ތ. ވަންދޫއިން ގެއްލިގެން ހޯދަމުން ދިޔަ މީހަކު ވަލުތެރޭ މަރުވެފައި އޮތްވައި ފެނިއްޖެ

ތ. ވަންދޫ

ތ. ވަންދޫގައި ގެއްލިގެން ހޯދަމުންދިޔަ އުމުރުން ދުވަސްވީ މީހަކު އެރަށު ވަލުތެރޭގައި މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

އެކަން ފުލުހުން ވަނީ "ސަން" އަށް ކަށަވަރުކޮށްދީފަ އެވެ.

ފުުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެރަށުން 81 އަހަރުގެ މީހަކު ގެއްލިގެން ފުލުހުންނަށް މިރޭ 7:50 ހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އޭނާ ހޯދަމުންދަނިކޮށް އޭނާގެ ހަށިގަނޑު އެރަށު ވަލުތެރޭގައި އޮއްވައި ފެނުނީ މިރޭ 9:00 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.

ވަންދޫ ކައުންސިލުގެ ރައީސް މުހައްމަދު ޒިޔާދު "ސަން" އަށް މިރޭ ވިދާޅުވީ ގެއްލިގެން ހޯދަމުންދަނިކޮށް މަރުވެފައި އޮތްވާ ފެނިފައިވަނީ އެރަށު އަހުމަދު ހުސެއިން (ހުސެއިންބެ) ކަމަށެވެ. އަދި އޭނާ އަކީ ހެނދުނު ހޭލައިގެން ގޭގެއަށް ގޮސް އުޅޭ ހިތްހެޔޮ މީހެއް ކަމަށާއި ނަމަވެސް މިއަދު ހެނދުނު ނުފެންނަ ކަމަށެވެ.

"އާއްމުކޮށް ހެނދުނު ގަޑީގައި ގޭގެއަށް ގޮސް ހާލު ބަލައި ހަދާނެ. ދެން މިއަދު ހެނދުނު އެއްވެސް ގޮތަކަށް ނުފެންނާތީވެ އެވާހަކަ ރަށު ތެރޭގައި ދެއްކި. އިޝާ ނަމާދަށްފަހު ވެސް ނުފެނިގެން އޭނާ ހޯދުމަށް ކައުންސިލުން އެންގީ. ކައިރި ހުރި ރަށްރަށަށް ދިޔަތޯ ވެސް ބެލިން،" ވަންދޫ ކައުންސިލުގެ ރައީސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ހުސެއިންބެ މަރުވެފައި އޮތްވާ ފެނުނީ ވަލުތެރޭން ކަމަށާއި އޭނާ ވަލަށްދިޔައީ ވަލުތެރޭ ހެދިފައި އޮންނަ ގަސްތައް ކަޑަން ކަމަށް ބެލެވޭ ކަމަށެވެ. އަދި ވަލުތެރޭގައި އޭނާ ވެއްޓިފައި އޮތްތަނުން ގަސްކަޑަން އޭނާ ގެންގުޅުނު ވަޅިވެސް ފެނިފައިވާ ކަމަށް ކައުންސިލުން ބުނެއެވެ.

ޒިޔާދު ވިދާޅުވީ، ހުސެއިންބެއަކީ ހަކުރުބަލި ވަރަށް ގަދަޔަށް ހުންނަ މީހެއް ކަމުން މަރުވީ ސްޓްރޯކެއް ޖެހިގެންކަމަށް ބެލެވޭ ކަމަށެވެ. އަދި އޭނާ މަރުވި މައްސަލަ ފުލުހުން ތަހުގީގު ކޮށް ނިމުމުން އޭނާ ވަޅުލުމުގެ ކަންތައް ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.

comment ކޮމެންޓް