ރެއިންބޯއިން ހުޅުމާލޭގައި އަޅާ "އޯޝަންފްރަންޓް ރެސިޑެންސް" ފްލެޓުތައް ގަތުމުގެ ފުރުސަތު ހުޅުވާލައިފި

ރެއިންބޯ ކޮންސްޓްރަކްޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކޮންސްޓްރަކްޝަންގެ މަސައްކަތް ކުރާ ރެއިންބޯ ކޮންސްޓްރަކްޝަނުން ހުޅުމާލޭގެ ވޯޓާފްރަންޓުގައި އަޅާ "އޯޝަންފްރަންޓް ރެސިޑެންސް"ގެ އެޕާޓްމެންޓުތައް ގަންނަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ހުޅުމާލޭގައި 145 އެޕާޓްމެންޓު ހިމެނޭ އެޕާޓްމެންޓް ކޮމްޕްލެކްސްއެއް އެޅުމަށް ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ރެއިންބޯ ކޮންސްޓްރަކްޝަނާ ހަވާލުކުރީ މިދިޔަ އޯގަސްޓް މަހުގެ ކުރީކޮޅުއެވެ.

ރެއިންބޯގެ ހެޑް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރެއިންބޯ ކޮންސްޓްރަކްޝަނުގެ މެނޭޖިންގ ޑިރެކްޓަރު މާޒިން އިބްރާހިމް ވިދާޅުވީ ރެއިންބޯއިން ހުޅުމާލޭ ފެރީ ޓާމިނަލްއާ ވަރަށް ކައިރީގައި ތަރައްގީކުރާ 145 ފްލެޓުގެ އޯޝަންފްރަންޓް ރެސިޑެންސް އެޕާޓްމެންޓް ކޮމްޕްލެކްސްގައި މައިގަނޑު ގޮތެއްގައި ދެ ޓަވަރެއް ހުންނާނެ ކަމަށެވެ.

ޓަވަރު އޭ

  • ތިން ކޮޓަރީގެ 12 އެޕާޓްމެންޓު
  • ދެ ކޮޓަރީގެ 30 އެޕާޓްމެންޓު
  • އެއް ކޮޓަރީގެ ހަ އެޕާޓްމެންޓު
  • ނުވަ ޕެންޓްހައުސް
  • ޓެރަހުގައި އިންފިނިޓީ ޕޫލެއް (ދެ ޓަވަރު ދޭތެރެއަށް ވާ ގޮތަށް)
  • ފުލީ އިކުއިޕްޑް ޖިމެއް
  • ފުލީ އިކުއިޕްޑް ކިޑްސް ކްލަބެއް
  • ބޭސްމެންޓްގައި ވެހިކަލް ޕާކު ކުރެވޭނެ އިންތިޒާމު
  • ކޮންމެ ފްލޯއަކަށް ގާބޭޓް ޗޫޓް އެކްސެސް

"ޓަވަރު އޭ" ގެ އެޕާޓްމެންޓުތަކުގެ އަގު އުޅެނީ 3.7 މިލިޔަނާއި 5.5 މިލިޔަން ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ. އަދި ޕެންޓްހައުސްތަކުގެ އަގު އުޅެނީ 6.5 މިލިޔަން ރުފިޔާގައެވެ.

އޯޝަންފްރަންޓް ރެޒިޑެންސްގެ ޓެރަހުގެ ކުރެހުމެއް --

ޓަވަރު ބީ

  • ތިން ކޮޓަރީގެ 55 އެޕާޓްމެންޓު
  • ދެ ކޮޓަރީގެ 33 އެޕާޓްމެންޓު
  • ޓެރަހުގައި އިންފިނިޓީ ޕޫލެއް
  • ފުލީ އިކުއިޕްޑް ޖިމެއް
  • ފުލީ އިކުއިޕްޑް ކިޑްސް ކްލަބެއް
  • ބޭސްމެންޓްގައި ވެހިކަލް ޕާކު ކުރެވޭނެ އިންތިޒާމު
  • ކޮންމެ ފްލޯއަކަށް ގާބޭޓް ޗޫޓް އެކްސެސް

ޓަވަރު ބީގައި ހުންނަ ތިން ކޮޓަރީގެ އެޕާޓްމެންޓުތައް އުޅޭނީ 3.3 މިލިޔަން ރުފިޔާއާއި 3.4 މިލިޔަން ރުފިޔާއާ ދެމެދުގައެވެ. އަދި ދެ ކޮޓަރީގެ އެޕާޓްމެންޓުތަކުގެ އަގުތައް އުޅޭނީ 2.4 މިލިޔަން ރުފިޔާއާއި 2.5 މިލިޔަން ރުފިޔާއާ ދެމެދުގައެވެ.

