ފިރިހެނުންގެ 100 މީޓަރު އަދި 200 މީޓަރު ދުވުން ސާއިދު ކާމިޔާބުކޮށްފި

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު މި އަހަރުގެ އޮލިމްޕިކް ގޭމްސްގައި ދުވަނީ: އޭނާ ވަނީ މި އަހަރުގެ ގައުމީ މުބާރާތުގެ 100 މީޓަރު އަދި 200 މީޓަރު ދުވުން ކާމިޔާބުކޮށްފައި --- ފޮޓޯ: ރިއޯ2016

ގައުމީ އެތުލެޓިކްސް މުބާރާތުގެ ފިރިހެނުންގެ 100 މީޓަރު ދުވުމާއި 200 މީޓަރު ދުވުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ކާމިޔާބުކޮށްފި އެވެ.

ސާއިދު އަކީ ފިރިހެނުންގެ 100 މީޓަރު އަދި 200 މީޓަރު ދުވުމުގެ ގައުމީ ރެކޯޑު ދަމަހައްޓަމުންދާ ދުވުންތެރިޔާ އެވެ. ނަމަވެސް މި އަހަރުގެ ގައުމީ މުބާރާތުގައި ސާއިދު އަށް ގައުމީ ރެކޯޑު އާކުރެވިފައެއް ނުވެ އެވެ.

މިހާރު ކުރިއަށްދާ ގައުމީ އެތުލެޓިކްސް މުބާރާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ ބުރާސްފަތި ދުވަހު ފެށި އެ މުބާރާތުގެ 100 މީޓަރު ދުވުން ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ)ގެ ސާއިދު ކާމިޔާބުކޮށްފައިވަނީ 11.00 ސިކުންތުން ރޭސް ނިންމައިގެންނެވެ. އޭނާގެ ފަހަތުން ދެ ވަނަ ހޯދި ތިނަދޫ ޒުވާނުންގެ ކްލަބުގެ ސަރީސް އަހްމަދު 11.38 ސިކުންތުން ރޭސް ނިންމި އިރު، ތިން ވަނަ ހޯދި ތިނަދޫ ޒުވާނުންގެ ކްލަބުގެ އަޒްނީމް އަހްމަދު ރޭސް ނިންމާފައިވަނީ 11.45 ސިކުންތުންނެވެ.

އެ މުބާރާތުގެ 200 މީޓަރު ދުވުން ސާއިދު ކާމިޔާބުކޮށްފައިވަނީ 22.45 ސިކުންތުން ރޭސް ނިންމައިގެންނެވެ. އޭނާގެ ފަހަތުން ދެ ވަނަ ހޯދި ތިނަދޫ ޒުވާނުންގެ ކްލަބުގެ ސަރީސް އަހްމަދު 23.36 އިން ރޭސް ނިންމި އިރު، ތިން ވަނަ ހޯދި ޑީއެސްސީގެ ހުސައިން އިނާޝް ރޭސް ނިންމާފައިވަނީ 23.39 ސިކުންތުންނެވެ.

މިހާރު ކުރިއަށްދާ ގައުމީ އެތުލެޓިކްސް މުބާރާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސާއިދު 100 މީޓަރު ދުވުމުގެ ގައުމީ ރެކޯޑު ހަދާފައިވަނީ މި އަހަރު އެމްވީޕީ ޓްރެކް އެންޑް ފީލްޑް މީޓިންގައި ދުވެ، 10.33 ސިކުންތުން ރޭސް ނިންމައިގެންނެވެ. އަދި 200 މީޓަރު ދުވުމުގެ ގައުމީ ރެކޯޑު އޭނާ ހަދާފައިވަނީ މި އަހަރު ޖޭއޭއޭއޭ އޯލް ކޮމާސް ޓޫގައި ދުވެ، 20.81 ސިކުތުން ރޭސް ނިންމައިގެންނެވެ.

މިއަދު ހަވީރު ނިމިގެންދާ ގައުމީ އެތުލެޓިކްސް މުބާރާތުގެ އަންހެނުންގެ 200 މީޓަރު ދުވުން ކާމިޔާބުކޮށްފައިވަނީ ކަސްޓަމްްސް ރެކްރިއޭޝަން ކްލަބުގެ އަފާ އިސްމާއިލް އެވެ. އެ އިވެންޓުގައި ދުވެ، 26.86 ސިކުންތުން ރޭސް ނިންމައި 200 މީޓަރު ދުވުން ކާމިޔާބުކުރި ނަމަވެސް، އޭނާ ދަމަހައްޓަމުންދާ ރެކޯޑު މުގުރާލެވިފައެއް ނުވެ އެވެ. އަފާ 200 މީޓަރު ދުވުމުގެ ރެކޯޑު ހަދާފައިވަނީ މި އަހަރުގެ އޮލިމްޕިކް ގޭމްސްގައި ދުވެ، 24.96 ސިކުންތުން ރޭސް ނިންމައިގެންނެވެ.

މިހާރު ކުރިއަށްދާ އަންހެނުންގެ 200 މީޓަރު ދުވުން ކާމިޔާބުކުރި އަފާ އިސްމާއިލް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަފާގެ ފަހަތުން 200 މީޓަރު ދުވުމުން ދެ ވަނަ ހޯދާފައިވަނީ ކަސްޓަމްސް ރެކްރިއޭޝަން ކްލަބުގެ ނަޝާ ނިޒާރެވެ. އޭނާ 27.02 ސިކުންތުން ރޭސް ނިންމި އިރު، ތިން ވަނަ ހޯދި ޒިފިއަސް ސްޕޯޓްސް ކްލަބުގެ މިރުފަތު އާދަމް ރޭސް ނިންމާފައިވަނީ 27.76 ސިކުންތުންނެވެ.

އަންހެނުންގެ 100 މީޓަރު ދުވުން ކާމިޔާބުކޮށްފައިވަނީ ކަސްޓަމްސް ރެކްރިއޭޝަން ކްލަބުގެ ނަޝާ ނިޒާރެވެ. އޭނާ ރޭސް ނިންމާފައިވަނީ 13.18 ސިކުންތުންނެވެ. އޭނާގެ ފަހަތުން ދެ ވަނަ ހޯދި އަފާ 13.21 ސިކުންތުން ރޭސް ނިންމި އިރު، ތިން ވަނަ ހޯދި ޒިފިއަސް ސްޕޯޓްސް ކްލަބުގެ މިރުފަތު އާދަމް ރޭސް ނިންމީ 13.38 ސިކުންތުންނެވެ.

comment ކޮމެންޓް