މިދިޔަ އަހަރު ޔޫކްރޭން މަތިން އުދުހެމުން ދަނިކޮށް ވައްޓާލި މެލޭޝިއަން އެއާލައިންގެ އެމްއެޗް17 އަށް ހަމަލާ ދީފައިވަނީ ކޮން ބަޔަކު ކަން އަންނަ އަަހަރުގެ ކުރީކޮޅު ޔަގީންކުރެވޭނޭ ކަމަށް އޮސްޓްރޭލިއާއިން ބުނެފިއެވެ.
އޮސްޓްރޭލިއާ އަކީ އެމްއެޗް17 މަތިންދާ ބޯޓު ވައްޓާލި ހާދިސާއާ ގުޅިގެން އުފައްދާފައިވާ ތަޖުރިބާކާރުންގެ ތަހުގީގު ޓީމުގައި ބައިވެރިވާ ގައުމެކެވެ.
އޮސްޓްރޭލިއާގެ ބްރޯޑްކާސްޓިން ކޯޕަރޭޝަން އަށް އެގައުމުގެ ފޮރިން މިނިސްޓަރު ޖޫލީ ބިޝޮޕް މިއަދު ވިދާޅުވީ، އެމްއެޗް17 ވައްޓާލި ކަމުގެ ޒިންމާ ނަގަންޖެހޭ ފަރާތްތައް މި އަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު މުޅިން ކަށަވަރުވެ ޔަގީންކޮށް ހާމަކުރެވޭނެ ކަމަށެވެ. އަދި އެއަށްފަހު އެފަރާތްތަކުގެ މައްޗަށް ޝަރީއަތް ހިންގޭނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މެލޭޝިޔަން އެއާލައިންގެ ބޮއިން 777 ގެ އެމްއެޗް 17 މަތިންދާ ބޯޓް އެމްސްޓަޑެމްއިން ފުރައިގެން ކުއާލަލަމްޕޫރަށް ދިއުމަށް ޔޫކްރެއިންގެ އިރުމަތީ ސަރަހައްދުން އުދުހިފައި ދަނިކޮށް ހަމަލާދީ ވައްޓާލި ހާދިސާގައި ބޯޓުން ދަތުރުކުރި 298 މީހުން ވަނީ މަރުވެފައެވެ.
އޮސްޓްރޭލިއާގެ ފޮރިން މިނިސްޓަރު ވަނީ، ބޯޓް ވައްޓާލުމުގައި ބައިވެރިވާ މީހުން ޝަރީއަތުގެ ކުރިމައްޗަށް ހާޒިރު ކުރުމަށްޓަކައި ކުރިއަށް ގެންދާ ތަހުގީގަށް ރަޝިޔާގެ އެއްބާރުލުމަށް އެދިވަޑައިގެންފައެވެ.
އެ ފްލައިޓް ވައްޓާލި މައްސަލަ ތަހުގީގު ކުރުމަށް ނެދަލޭންޑު އިސްވެ އޮވެ އުފައްދާފައިވާ ތަހުގީގު ޓީމުން މިދިޔަ ބުދަ ދުވަހު ބުނީ، އެމްއެޗް17 ވައްޓާލާފައިވަނީ ރަޝިއާއިން އުފެއްދި މިސައިލަކުން ކަމަށެވެ. އަދި ބޯޓަށް ހަމަލާދިން މިސައިލް ޔޫކްރެއިނަށް އެތެރެކޮށްފައިވަނީ ރަޝިއާއިން ކަން ވެސް އޭނާ ވަނީ ޔަގީން ކޮށްދީފައިވެއެވެ.
މީގެ އިތުރުން، ބޯޓް ވައްޓާލުމަށް ބޭނުންކުރި މިސައިލް ޔޫކްރެއިންއަށް އެތެރެ ކުރުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ގަބޫލުކުރެވޭ ގާތްގަނޑަކަށް ސަތޭކައެއްހާ މީހުން ދެނެގަނެވިފައިވާ ކަމަށްވެސް ތަހުގީގު ޓީމުން ބުނެފައި ވެއެވެ.