ކީޕަރު އިމްރާން: ރާއްޖޭގެ ވަރުގަދަ ފަހުލަވާނެއް

މިދިޔަ އަހަރުގެ ސާފް ސުޒުކީ ކަޕްގެ ގުރޫޕް ސްޓޭޖް ފަހު މެޗުގައި ރާއްޖެ އާއި އަފްގާނިސްތާނު ކުޅުނު މެޗުގައި ކީޕަރު އިމްރާން --- ސަން ފޮޓޯ: އިމޭޖްސް. އެމްވީ

ފާއިތުވެދިޔަ 17 އަހަރު ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ގޯލް ބަލަހައްޓަމުންދިޔަ ގޯލްކީޕަރު އިމްރާން މުހައްމަދަކީ ވަރުގަދަ ބަޠަލެކެވެ. އެކަން ހުރިހާ ދިވެހިންވެސް ބަލައިގަންނާނެ އެވެ. ކީޕަރު އިމްރާނަކީ ފުޓްބޯޅައިގައި އެތައް ފަހަރަކު ރާއްޖެ ސަލާމަތްކޮށްދިނުމުގައި ފާހަގަކޮށްލެވޭ ވަރުގަދަ ފަހުލަވާނެކެވެ.

އިއްޔެއަކީ ރާއްޖޭގެ ފުޓްބޯޅަ އަދި ކުޅިވަރަށް ވެސް ލިބުނު ވަރަށް ހިތާމަވެރި ދުވަހެކެވެ. އިއްޔެއަކީ ގައުމީ ޓީމުގެ އެއް ތަނބު ގެއްލިގެންދިޔަ ދުވަހެވެ. އިއްޔެއިން ފެށިގެން ދެން ގައުމީ ޓީމުގެ ގޯލަކުން އިމްރާން މުހައްމަދެއް ނުފެންނާނެ އެވެ. ކީޕަރު އިމްރާން ވަނީ ގައުމީ ޓީމުން ރިޓަޔާކޮށްފައެވެ.

އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަންގެ ޕްލޭއޯފް ފުރަތަމަ ލެގުގައި ރާއްޖެ އާއި ލާއޯސް ބައްދަލުކުރި މެޗަށްފަހު ކީޕަރު އިމްރާން، ކޯޗު ސްޓެވާޓް އާއި އެސިސްޓަންޓް ކޯޗު އިންމައާއެކު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިމްރާންގެ ފުޓްބޯޅަ ކެރިޔަރު ފެށިތާ މާގިނަ ދުވަސްތަކެއް ނުވެ، އޭނާ ވަނީ ގައުމީ ޓީމުން ޖާގަ ހޯދައިފައެވެ. އޭނާއަށް އެ ފުރުސަތު ލިބިފައިވަނީ 1999 ވަނަ އަހަރު ކްލަބު އީގަލްސް އަށް ކުޅެމުން ދަނިކޮށެވެ. އޭރު އިމްރާން ގައުމީ ޓީމަށް ނެގި އިރު، އެ ޓީމުގެ އެއް ނަންބަރު ކީޕަރުގެ މަގާމު އަދާކުރަމުންދިޔައީ އޭރުގެ ހުނަރުވެރި ކީޕަރު އިސްހާގު އީސާ އެވެ.

ގައުމީ ޓީމުގެ އެއް ނަންބަރު ކީޕަރުގެ މަގާމު ހޯދުމަށް އިމްރާނަށް އޭރު ވާދަކުރަން ޖެހުނީ ރާއްޖޭގެ ލެޖެންޑް ކީޕަރު އިސްހާގާއެވެ. އޭރު އޭނާ ވެސް ދިޔައީ ގައުމީ ޓީމަށް މޮޅު ކުޅުމެއް ދައްކަމުންނެވެ. އޭރަކީ ރާއްޖޭގެ އެއް ނަންބަރު ކީޕަރުގެ މަގާމަށް އެންމެ ވާދަވެރިކަން ބޮޑު ދުވަސްވަރެވެ. އޭނާގެ ބުރަ މަސައްކަތާއި ވަރުގަދަ އަޒުމާއެކު އޭނާ ވަނީ އިސްހާގު އަތުން އެއް ނަންބަރު ކީޕަރުގެ މަގާމު ވެސް އެންމެ ފަހުން ހޯދައިފައެވެ.

އިމްރާން އެންމެ ފުރަތަމަ ފެނިގެންދިޔައީ އަވަށްޓެރި ގައުމުތަކަށް ދައުވަތުދީގެން 2000 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ގޯލްޑަން ޖުބިލީ ފުޓްބޯޅަ މުބާރާތުންނެވެ. އެ މުބާރާތުގެ ރިހި މެޑެއްޔެއް ރާއްޖެ އިން ހޯދި އިރު، ރާއްޖެ ސަލާމަތްކޮށްދިނުމުގައި އެންމެ ބުރަކޮށް އުޅުނީ ކީޕަރު އިމްރާނެވެ. އެ މުބާރާތުން އޭނާ ވަނީ ރާއްޖެއަށް ކާމިޔާބީ ކުރިމަގެއްގެ ފޮނި ހުވަފެން ދައްކުވައިދީފައެވެ.

އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަންގެ ޕްލޭއޯފް ފުރަތަމަ ލެގުގައި ރާއްޖެ އާއި ލާއޯސް ބައްދަލުކުރި މެޗަށްފަހު އިމްރާން އާއި ގައުމީ ޓީމުގެ އިތުރު ކުޅުންތެރިންތަކެއް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އދ. މަހިބަދޫ އަށް އުފަން ކީޕަރު އިމްރާނަށް ހޯދުނު އެންމެ ބޮޑު ކާމިޔާބަކީ ރާއްޖެ އަށް ހޯދައިދިން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ރަން މެޑެއްޔެވެ. އެ މުބާރާތުގައި ރާއްޖޭން ވިދާލި އަލީ އަޝްފާގު (ދަގަނޑޭ) އާއި، މުޚްތާރު ނަސީރު (ޓޫކިލޯ)، އިބްރާހިމް ފަޒީލް (އޮއްޕޮ) ފަދަ ކުޅުންތެރިންނާއެކު ކީޕަރު އިމްރާންގެ ނަން ވެސް ފާހަގަކޮށްލެވުނެވެ.

ގައުމީ ޓީމަށް އިމްރާން ކުޅުން ހުއްޓާލި ނަމަވެސް، ކްލަބު ލެވެލް ފުޓްބޯޅައިން އޭނާ އަދި ފެންނާނެ އެވެ. މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ގޯލް ބަލަހައްޓަމުންދާ އިމްރާން ވަނީ ކްލަބު އީގަލްސް އާއި، ވިކްޓަރީ ސްޕޯޓްސް ކްލަބާއި، ވީބީ ސްޕޯޓްސް ކްލަބު އަދި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ވެސް ކުޅެފައެވެ. އެއިން ކޮންމެ ކްލަބެއްގައި ވެސް އޭނާގެ މޮޅު ކުޅުން ދައްކައި، ގިނަ ކާމިޔާބީތަކެއް ހޯދާފައިވެ އެވެ.

މިއަދު ރާއްޖޭގެ ކޮންމެ ޒުވާން ގޯލްކީޕަރެއް ވެސް މިސާލެއްގެ ގޮތުގައި އިމްރާން ދެކެން އެބަޖެހެ އެވެ. ޒުވާން ކީޕަރުންނަށް ޖާގަ ދިނުމަށް ގައުމީ ޓީމުން ރިޓަޔާކުރި ކީޕަރު އިމްރާނަކީ އަހުލާގީ ގޮތުން ބެލި ނަމަވެސް ދެވަނައެއް ނެތް މިސާލެކެވެ. ރާއްޖޭގައި އުފެދުނު އަހުލާގީގޮތުން އެންމެ ރަނގަޅު ކުޅުންތެރިންގެ ތެރޭގައި ކީޕަރު އިމްރާން ހިމެނެ އެވެ.

އިމްރާން ދިވެހި ޓީމަށް ކުޅެދިން އެންމެ ފުރަތަމަ ބައިނަލްއަގުވާމީ މެޗުގެ ތެރެއިން --- ފޮޓޯ: އިމްރާން

ގައުމީ ޓީމަށް އެހީތެރިވުމުގައި އިމްރާން ފެނުމަކީ ގާތް ކަމެކެވެ. ނަމަވެސް ދެން އޭނާއެއް ގައުމީ ޓީމުގެ ގޯލަކުން ނުފެންނާނެ އެވެ. އިމްރާންގެ ބަދަލުގައި ހުނަރުވެރި ޒުވާން ކީޕަރެއް ތަމްރީންކުރަން ޖެހެ އެވެ. އެކަން ވާނީ ވެސް އިމްރާންގެ ތަޖުރިބާއަށް ބަލައިގެންނެވެ. އިމްރާންގެ ކެރިޔަރަކީ އިބުރަތްތަކެއް ކަމަށް ދެކިގެންނެވެ.

ގައުމީ ޓީމުގެ ގޯލު އިމްރާން ދޫކޮށްލާފައިވަނީ ރާއްޖެއަށް އެންމެ ރަނގަޅު ކުޅުން ދެއްކުމަށްފަހު އެވެ. އޭނާ އެ ދިޔައީ ގިނަ ކާމިޔާބީތަކެއް ހޯދުމަށްފަހު އެވެ. މިއީ ރިޓަޔާކުރަން އެންމެ ރަނގަޅު ވަގުތު ކަމުގައި އިމްރާން ދެކެ އެވެ. ހުނަރުވެރި ޒުވާން ކީޕަރުންތަކެއް ރާއްޖޭގައި ތިބިކަމަށް އިމްރާން ގަބޫލުކުރެ އެވެ. މިހާރު މިވަނީ އެ ޒުވާން ކީޕަރުންގެ އަޖުމަ ބަލަން ޖެހޭ ވަގުތު އައިސް ޖެހިފައެވެ. އެއާއެކު ކީޕަރު އިމްރާނަށް އައްސަރިބަހާއި ސާބަސް ދޭން ޖެހެ އެވެ. ކީޕަރު އިމްރާން ޝުކުރު އަދާކުރަން ޖެހެ އެވެ.

comment ކޮމެންޓް