ދިވެހި ރާއްޖޭގައި މިހާތަނަށް ޝައްކުކުރެވޭ 55 މީހަކު ޒިކާއަށް ޓެސްޓްކޮށްފައިވާއިރު އޭގެން އެއްވެސް މީހެއްގެ ގައިން ޒިކާ ފެނިފައިނުވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް އިބްރާހިމް އަފްޒަލް މިއަދު ސަން އަށް ވިދާޅުވީ، ޒިކާއަށް މިއަދާ ހަމައަށް 112 ސާމްޕަލް ނަގާފައިވާއިރު އޭގެ ތެރެއިން 55 ސާމްޕަލްގެ ނަތީޖާ ލިބިފައިވާ ކަމަށެވެ. އެ އެންމެންވެސް ޒިކާއަށް ނެގަޓިވް ކަމަށް އަފްޒަލް ވިދާޅުވިއެވެ.
އަތޮޅުތެރޭން ވަކި ސަރަހައްދުތަކެއް ކަނޑައަޅައި ސާމްޕަލް ނަގައިގެން ގެނެސް ޓެސްޓް ކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށްވެސް އަފްޒަލް ވިދާޅުވިއެވެ.
މިހާތަނަށް ރާއްޖެއިން ޒިކާ ވައިރަސްގެ އަލާމަތެއް ނުފެނުނު ނަމަވެސް އެއީ އީޑީސް މަދިރީގެ ޒަރިއްޔާއިން ޖެހޭ ބައްޔަކަށް ވުމުން އެނުރައްކާ ރާއްޖެއަށް އެބައޮތް ކަމަށް އަފްޒަލް ވިދާޅުވިއެވެ.
"އީޑީސް މަދިރި ރާއްޖޭގައި އުޅޭކަމަށް ވަންޏާ ރާއްޖެ އަންނަ މީހެއްގެ ކިބައިން އެހެން މީހެއްގެ ގަޔަށް ވައިރަސް އަރާފާނެ،" އަފްޒަލް ވިދާޅުވިއެވެ.
ރާއްޖެއައި ތިން މީހަކު އެނބުރި ގައުމަށް ދިޔަ ފަހުން ޒިކާ ވައިރަހަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި ޒިކާ ވައިރަސް ރާއްޖޭގައި އުޅޭ މިންވަރު ބެލުމަށް، ހުން އައިސްގެން ޑޮކްޓަރަށް ދައްކާ ބަލިމީހުންނަށް ކުރެވޭ ތަހުލީލުތަކުގެ ތެރޭގައި ޒިކާ ވައިރަސްއަށް ޓެސްޓް ކުރަން ފަށާފައިވާ ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.
ޒިކާ ވައިރަސް ޖެހުމުން ގާތްގަނޑަކަށް 80 ޕަސެންޓު މީހުންގެ ގައިން އެއްވެސް އަލާމާތެއް ނުފެނެ އެވެ. ބައެއް މީހުންގެ ގައިން ފެންނަ އަލާމާތްތަކުގެ ތެރޭގައި ހުންއައުމާއެކު ގައިން ރަތްކުލައިގެ ކުދި ބިހިތަކެއް ނެގުމާއި ލޯރަތްވުން، ގައިގައިރިއްސުން، ބޮލުގައިރިއްސުން އަދި ހުޅުތަކުގައި ރިއްސުން ހިމެނެ އެވެ.
ނަމަވެސް މާބަނޑު އަންހެނުންނަށް ޒިކާ ވައިރަސް ޖެހުމުން ބަނޑުގައި އޮންނަ ދަރިފުޅަށް މައިކްރޯސެފަލީ ކިޔާ ކޮންޑިޝަނެއް ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް އެމެރިކާގެ ސެންޓާސް ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ)ން ބުނެފައިވެއެވެ. މައިކްރޯސެފަލީ އަކީ ތުއްތުކުއްޖާގެ ސިކުނޑިއާއި ބޮލުގެ ނާށިގަނޑު ރަނގަޅަށް އާލާނުވެ އުފަންވުމަށް ކިޔާ ނަމެކެވެ.