ޖަޔަލަލިތާގެ ޒިންމާތައް ޓެމިލް ނާޑޫގެ ފިނޭންސް މިނިސްޓަރާ ހަވާލުކޮށްފި

ޖަޔަލަލިތާގެ ސިއްހީ ހާލަތާ ބެހޭ ގޮތުން ޓަމިލް ނާޑޫގައި ދަނީ ތަފާތު މައުލޫމާތު ފަތުރަމުން -- ފޮޓޯ: އޭއެފްޕީ

މުމްބާއީ (އޮކްޓޯބަރު 12): އިންޑިއާގެ ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު ޖަޔާރަމް ޖަޔަލަލިތާގެ ސިއްހީ ހާލު ގޯސްވުމުގެ ސަބަބުން ޖަޔަލަލިތާގެ ޒިންމާތައް އޭނާގެ އަރިސް ފަރާތެއް ކަމަށްވާ ޓަމިލް ނާޑޫގެ ފިނޭންސް މިނިސްޓަރު، އޯ ޕަނީރުސެލްވަމްއާ ހަވާލުކޮށްފި އެވެ.

ޖަޔަލަލިތާގެ ޒިންމާތައް ޕަނީރުސެލްވަމްއާ ހަވާލުކުރި ނަމަވެސް ޗީފް މިނިސްޓަރުގެ ގޮތުގައި ހުންނަވާނީ ޖަޔަލަލިތާ ކަމަށާއި އެ ޒިންމާތައް ފިނޭންސް މިނިސްޓަރާ ހަވާލު ކުރީ ޖަޔަލަލިތާގެ އެދުމުގެ މަތިން ކަމަށް ޓަމިލް ނާޑޫގެ ގަވަރުނަރު ވިދުޔާސަގަރު ރާއޯ ވިދާޅުވި އެވެ.

ޖަޔަލަލިތާގެ ޒިންމާތައް ހަވާލު ކޮށްފައި ވަނީ އޭނާގެ އެދުމުގެ މަތިން ކަމަށް ފާހަގަކޮށްފައި ވަނީ ޖަޔަލަލިތާ ހަމަހޭގައި އޮތް ކަން އަންގައި، އޭނާގެ ސިއްހީ ހާލަތާ ބެހޭ ގޮތުން ދޮގު މައުލޫމާތު ފެތުރުން ހުއްޓުވުމަށްޓަކައި ކަމަށް ސިޔާސީ އެނަލިސްޓަކު ވިދާޅުވި އެވެ.

ޖަޔަލަލިތާގެ އޭއައިއޭޑިއެމްކޭ ޕާޓީގެ ތަރުޖަމާނަކު ވަނީ ޕާޓީގެ ނިންމުންތައް ނިންމާނީ ހަމައެކަނި ޗީފް މިނިސްޓަރު ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ޖަޔަލަލިތާ ކުޑަ ދުވަސްކޮޅަކަށް އަރާމު ކުރުމަށް ޑޮކްޓަރު އެންގުވުމުން ޕަނީރުސެލްވަމްއާ ޒިންމާތައް ހަވާލު ކުރީ ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ. އަދި ޕަނީރުސެލްވަމް އަކީ ވަރަށް ތެދުވެރި މީހެއް ކަމަށްވެސް ތަރުޖަމާނު ފާހަގަ ކުރެއްވި އެވެ.

މިދިޔަ މަހުގެ 22 ވަނަ ދުވަހު ހޮސްޕިޓަލުގައި އެޑްމިޓް ކުރި ޖަޔަލަލިތާގެ ބައްޔާ ބެހޭ ގޮތުން އޮފިޝަލުން މައުލޫމާތު ހާމަ ނުކުރުމުގެ ސަބަބުން އޭނާގެ ސިއްހީ ހާލަތާ ބެހޭ ގޮތުން އިތުބާރު ނުހިފޭ ވާހަކަ ފެތުރުން ވަނީ އާއްމުވެފައެވެ.

އަދި ޖަޔަލަލިތާގެ ސިއްހީ ހާލަތު ގޯސް ކަމަށް ބުނެ ހަބަރު ފަތުރައިފި ނަމަ އޭނާއަށް ތާއިދު ކުރާ މީހުން އަމިއްލަ ނަފްސަށް އަނިޔާ ކުރުން ނުވަތަ ހަމަނުޖެހުން އުފެއްދުން ފަދަ ކަންތައް ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.

އެހެންކަމުން އިއްޔެ ޗެންނާއީގެ ފުލުހުން ވަނީ ޖަޔަލަލިތާގެ ސިއްހީ ހާލަތާ ބެހޭ ގޮތުން ދޮގު ހަބަރު ފެތުރި ދެ މީހަކު ހައްޔަރުކޮށްފައެވެ. (ބީބީސީ)

comment ކޮމެންޓް