"ޓަވަރު އޭ" ގައި 12 ފަންގިފިލާ ހުންނަ އިރު، "ޓަވަރު ބީ" ގައި ހުންނާނީ 11 ފަންގިފިލާއެވެ. ޓަވަރު އޭގެ ޕޫލް ހުންނާނީ ޓަވަރު ބީގެ ޓެރަހާ ގުޅުވާފައެވެ.

ރެއިންބޯ ކޮންސްޓްރަކްޝަންގެ މެނޭޖިންގް ޑިރެކްޓަރ މާޒިން އިބްރާހިމް ވިދާޅުވީ، އޯޝަންފްރަންޓް ރެސިޑެންސްގެ އެޕާޓްމެންޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި ކަމަށެވެ. އެ އެޕާޓްމެންޓްތަކަށް ކުރިމަތިލުމަށް ހުށަހަޅަންޖެހޭ ފޯމާއި، އެޕާޓްމެންޓުތަކުގެ މައުލޫމާތު އޯޝަން ފްރަންޓް ރެޒިޑެންސްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

އޯޝަންފްރަންޓް ރެޒިޑެންސްގެ ކުރެހުމެއް --

ކޮންމެ ދުވަހަކު ހެނދުނު 8:30 އިން ހަވީރު 5:00 އަށް ރެއިންބޯ ކޮންސްޓްރަކްޝަނުން ފޯމު ބަލައިގަންނާނެ ކަމަށް މާޒިން ވިދާޅުވިއެވެ.

އެ ފްލެޓުތަކަށް ފައިނޭންސް ކުރުމުގެ ކަންކަން، ބޭންކް އޮފް މޯލްޑިވްސް، މޯލްޑިވްސް އިސްލަމިކް ބޭންކް އަދި ހައުސިންގ ޑިވެލޮޕްމެންޓް އެންޑް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) މެދުވެރިކޮށް ކުރިޔަށް ގެންދެވޭނެ ގޮތް ރެއިންބޯއިން ވަނީ ހަމަޖައްސައިފައެވެ.

"މި ތިން ބޭންކުގެ އިތުރުން ކްލަޔަންޓަކު ބޭނުން ނަމަ އެހެން ބޭންކަކުން ފައިނޭންސް ހޯދުމުގެ ފުރުސަތު އޮންނާނެ،" މާޒިން ވިދާޅުވިއެވެ.

މާޒިން ވިދާޅުވީ އެ ފްލެޓުތަކުގައި، ވެންޓިލޭޝަން އަދި ލައިޓިންގ އަށް ވަރަށް ބޮޑަށް އިސްކަން ދީފައި ހުންނާނެ ކަމަށާއި، ކޮމްޕްލެކްސް ޕްލޭނު ކޮށްފައިވާނީ ވަރަށް ބޮޑަށް ހުސް ޖާގަ ވެސް ލިބޭ ގޮތަށް ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވަނީ މިތާގައި ދިރިއުޅޭ މީހުންނަށް ރަނގަޅު ފެސިލިޓީތަކެއް ގާއިމުކޮށްދޭން. ޓެރަހަކީ ވެސް އޯޝަންފްރަންޓް ވިއު ލިބޭ ވަރަށް ހިތްގައިމު ޓެރަހެއް. ހުރިހާ ރެސިޑެންޓްސްއަށް ވެސް އެކްސެސް ލިބޭ ގޮތަށް ޕޫލާއި ޖިމްއާ ވެސް އެކު ހުންނާނީ،" މާޒިން ވިދާޅުވިއެވެ.

އޯޝަންފްރަންޓް ރެޒިޑެންސް ހުންނާނެ ތަން --

އޭނާ ވިދާޅުވީ އޮކްޓޫބަރު 15 ވަނަ ދުވަހު އޯޝަންފްރަންޓް ރެސިޑެންސްގެ ތަފްސީލީ ޑިޒައިން ފާސްކުރުމަށް ހުށަހަޅާނެ ކަމަށާއި، އެ ޑިޒައިން ފާސްވާ ދުވަހުން ފެށިގެން 28 މަސް ދުވަހުގެ ތެރޭގައި އެޕާޓްމެންޓް ކޮމްޕްލެކްސް ނިންމާނެ ކަމަށެވެ.

މިއީ ރެއިންބޯއިން ކުރިޔަށް ގެންދާ ހަވަނަ ރިއަލް އެސްޓޭޓް މަޝްރޫއެވެ. މީގެ ކުރިން ރެއިންބޯއިން ވަނީ ހުޅުމާލޭގައި ތިން އެޕާޓްމެންޓް ކޮމްޕްލެކްސްގެ މަސައްކަތާއި 20 ރޯހައުސްގެ މަސައްކަތް ކޮށްފައެވެ. އަދި މާލޭގައި 15 ބުރީގެ ލަގްޒަރީ ކޮންޑޮމީނިއަމެއް ހަދައި، ރެއިންބޯއިން ދަނީ އެތަނުގެ އެޕާޓްމެންޓުތައް ވިއްކަމުންނެވެ.

comment ކޮމެންޓް