މުމްބާއީ (އޮކްޓޯބަރު 11): އިންޑިއާގެ ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު ޖަޔާރަމް ޖަޔަލަލިތާގެ ސިއްހީ ހާލަތާ ބެހޭ ގޮތުން ދޮގު ހަބަރު ފެތުރި ދެ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
މިދިޔަ މަހުގެ 22 ވަނަ ދުވަހު ހޮސްޕިޓަލުގައި އެޑްމިޓް ކުރި ޖަޔަލަލިތާގެ ބައްޔާ ބެހޭ ގޮތުން އޮފިޝަލުން މައުލޫމާތު ހާމަ ނުކުރުމުގެ ސަބަބުން އޭނާގެ ސިއްހީ ހާލަތާ ބެހޭ ގޮތުން އިތުބާރު ނުހިފޭ ވާހަކަ ފެތުރުން ވަނީ އާއްމުވެފައެވެ.
އަދި ޖަޔަލަލިތާގެ ސިއްހީ ހާލަތު ގޯސް ކަމަށް ބުނެ ހަބަރު ފަތުރައިފި ނަމަ އޭނާއަށް ތާއިދު ކުރާ މީހުން އަމިއްލަ ނަފްސަށް އަނިޔާ ކުރުން ނުވަތަ ހަމަނުޖެހުން އުފެއްދުން ފަދަ ކަންތައް ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.
އެހެންކަމުން މިއަދު ޗެންނާއީގެ ފުލުހުން ވަނީ ޖަޔަލަލިތާގެ ސިއްހީ ހާލަތާ ބެހޭ ގޮތުން ފޭސްބުކުގައި ދޮގު މައުލޫމާތު ފެތުރި އިންޖިނިއަރަކު ހައްޔަރުކޮށްފައެވެ. އަދި ޖަޔަލަލިތާ ފަރުވާ ހޯއްދަވަމުން ގެންދަވާ ހޮސްޕިޓަލުގެ އޮފިޝަލަކު އޭނާއާ ބެހޭ ގޮތުން ވާހަކަ ދައްކާ އަޑު އިވޭ ކަމަށް ބުނާ އޯޑިއޯ ކްލިޕެއް އަމިއްލަ ވެބްސައިޓަކަށް އަޕްލޯޑު ކުރި ޓެކްނީޝަނަކުވެސް ހައްޔަރުކޮށްފައެވެ.
ޖަޔަލަލިތާ އެޑްމިޓުކޮށްފައިވާ އެޕޯލޯ ހޮސްޕިޓަލުން އެންމެ ފުރަތަމަ ބުނީ އޭނާއަށް ފަރުވާ ދެނީ ހުންއައިސް ގައިގައި ފެން މަދުވުމުން ކަމަށެވެ. ނަމަވެސް މިމަހުގެ ތިން ވަނަ ދުވަހު ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައިވާ ގޮތުން ޖަޔަލަލިތާ ވަނީ ނޭވާލާން ފަސޭހަކޮށްދޭ މެޝިނަކާ ގުޅާފައެވެ. އަދި އޭނާއަށް ވަނީ އެންޓިބައޮޓިކްސް ދީފައެވެ.
ޖަޔަލަލިތާ އަށް ފަރުވާ ދެމުން ގެންދަނީ އިނގިރޭސިވިލާތުން ގެނައި ހާއްސަ ޑޮކްޓަރެކެވެ.
އިންޑިއާގެ ސޯޝަލް މީޑިއާގައި ދާދި ފަހުން ވަނީ ޖަޔަލަލިތާ ކަމަށް ގިނަ ބަޔަކު ބުނާ އައިސީޔޫގައި އޮތް މީހެއްގެ ފޮޓޯއެއް އާއްމުވެފައެވެ. ނަަމަވެސް ފަހުން އެނގުނު ގޮތުގައި އެއީ ޕެރޫގެ ހޮސްޕިޓަލެއްގައި ނަގާފައިވާ ފޮޓޯއެކެވެ. (ބީބީސީ)