ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން، އިންޑިއާގެ ޓާޓާ ކުންފުންޏާ ހަވާލުކޮށްގެން މާލޭގައި އިމާރާތްކޮށްފައިވާ ފްލެޓްތައް ދޫކުރުމުގައި، އެކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކެއްވެސް ހިމެނޭގޮތަށް، ފްލެޓްދޫކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން، މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރަށާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް އަންގައިފިއެވެ.
އޭސީސީން ބުނީ، ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން މާލޭގައި އިމާރާތްކޮށްފައިވާ ފްލެޓްތައް ހަވާލުކުރާނޭ ފަރާތްތައް ކަނޑައެޅުމުގައި، ހައުސިންގ މިނިސްޓްރީން ކަނޑައަޅާފައިވާ ބައެއް އުސޫލުތަކާ ޚިލާފަށް އަމަލުކޮށްފައިވާކަން އެ ކޮމިޝަނުން ބެލި ބެލުމުން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން މީގެ ތިން އަހަރު ކުރީން ފްލެޓް ލިބޭނެކަން ޔަގީންވާ 266 ފަރާތެއް ކަނޑައަޅާފައި ވާއިރު އޭގެތެރޭން ބައެއް ފަރާތްތަކުގެ ހައްގުތައް ގެއްލޭގޮތަށް ބައެއް ކަންކަން ކުރިއަށް ގެންގޮސްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އަރަބިއްޔާ ސްކޫލް ކުރިން ހުރި ބިމުގައި އިންޑިއާގެ ޓާޓާ ކުންފުނިން އިމާރާތްކޮށްފައިވާ ފްލެޓްތައް -- ސަން ފޮޓޯ
ފްލެޓަށް ޝަރުތު ހަމަވެ، މާލެއިން ފްލެޓް ލިބޭނޭކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ މެދުގައި ހަމަހަމަކަން ގެއްލޭގޮތަށް ވަކި ބަޔަކަށް މަންފާ ލިބޭގޮތަށް އަދި ވަކިފަރާތްތަކެއްގެ ހައްގު ގެއްލޭގޮތަށް އަމަލުކުރެވިފައިވާ ކަމަށް އެ ކޮމިޝަނަށް ފާހަގަކުރެވޭތީ، ފްލެޓް ލިބޭނޭކަމަށް މީގެ ކުރީން ކަނޑައަޅާފައިވާ 266 ފަރާތްވެސް ހިމެނޭގޮތަށް ފްލެޓް ދޫކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ހައުސިން މިނިސްޓްރީއާއި އެޗްޑީސީއަށް އަންގާފައިވާނޭކަމަށް އޭސީސީން ބުންޏެވެ.
ކުރިން އަރަބިއްޔާ ހުރި ބިމުގައި ހަދާފައިވާ ފްލެޓްތަކާއި ގާކޮށިގައި ހަދާފައިވާ ފްލެޓްތައް ލިބޭނޭ ފަރާތްތަކުގެ ގުރުއަތުލުމުގައި މައްސަލަތަކެއް ހުރިކަމަށް ބުނެ، އޭސީސީއަށް ހުށަހެޅުނު ޝަކުވާއަކާ ގުޅިގެން އެ ކޮމިޝަނުން ވަނީ އެމައްސަލަ ބަލައި، ފާހަގަކުރެވުނު ބައެއްކަންކަން ރަނގަޅުކުރުމަށް ފަހު ޝަރުތު ހަމަވާ އެންމެނަށްވެސް ހަމަހަމަ ފުރުސަތު ލިބޭގޮތަށް ފްލެޓްދިނުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އަންގައިފައެވެ.

އަރަބިއްޔާ ސްކޫލް ކުރިން ހުރި ބިމުގައި އިންޑިއާގެ ޓާޓާ ކުންފުނިން އިމާރާތްކޮށްފައިވާ ފްލެޓްތައް -- ސަން ފޮޓޯ
އޭސީސީން ބުނީ، ފްލެޓްތަކަށް ކުރިމަތިލުމަށް ހުޅުވާލައި، މީގެ ތިން އަހަރު ކުރީން ޝަރުތު ހަމަވާ ފަރާތްތަކަށް ލިޔުން ހަވާލުކުރި އިރުވެސް، އެ ފްލެޓްތަކަށް ފައިސާ ދެއްކުމަށް ދެވޭނީ ފަސް އަހަރު ދުވަސްކަމަށް ކުރީން ބަޔާންކޮށްފައި ނުވާ ކަމަށެވެ.
