ގއ. ގެމަނަފުށީ ނަރުދަމާ ނިޒާމުގެ ޑިޒައިން މަސައްކަތްތަކާއި ސާވޭގެ މަސައްކަތްތައް ކުރުމަށް އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުން އެމްޑަބްލިއުއެސްސީ އަށް ހަވާލުކޮށްފި އެވެ.
އެ މަސައްކަތް އެމްޑަބްލިއުއެސްސީ އަށް ރަސްމީކޮށް ހަވާލުކުރީ މިއަދު މެންދުރު އެ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޠާރިގު އިބްރާހީމް އެވެ. އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއުކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު އެވެ.
މިއަދު އެންވަޔަރަންމަންޓް މިނިސްޓްރީގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ
ސޮއިކުރެއްވުމަށް ފަހު ރަސްމިއްޔާތުގެ ބައިވެރިންނަށް މައުލޫމާތު ދެއްވަމުން އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިގް އިބްރާހީމް ވިދާޅުވީ، އެ މަސައްކަތް އެމްޑަބްލިއުއެސްސީ އަށް ހަވާލުކޮށްފައި ވަނީ އެ ކުންފުނީގެ ސީއެސްއާރުގެ ދަށުން މަސައްކަތް ކޮށްދޭގޮތަށް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ގިނަ ސަރަހައްދުތަކެއްގައި ފެނާއި ނަރުދަމާގެ ޕްރޮޖެކްޓްތައް ފަދަ ތަރައްގީގެ ގިނަ މަސައްކަތްތަކެއް ކުރިއަށްދާ އިރު، ކުންފުނިތަކުން ސީއެސްއާރުގެ ގޮތުގައި އެ މަސައްކަތްތައް ކޮށްދިނުމަކީ އެ މަސައްކަތްތައް ހަލުއިވެ، ޕްރޮޖެކްޓްތަކަށް ސަރުކާރުން ކުރަން ޖެހޭ ހަރަދުވެސް ކުޑަވެގެންދާނެ ކަމެއް ކަމަށެވެ.
"ސަރުކާރު ކުންފުނިތަކުގެ އަދި އަމިއްލަ ކުންފުނިތަކުގެ ވެސް އެހީގައި، އިރާދަކުރެއްވިޔާ ރައީސް އަބްދުﷲ ޔާމީން ޒައާމަތުގައި ރާއްޖޭގެ ގިނަ ރަށްތަކެއްގައި މިކަހަލަ ތަރައްގީގެ ގިނަ މަޝްރޫތަކެއް ހިންގިގެންދާނެ. މިއީ އަސާސީ ހިދުމަތަކަށް ވެފައި އެކަންކަން ކުރުމުގެ ގާބިލްކަން މިއަދުގެ ސަރުކާރުގައި އެބަހުރި،" މިނިސްޓަރު ވިދާޅުވި އެވެ.
މިއަދު އެންވަޔަރަންމަންޓް މިނިސްޓްރީގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ
އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ވިދާޅުވީ، ތިންމަސް ދުވަހުގެ ތެރޭގައި ޑިޒައިންގެ މަސައްކަތް ނިންމުމަށް ފަހު އެންވަޔަރަންމަންޓް މިނިސްޓްރީ އަށް ހަވާލުކުރާނެ ކަމަށެވެ.
"އެމްޑަބްލިއުއެސްސީން އަބަދުވެސް މަސައްކަތް ކުރަމުން މިދަނީ ރައްޔިތުންގެ ހާދިމުންގެ ގޮތުގައި ރައްޔިތުންނަށް ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ޓަކައި. އެހެންވީމަ ސީއެސްއާރުގެ ޕްރޮޖެކްޓްސްތައް އިތުރުކުރުމަށް ޓަކައި ކުރެވެން ހުރި މަސައްކަތްތައް މިހާރު ވެސް ދަނީ ކުރިއަށް،" ފަޒުލް ވިދާޅުވި އެވެ.
ފަޒުލް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ފެން ކުންފުނިން ސީއެސްއާރުގެ ގޮތުގައި ހިންގާ ޕްރޮޖެކްޓްތައް އިތުރުވާނެ ކަމަށެވެ.