އަންހެން ސިންގަލްސް ޗެމްޕިއަންކަން ވެސް ރަފާ ހޯދައިފި

ގައުމީ ޓީޓީ މުބާރާތުގެ ޑަބަލްސް ޗެމްޕިއަން ޓްރޮފީއާ ރަފާ ހަވާލުވަނީ: އޭނާ އަކީ މިހާރު ރާއްޖޭގެ އެއްވަނަ ޓީޓީ ކުޅުންތެރިޔާ --- ފޮޓޯ: ޓީޓީއޭއެމް

ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ 56 ވަނަ ގައުމީ ޓީޓީ މުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ރަފާ ނާޒިމް ހޯދައިފިއެވެ.

ސިންގަލްސް ޗެމްޕިއަންކަން ރަފާ ހޯދީ ފައިނަލްގައި ވޭތުވެދިޔަ 13 އަހަރުގެ ޗެމްޕިއަން މުއީނާ މުހައްމަދުގެ މައްޗަށް 4-2 ސެޓުން ކުރި ހޯދައިގެންނެވެ. ފައިނަލުން ރަފާ ޖާގަ ހޯދާފައިވަނީ ސެމީގައި ޝިއުރާ އަތުން 4-3 ސެޓުން މޮޅުވެގެންނެވެ.

މިދިޔަ އަހަރުގެ ފައިނަލްގައި މުއިނާ އަތުން ބަލިވި އުމުރުން އެންމެ 13 އަހަރުގެ ރަފާ ވަނީ މިއަހަރުގެ މުބާރާތުގުގައި އޭނާ ކުޅުނު ހުރިހާ ފައިނަލެއް ވެސް ކާމިޔާބް ކޮށްފައެވެ.

އަންހެން ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން ރާފާ އާއި ލައިޝާ ފަތުހުﷲ ހޯދީ ފައިނަލްގައި މުއީނާ މުހައްމަދާއި އައިމިނަތު ޝިއުރާ ޝަރީފްގެ ޕެއާގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ރަފާ ވަނީ މިކްސް ޑަބަލްސް ޗެމްޕިއަންކަމާއި 15 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން ވެސް ހޯދައިފައެވެ. މިކްސް ޑަބަލްސްގެ ފައިނަލުގައި މުއީނާ އާއި މޫސާ މުންސިފްގެ ޕެއާގެ މައްޗަށް 3-2 ސެޓުން ކުރި ހޯދައި ރަފާ އާއި ޒީސްތު ނަސީމްގެ ޕެއާ ވަނީ ޗެމްޕިއަންކަން ހޯދައިފައެވެ.

އަންހެނުންގެ 15 އަހަރުން ދަށުގެ ޗެމްޕިއަންކަން ރަފާ ހޯދީ ފައިނަލުގައި ލައިސާ އަތުން 3-1 ސެޓުން މޮޅުވެގެންނެވެ. ލައިސާ އަކީ ވެސް ސީނިއާ ލެވެލްގައި ވިދަމުން އަންނަ ޒުވާން ކުޅުންތެރިއެކެވެ. ލައިސާ ވަނީ ރަފާއާއެކު މިއަހަރުގެ ސައުތު އޭޝިއަން ޖޫނިއާ ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގެ 15 އަހަރުން ދަށުގެ ޑަބަލްސް ކެޓަގަރީން ރާއްޖެއަށް ރިހި މެޑެއްޔެއް ހޯދައިދީފައެވެ.

comment ކޮމެންޓް