މާލޭގައި އިމާރާތްކޮށްފައިވާ ފްލެޓްތަކުގެ އަގަކީ، ދެ މިލިއަން ރުފިޔާ ކަމަށާއި އެފައިސާ ފަސް އަހަރު ދުވަހުގެ ތެރޭގައި ދެއްކޭނޭ ފަރާތްތަކަށް ފްލެޓް ދިނުމުގައި އިސްކަން ދޭނޭކަމަށް އަންގައި ހައުސިން މިނިސްޓްރީން ފޮނުވި ސިޓީއާ ހަވާލުވެފައި ވަނީ 228 ފަރާތަކުން ކަމަށާއި އެކި ސަބަބުތަކާހު 38 ފަރާތަކުން ސިޓީއާ ހަވާލު ނުވާކަމަށާއި ހަވާލުވި ފަރާތްތަކުގެ ތެރޭން 18 ފަރާތަކުން ސިޓީއަށް ޖަވާބު ދީފައި ނުވާކަންވެސް އޭސީސީން ފާހަގަކޮށްފައި ވެއެވެ.
ފަސް އަހަރު ދުވަހުގެ ތެރޭގައި ފައިސާ ދެއްކޭނޭކަން ބަޔާންކޮށް ހައުސިން މިނިސްޓްރީއަށް ޖަވާބުދިން 149 ފަރާތެއް ހިމެނޭ ގޮތަށް ގުރުއަތުލުމުގެ ކަންތައް ކުރިއަށް ގެންދިއުމަށް އެޗްޑީސީއަށް، ހައުސިން މިނިސްޓްރީން ފޮނުވި ލިސްޓުގައި، ފަސް އަހަރު ދުވަހުގެ ތެރޭގައި ފައިސާ ދެއްކޭނޭ ކަމަށް ބަޔާންކޮށްފައި ނުވާ ފަރާތްތައްވެސް ހިމަނާފައިވާކަމަށް އޭސީސީން ބުންޏެވެ.

އަރަބިއްޔާ ސްކޫލް ކުރިން ހުރި ބިމުގައި އިންޑިއާގެ ޓާޓާ ކުންފުނިން އިމާރާތްކޮށްފައިވާ ފްލެޓްތައް -- ސަން ފޮޓޯ
ފައިސާ ދައްކާނޭ ތަފްސީލް ހުށަނާޅާ ބައެއް ފަރާތްތަކަށް ފައިސާ ދައްކާނޭ ގޮތުގެ ތަފްސީލް ހުށަހެޅުމުގެ ފުރުސަތު މިނިސްޓްރީން ފަހުން ދީފައިވާ ކަމަށް، ހައުސިން މިނިސްޓްރީގެ މުވައްޒަފުން ބުނާ ކަމަށާއި ސިޓީ ހުށަހެޅުމުގެ މުއްދަތުގެ ތެރޭގައި މިނިސްޓްރީން މައުލޫމާތު ސާފުކުރުމަށް އެދި ހުށަހަޅާފައިވާ ސިޓީތަކަށް މިނިސްޓްރީން ޖަވާބުދީފައި ނުވުމުން އެފަރާތްތަކަށް ގޮތެއް ނިންމައި ފައިސާ ދެއްކޭނެތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގެ ފުރުސަތު ގެއްލިފައިވާކަން ވެސް އޭސީސީން ފާހަގަކޮށްފައި ވެއެވެ.
އޭސީސީން ބުނީ، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން މެދުވެރިކޮށް ފްލެޓްތަކަށް ފައިސާ ދެއްކޭނޭ ފަސޭހަ އިންތިޒާމެއް ސަރުކާރުން މިހާރު ހަމަޖައްސާފައިވާތީ، ފްލެޓް ލިބޭނޭކަމަށް ކުރިން ކަނޑައަޅާފައިވާ ފަރާތްތަކުގެ ހައްގުތައް ނުގެއްލޭގޮތަށް ފްލެޓް ދޫކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް މިދިޔަ އަންގާރަ ދުވަހު ހައުސިން މިނިސްޓްރީއާއި އެޗްޑީސީއަށް އަންގާފައިވާނޭ ކަމަށެވެ.