ލޭބަލްކޮށްފައި ނުވާ ކާބޯތަކެތި އެތެރެކުރުން ހުއްޓުވުމަށް މަސައްކަތްތަކެއް ފަށައިފި

ބަޔަކު ފިހާރައެއްގެ ތެރޭގައި ބައެއް ޕްރޮޑަކްޓްތައް ބަލަނީ -- ސަން ފައިލް ފޮޓޯ

ރާއްޖެއަށް އެތެރެ ކުރާ ކާބޯތަކެތީގެ ލޭބަލްގައި ފުރިހަމަ ކުރަން ޖެހޭ ޝަރުތުތަކާ އެއްގޮތަށް ލޭބަލްކޮށްފައި ނުވާ ކާބޯތަކެތި އެތެރެކުރުން ހުއްޓުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަސައްކަތްތަކެއް ފަށައިފި އެވެ.

އެމްއެފްޑީއޭއިން ނެރުނު އިއުލާނެއްގައިވާ ގޮތުން ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ކާބޯތަކެތީގެ ލޭބަލްގައި ހުންނަން ޖެހޭ ޝަރުތުތަކާއި މިންގަނޑުތައް ކަނޑައަޅައި އިއުލާންކޮށްފައިވީ ނަމަވެސް، ލޭބަލްކޮށްފައި ނުވާ އަދި ލޭބަލް ފުރިހަމަ ނުވާ ކާބޯތަކެތި އެތެރެ ކުރުން ވަނީ އިތުރުވެފައެވެ.

އެހެންކަމުން ރާއްޖެއަށް އެތެރެ ކުރާ ކާބޯތަކެތީގެ އަސްލު ދެނެގަތުމަށާއި، ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި "މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތް ކުރުމާއި ބެހޭ ގަވާއިދު" އަދި "ބަންދުކޮށްފައިވާ ކާބޯތަކެތި ލޭބަލް ކުރުމުގެ ގައުމީ މިންގަނޑަށް" ރާއްޖެއަށް އެތެރެ ކުރާ ކާބޯތަކެތީގެ ލޭބަލަށް ފެތޭތޯ ބަލައި، އެގަވާއިދުތަކަށް ނުފެތޭ ކާބޯތަކެތި އެތެރެކުރާ ފަރާތްތަކަށް އެކަން އިސްލާހު ކުރުމަށް މައުލޫމާތު ފޯރުކޮށް ދޭނެ ކަމަށް އެމްއެފްޑީއޭގެ އިއުލާނުގައިވެ އެވެ.

ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ ލޭބަލްގައި ހުންނަން ޖެހޭ ޝަރުތުތައް ކަމަށް އެމްއެފްޑީއޭއިން ކަނޑައަޅާފައިވާ ޝަރުތުތަކުގެ ތެރޭގައި ކާބޯތަކެތީގެ ލޭބަލްގައި ދިވެހި ނުވަތަ އިނގިރޭސި ބަހުން ލިޔެފައި ހުރުން، އެއުފެއްދުމުގެ ނަމާއި، އުފެއްދި ގައުމާއި، މުއްދަތު ހަމަވާ ތާރީހާއި، ބެޗް ނުވަތަ ލޮޓު ނަމްބަރާއި، އެކުލެވިގެންވާ ބާވަތްތަކާއި، ބަރުދަން ނުވަތަ މިންވަރު އަދި އުފެއްދުމުގެ މުއްދަތު ހަމަވާ ތާރީހު ބަލާފައި ވަނީ އުފެއްދި ތާރީހުން ފެށިގެން ނަމަ އުފެއްދި ތާރީހުވެސް ފާހަގަކޮށްފައި ހުރުން ހިމެނެ އެވެ.

comment ކޮމެންޓް