މޮރޮކޯގެ ރަސްކަން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ގޮވާލައި ރައްޔިތުން މުޒާހަރާކުރަން ފަށައިފި

ރަބާތް : ޢަރަބި ބައެއް ޤައުމުތަކަށް ދަސްތޫރީ އަދި ދިމުޤްރާތީ އިސްލާޙްތައް ގެނައުމަށް ގޮވާލައި އެޤައުމުތަކުގެ ރައްޔިތުން ކުރަމުން ގެންދާފަދަ ސުލްޙަވެރި މުޒާހަރާތަކެއް މޮރޮކޯ (މަޣްރިބް) ގެ ރައްޔިތުންވެސް ފުޅާދާއިރާއެއްގައި ފަށައިފިއެވެ.

އުތުރު އެފްރިކާގެ ޢަރަބި ޤައުމެއް ކަމަށްވާ މޮރޮކޯގެ ބޮޑެތި ރައްތައް ކަމަށްވާ ރިބާތު، އައްދާރުލްބައިޟާ، ތަންޖާ، އަދި އާސިފީ ގައި އެތަށް ހާސްބަޔަކު އިއްޔެވަނީ އެޤައުމުގެ ސަރުކާރު ވައްޓާލުމަށާއި ރަސްކަމުގެ ނިޒާމު ދިމުޤްރާތީ ދަސްތޫރީ ނިޒާމަކަށް ބަދަލުކުރުމަށް ގޮވާލައި މުޒާހަރާކޮށްފައެވެ.

މޮރޮކޯގެ ރައްޔިތުން މިދިޔަ ފެބްރުއަރީމަހުވެސް މިފަދަ މުޒާހަރާތަކެއް ފެށިއެވެ. ނަމަވެސް ސަރުކާރުންވަނީ ބާރުގެ ބޭނުންކޮށްގެން އެމުޒާހަރާތައް ހުއްޓުވައި އެކަމުގެ ފަހަތުގައިވާ އެކްޓިވިސްޓުން ހައްޔަރުކޮށްފައެވެ. އިއްޔެ މުޒާހަރާތަކުގެ ކުރިން މިދިޔަ ބުރާސްފަތި ދުވަހުވެސް މަޣްރިބްގެ ރައްޔިތުން ސަރުކާރާ ދެކޮޅަށް މުޒާހަރާތަކެއް ފެށިއެވެ. ނަމަވެސް ސަލާމަތީ ބާރުތަކުން ބާރުގެ ބޭނުންކުރުމުން އެކަކު މަރުވެ އެތަށް ބަޔަކު ޒަޚަމްވެފައިވެއެވެ.

މޮރޮކޯގެ ބޮޑެތި ރައްތަކުގައި އިއްޔެ ކުރި މުޒާހަރާތަކާ ދެކޮޅަށް ސަލާމަތީ ބާރުތަކުން މާބޮޑަށް ބާރުގެ ބޭނުންކޮށްފައެއްނުވެއެވެ. ނަމަވެސް ބައެއް ރައްރަށުގައި ކުރެވުނު މުޒާހަރާތައް ރޫޅާލުމަށް ފުލުހުން ކަރުނަ ގޭސްފަދަ ތަކެތި ބޭނުންކުރިއިރު އަނެއްބައި ރައްރަށުގައި މުޒާހަރާތައް ހުއްޓުވުމަށް ފުލުހުން އެއްވެސް މަސައްކަތެއް ނުކުރެއެވެ.

20 ފެބްރިއަރީގެ ޒުވާނުންގެ ނަމުން ނަންދެވިފައިވާ މޮރޮކޯގެ އެކްޓިވިސްޓުން ބުނާގޮތުން އެޤައުމުގެ ރަސްކަމުގެ ނިޒާމު ދިމުޤްރާތީ ބަރުލަމާނީ ދަސްތޫރީ ނިޒާމަކަށް ބަދަލުކުރަންދެން މުޒާހަރާތަކާއި އިޙްތިޖާޖްތައް ކުރިޔަށް ގެންދާނެއެވެ.

މޮރޮކޯގެ ރަސްގެފާނުވަނީ ރަސްކަމުގެ ނިޒާމު ބަރްލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ތާއީދުކުރައްވާކަން ހާމަކުރައްވައި މިދިޔަ މާޗްމަހު ޚިތާބެއް ދެއްވާފައެވެ. ނަމަވެސް މިޚިތާބުގައި ވިދާޅުވެފައިވާ ގޮތަށް ރަސްގެފާނު ޢަމަލު ނުކުރައްވާ ކަމަށް އިސްލާހްތަކަށް މަސައްކަތްކުރާ ފަރާތްތަކުން ބުނެއެވެ. -- އަލްޖަޒީރާ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު