެ.

މައުމޫން ޕީޕީއެމްގެ އާއްމު ޖަލްސާއެއް މިމަހު ބާއްވާނެ ކަމަށް ވިދާޅުވެފައިވަނީ އެމަނިކުފާނާއި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާ ދެމެދު ޚިޔާލު ތަފާތުވުން އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ.

ރައީސް މައުމޫނާއި ރައީސް ޔާމީނާ ދެމެދު ޚިޔާލު ތަފާތުވުންތަކެއް އުފެދުނީ، ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް ސަރުކާރުން ފާސްކުރަމުންދާ ބައެއް ގާނޫނުތަކާ މެދު މައުމޫން ހިތްހަމަޖެހިވަޑައި ނުގަންނަވާތީއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމް މެމްބަރުން ބައެއް ބިލުތަކަށް ތާއީދުކޮށް ވޯޓު ދިނުމަށް ރައީސް ޔާމީން އަންގަވާފައިވާ އިރު، އެ ބިލުތަކަކީ ޕީޕީއެމްގެ އަސާސީ ގަވައިދާ ޚިލާފު ބިލްތަކެއް ކަމަށް ވިދާޅުވެ، ވޯޓު ނުދެއްވުމަށް ވެސް މައުމޫން އަންގަވާފައިވެއެވެ. އޭގެ ތެރޭގައި ބިޑު ކުރުމެއް ނެތި ރަށްރަށާއި ފަޅުތައް ކުއްޔަށްދޭ ގޮތަށް ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހާއި، އަބުރު ރައްކާތެރިކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު ހިމެނެއެވެ.

comment ކޮމެންޓް