ފަލަސްތީނުގެ ރައީސް އައްބާސް ހޮސްޕިޓަލުގައި އެޑްމިޓްކޮށް، ހިތުގެ ޓެސްޓެއް ހަދައިފި

ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ----

ރާމަﷲ (އޮކްޓޯބަރު 6): ވަރުބަލިފުޅުވާ ކަމުގެ ޝަކުވާތަކެއް ކުރެއްވުމުން ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ރާމަﷲގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށް ހިތުގެ ޓެސްޓުތަކެއް ހަދާފައިވާ ކަމަށް ފަލަސްތީނުގެ މަސްދަރުތަކުން ބުނެފިއެވެ.

މަހްމޫދު އައްބާސްގެ އޮފީހުން ދިން މަސްދަރަކާ ހަވާލާދީ ޒިންހުއާ ނިއުސްގައި ބުނެފައިވަނީ، އުމުރުން 81 އަހަރުގެ އައްބާސް އޮފީހުގައި މަސައްކަތްކުރައްވަމުން ގެންދަވަނިކޮށް ވަރަށް ބޮޑަށް ވަރުބަލިފުޅުވެ ވަޑައިގަތް އޮފީހަށް ޑޮކްޓަރަކު ގެންނެވި ކަމަށެވެ.

ޑޮކްޓަރު ބެއްލެވުމަށްފަހު އިތުރު ޓެސްޓުތަކެއް ހެއްދެވުމަށް ލަފާ ދެއްވުމުން ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ނަން ހާމަނުކޮށް މައުލޫމާތުދިން އެ މަސްދަރުން ބުންޏެވެ. މަހްމޫދު އައްބާސް އަދިވެސް އޮންނެވީ ހޮސްޕިޓަލުގައެވެ.

އައްބާސް ގެންދެވި ހޮސްޕިޓަލުގެ ޑޮކްޓަރަކާ ހަވާލާދީ ރޮއިޓާސް އިން ބުނީ، އައްބާސް ހޮސްޕިޓަލަށް ގެނެސް ތުނި ޕްލާސްޓިކް ޓިއުބެއް ހަށިގަނޑުގެ ނާރެއްގެ ތެރެއަށް ވައްދައިގެން ހިތުގައި އެއްވެސް ބުލޮކެއް އުޅޭތޯ ބެލުމަށް ހަދާ ކާޑިއެކް ކެތެޓެރައިޒޭޝަން އެއް ހައްދަވާފައިވާ ކަމަށެވެ.

ހުރިހާ ކަމެއް ވެސް ނޯމަލް ކަމަށާއި ކުރިއަށް އޮތް ދެ ގަޑިއިރެއްގެ ތެރޭގައި ހޮސްޕިޓަލުން ދޫކޮށްލާނެ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް ރޮއިޓާސްގައި ރިޕޯޓްކޮށްފައިވެއެވެ.

ފަލަސްތީން ރައީސްގެ ތަރުޖަމާނާ ހަވާލާދީ އެގައުމުގެ ރަސްމީ ނިއުސް އެޖެންސީ ވަފާ އިން ބުނީ، އައްބާސްގެ ސިއްހީ ހާލުކޮޅު ވަރަށް ރަނގަޅު ކަމަށެވެ.

ރިޔާސީ އިންތިހާބުގައި ފަލަސްތީނުގެ ކުރީގެ ރައީސް ޔާސިރު އަރަފާތު ބަލިކުރައްވައި ފަލަސްތީނުގެ ރައީސްކަމާ 2005 ވަނަ އަހަރު ހަވާލުވެވަޑައިގަތް އައްބާސް ވަނީ 2008 ވަނަ އަހަރާއި 2005 ވަނަ އަހަރު ވެސް ހިތުގެ ޓެސްޓުތަކެއް ހައްދަވާފައެވެ.

comment ކޮމެންޓް