އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ ގައުމީ އެތުލެޓިކްސް މުބާރާތުގެ އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ)ގެ ހަސަން ޝައްމޫން ހޮވުނު އިރު، އެންމެ މޮޅު އަންހެން އެތުލީޓަކަށް ރަނާސް މޯލްޑިވްސްގެ މަރިޔަމް އަބްދުލް ކަރީމް (މަރީ) ހޮވިއްޖެއެވެ.
މިއަދު ހަވީރު ނިމިގެންދިޔަ އެ މުބާރާތުގެ އެންމެ މޮޅު ފިރިހެން އަދި އަންހެން އެތުލީޓުގެ މަގާމަށް ގިނަ އެތުލީޓުންތަކެއް ވާދަކޮށްފައިވެއެވެ.
އެންމެ މޮޅު ފިރިހެން އެތުލީޓުގެ މަގާމު ޝައްމޫނަށް ލިބުނީ އޭނާގެ ޕާފޯމަންސަށް ބަލައިފައެވެ. ޝައްމޫން ތިން ރަން މެޑެލް ހޯދި އިރު، ޑީއެސްސީގެ ހުސައިން ފަޒީލް ހާރޫން ވެސް ތިން ރަން މެޑެލް ހޯދި އެވެ. އެހެންކަމުން އެ މަގާމު ހޮވަން ޖެހުނީ ދެ އެތުލީޓުންގެ ޕާފޯމަންސަށް ބަލައިގެންނެވެ.
އެންމެ މޮޅު އެތުލީޓުގެ މަގާމު ހޯދި ޝައްމޫން ވަނީ ޑިސްކަސް އާއި ޖަވެއިލިން އަދި ޝޮޓްޕުޓް އުކުމުން ރަން މެޑެއްޔެއް ހޯދައިފަ އެވެ. އޭނާއާ އެންމެ ކައިރިން ވާދަކުރި ފަޒީލް ވަނީ 800 މީޓަރާއި 5000 މީޓަރު އަދި 1500 މީޓަރު ދުވުމުން ރަން މެޑެއްޔެއް ހޯދައިފަ އެވެ.
އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމަށް މަރީ ހޮވުނީ އިތުރު ދެ ދުވުންތެރިންނާ ވާދަކޮށްގެންނެވެ. އެއީ ކަސްޓަމްސް ރެކްރިއޭޝަން ކްލަބުގެ އަފާ އިސްމާއިލް އާއި އެ ކްލަބުގެ ނަޝާ ނިޒާރެވެ. މުބާރާތުގައި މަރީ ތިން ރަން މެޑެލް ހޯދި އިރު، އަފާ އަށް ހޯދިފައިވަނީ ދެ ރަން މެޑެލް އާއި ރިހި މެޑެއްޔެކެވެ. އަދި ނަޝާ އަށް ހޯދިފައިވަނީ ރަން މެޑެއްޔަކާއި ދެ ރިހި މެޑެއްޔެވެ.
އެންމެ މޮޅު އަންހެން އެތުލީޓަކަށް ހޮވުނު މަރީ ވަނީ 800 މީޓަރާއި 5000 މީޓަރު އަދި 1500 މީޓަރުގެ ރަން މެޑެލް ހޯދައިފައެވެ. އަފާ 200 މީޓަރާއި ލޯންގް ޖަމްޕްގެ ރަން މެޑެލް ހޯދި އިރު، 100 މީޓަރު ދުވުމުގެ ރިހި މެޑެއްޔެއް ހޯދާފައިވެއެވެ. ނަޝާ 100 މީޓަރު ދުވުމުގެ ރަން މެޑެއްޔެއް ހޯދި އިރު، 200 މީޓަރާއި 400 މީޓަރު ދުވުމުގެ ރިހި މެޑެއްޔެއް ހޯދާފައިވެއެވެ.
އެ މުބާރާތުގެ އެންމެ މޮޅު ފިރިހެން ޓީމަކަށް 82 ޕޮއިންޓް ހޯދި ދިވެހި ސިފައިންގެ ކްލަބު ހޮވުނު އިރު، ދެ ވަނަ އަށް ހޮވުނީ 49 ޕޮއިންޓް ހޯދި ތިނަދޫ ޒުވާނުންގެ ކްލަބެވެ. އަދި ތިން ވަނަ އަށް ހޮވުނީ ފަސް ޕޮއިންޓް ހޯދި ކްލަބު ރައިވެރިޔާއެވެ.
މުބާރާތުގެ އެންމެ މޮޅު އަންހެން ޓީމަކަށް 46 ޕޮއިންޓް ހޯދި ކަސްޓަމްސް ރެކްރިއޭޝަން ކްލަބު ހޮވުނު ދެ ވަނަ އަށް ހޮވުނީ 23 ޕޮއިންޓް ހޯދި ޒިފިއަސް ސްޕޯޓްސް ކްލަބެވެ. އަދި ތިން ވަނަ އަށް ހޮވުނީ 23 ޕޮއިންޓް ހޯދި ރަނާސް މޯލްޑިވްސްއެވެ.